އެޗްޑީސީ

އެޗްޑީސީގެ 600 މުވައްޒަފުން ސިޓީ ކައުންސިލަށް ބަދަލުކުރަނީ!

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލުން ދިނުމަށްޓަކައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުވައްޒަފުންގެ ގޮތުގައި މިހާރު ތިއްބެވި 600 އަށް ވުރެ ގިނަ މުވައްޒަފުން މާލެ ސިޓީ ކައުންސިލަށް ބަދަލުކުރުމަށް ނިންމައިފި އެވެ.

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މިދިޔަ ޑިސެމްބަރު 31 ވަނަ ދުވަހު އެވެ. އެކަމަކު ރަސްމީކޮށް ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް މާލެ ސިޓީ ކައުންސިލުން ފަށާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެންނެވެ.

މާލެ ސިޓީ ކައުންސިލްގެ އޮފިޝަލަކު މިއަދު އަވަސް އަށް ވިދާޅުވީ ހުޅުމާލޭގައި މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލުން ފެށުމަށްޓަކައި އެޗްޑީސީގެ މުވައްޒަފުންތަކެއް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރަންޖެހޭނެ ކަމަށެވެ. އެހެންކަމުން މިހާރު އެ މަރުހަލާ ހިނގަމުންދާ ކަމަށާއި އެޗްޑީސީ އިން މާލެ ސިޓީ ކައުންސިލަށް ބަދަލުކުރާ މުވައްޒަފުންގެ ސާފު އަދަދެއް އެނގޭނީ އެ މަރުހަލާ ނިމުމުން ކަމަށްވެސް ވިދާޅުވި އެވެ.

"އެޗްޑީސީގެ މުވައްޒަފުންތަކެއް ސިޓީ ކައުންސިލަށް ބަދަލުކުރާނަމަ އެ މުވައްޒަފުންގެ ރުހުން އޮތްތޯވެސް ބަލާނެ. ކޮންމެވެސް ވަރަކަށް އުޅޭނެ ބަދަލުވާން ބޭނުން ނުވާ މުވައްޒަފުންވެސް. އެހެންވެ މިކަން ނިމުން އަސްލު އަދަދެއް އެނގޭނީ،" އޭނާ ވިދާޅުވި އެވެ.

އެޗްޑީސީގެ މުވައްޒަފުން މާލެ ސިޓީ ކައުންސިލަށް ބަދަލުކުރި ނަމަވެސް އެ މުވައްޒަފުންނަށް މިހާރު ލިބޭ މުސާރައަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދެއްވާފަ އެވެ.

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ.