މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރުމާ ގުޅިގެން އެޗްޑީސީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު ސިޓީ ކައުންސިލުން އިސްތިއުނާފްކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ އޮފިޝަލަކު އަވަސް އަށް ވިދާޅުވީ ހުޅުމާލޭ ބިމުގެ މައްސަލައިގައި ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު އިސްތިއުނާފް ކުރަން މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ހައި ކޯޓަށް މިއަދު ފޮނުވާފައިވާ ކަމަށެވެ.
އެޗްޑީސީން ކޯޓަށް ވެއްދި މައްސަލާގައި ހުށަހަޅާފައިވަނީ މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރުމާ ގުޅިގެން އެޗްޑީސީއަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދާށެވެ. އަދި އޭގެ ކުރީން އެ ނިންމުމަށް އަމަލުކުރުން ފަސްކޮށް ދިނުމުގެ އަމުރަކަށްވެސް އެދިފައިވެ އެވެ
މި މައްސަލައިގައި ސިވިލް ކޯޓުން މިމަހުގެ 16 ވަނަ ދުވަހު ނެރެނު އަމުރުގައި ބުނެފައިވަނީ ސިޓީ ކައުންސިލްގެ ނިންމުމުގެ ސަބަބުން އެޗްޑީސީއަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބިގެން ހިނގައިދާނެތީ އެ ނިންމުމަށް އަމަލުކުރުން ފަސްކުރަން އަމުރުކުރާ ކަމަށެވެ. އެ އަމުރާ ގުޅޭ މައްސަލަ ނިމެންދެން އަމުރު ދެމި އޮންނާނެ އެވެ.
އެ އަމުރު ނެރުނީ ހުޅުމާލެ ތަރައްގީކުރުމަށް ކުރި ހަރަދާއި އެކަމަށްޓަކައި ނެގި ލޯނުތަކަކީ އެޗްޑީސީގެ ޒިންމާގައި އޮތް އެއްޗަކަށްވާތީ އެކަމަށްވެސް ބަލާފަ އެވެ.
އަމުރުގައި ބުނެފައިވަނީ އެޗްޑީސީން ހުޅުމާލޭގެ ތަރައްގީއަށް މިހާރު ކުރަމުންދާ މަސައްކަތްތަކަށް ހުރަހެއް އެޅޭނެ އެއްވެސް ކަމެއް ނުކުރުމަށާއި ސިޓީ ކައުންސިލްގެ ނިންމުން ތަންފީޒު ކުރުމުގެ ގޮތުންވެސް އެއްވެސް ކަމެއް ނުކުރުމަށެވެ.