އެޗްޑީސީ

ރަޖިސްޓްރި ބާތިލު ކުރިޔަސް އަސާސީ ހިދުމަތްތަކަށް ހުއްޓުމެއް ނާންނާނެ: އެޗްޑީސީ

މާލޭ ސިޓީ ކައުންސިލުން ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) އަށް ދޫކޮށްފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރި ނަމަވެސް އެޗްޑީސީން ދެމުންގެންދާ އަސާސީ އެއްވެސް ހިދުމަތަކަށް ހުއްޓުމެއް ނާންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެޗްޑީސީން މިއަދު ނެރުނު ބަޔާނުގައި ބުނީ ސިޓީ ކައުންސިލްގެ ނިންމުމަކީ ގާނޫނު އަސާސީއާ ހިލާފު ނިންމުމެއް ކަމަށާއި މި މައްސަލަ ބަަލައި ދިނުމަށް އެދި ކަމާ ބެހޭ ފަރާތްތަކަށް މައްސަލަ ހުށަހަޅައިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސިވިލް ކޯޓަށާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ހިމެނެ އެވެ.

އެޗްޑީސީން އިތުރަށް ބުނީ ހުޅުމާލެ ފޭސް އެކަކާއި ދޭކަކީ އެ ކޯޕަރޭޝަންގެ އަމިއްލަ ބިމެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ބިމަކަށް ވާތީ މި ސަރަހައްދުތައް ބެލެހެއްޓުމަށް ގިނަ ހިދުމަތްތަކެއް ވެސް ދޭން ޖެހޭތީއާ އެކު ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އެއްވެސް ހިދުމަތަތަކަށް ހުއްޓުމެއް ނާންނާނެ ކަމަށެވެ. އަދި އެޗްޑީސީގެ އަދާކުރަން ޖެހޭ ޒިންމާތައް އަދާކުރުމުގައި ދެމިތިބޭނެ ކަމަށެވެ.

"އަދި ގާނޫނާ ގަވައިދާ ހިލާފަށް ކުރެވޭ އެއްވެސް ކަމެއްގައި ރައްޔިތުންގެ ފަރާތުން ބައިވެރިނުވުމަކީ މިކޯޕަރޭޝަންގެ ވަރަށް ބޮޑު އިލްތިމާސްއެކެވެ،" އެޗްޑީސީގެ ބަޔާނުގައި ވެއެވެ.

ހުޅުމާލޭގެ އާންމު ހިދުމަތްތަކާއި މުނިސިޕަލް ހިދުމަތްތައް އެޗްޑީސީގެ ސަބަބުން ހުޅުމާލޭގައި ސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމަށް ދަތިވާތީއާއި އަދި އެޗްޑީސީން ގާނޫނާ ހިލާފަށް ކަންކަންކުރާ ކަމަށް ބުނެ އެޗްޑީސީގެ ރަޖިސްޓްރީ ބާތިލުކުރަން ކައުންސިލްއިން ފާސްކުރީ އިއްޔެ އެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރު ނަރީޝް އިއްޔެ ވިދާޅުވީ ހުޅުމާލޭގެ ކޮންޓްރޯލް ނަގައިގެން އުޅޭ އެޗްޑީސީން ގަވައިދާ ހިލާފަށް ކުރަމުންދާ ކަންކަން ހުއްޓުވަން ކަމާ ގުޅޭ އިދާރާތަކަށް ހުށަހެޅުމުން އެކަމުގައިވެސް އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ހައްލެއް ނުލިބުމުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރުން ނޫން ގޮތެއް ނެތިގެން އެ ފިޔަވަޅު އަޅަންޖެހުނީ ކަމަށްވެސް ވިދާޅުވި އެވެ.