ހުޅުމާލެއިން ގޯތި ވިއްކުމަކަކީ ގާނޫނީ ގޮތުން އެޗްޑީސީއަށް ކުރެވޭނެ ކަމެއް ނޫން ކަމަށް މާލޭ ސިޓީ ކައުުންސިލުން ބުނެފި އެވެ.
މާލޭ ސިޓީ ކައުންސިލްއިން މިހެން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކަން ނިންމުމާ ގުޅިހެން މިކަމާމެދު ކަންބޮޑުވުން ފާޅުކޮށް ކައުންސިލްއިން މިއަދު ނެރުނު ބަޔާނެއްގަ އެވެ.
އެޗްޑީސީން ނިންމާފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން 1603.07 އަކަ ފޫޓާއި 2633.93 އަކަފޫޓާ ދެމެދުގެ 60 ގޯތި ބީލަމުގެ އުސޫލުން ވިއްކާށެވެ. އެކަމަށްޓަކައި ބީލަން ފޯމް ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.
ގޯތި ވިއްކުން، ހަރުކަށި އިބާރާތުން ކުށްވެރިކޮށް މާލޭ ސިޓީ ކައުންސިލްއިން ބުނީ އެ ނިންމުން ނިންމީ މާލޭ ސިޓީ ކައުންސިލްގެ އެއްވެސް ބަހެއް ނެތި ކަމަށާއި ގޯތިގެދޮރުގެ މުހިންމުކަން ބޭނުންވެފައިވާ މާލޭގެ ގިނަ ރައްޔިތުން ތިއްބައި، އެފަދަ މީހުންނަށް ގޯތިގެދޮރު ލިބޭނެ ފުރުސަތު ނުދީ، މިއީ ހަމައެކަނި މުއްސަނދިންނަށް ހުޅުވާލި ފުރުސަތެއް ކަަމަށެވެ.
މާލޭ ސިޓީ ކައުންސިލްގެ ނަޒަރުގައި އެޗްޑީސީގެ ނިންމުމަކީ އެ ކުންފުނީގެ އާމްދަނީ އިތުރު ކުރުމަށް ނިންމި ނިންމުމެކެވެ. އަދި އެއީ ލާމަރުކަޒީ ގާނޫނާ ވެސް ހިލާފު ނިންމުމެކެވެ.
އެޗްޑީސީން ބިން ވިއްކަން ނިންމިއިރު މާލޭ ސިޓީ ކައުންސިލްއިން ވަނީ ހުޅުމާލޭގެ ރެޖިސްޓްރީ ވެސް ބާތިލްކޮށްފަ އެވެ. މި ނިންމުމަށް އަމަލުކުރުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން އަންގާފައިވާ އިރު މާލޭ ސިޓީ ކައުންސިލްއިން ވަނީ އެ ނިންމުން އިސްތިއުނާފު ކުރުމަށް ވެސް ނިންމައިފަ އެވެ.
އެހެންވެ، ހުޅުމާލޭގެ އިހްތިސޯސާމެދު ވަކި ގޮތެއް ނުނިމި އުޅެނިކޮށް އެޗްޑީސީން ގޯތި ވިއްކަން ނިންމި ނިންމުން މާލޭ ސިޓީ ކައުންސިލްއިން ކުށްވެރިކުރެ އެވެ.
"... ހުޅުމާލެ ބިމުގެ ވެރިފަރާތާއިމެދު ވަކި ގޮތެއް ނުނިމި ކޯޓު މަރުހަލާގައި އޮއްވައި އެޗްޑީސީން ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކުމަށް ނިންމި ނިންމުމަކީ ގާނޫނީ ގޮތުންވެސް އެޗްޑީސީއަށް ކުރެވޭނެ ކަމެއް ނޫން ކަމުގައި ދެކެމެވެ. ވީމާ ސަރުކާރުގެ މި ސިޔާސަތު ބަދަލު ކުރުމަށް މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސަރުކާރަށް ގޮވާލަމެވެ." އެޗްޑީސީގެ ބަޔާނުގައި ވެއެވެ.
ހުޅުމާލެއިން ގޯތި ވިއްކަން ނިންމިއިރު، އެންމެ ފަހުން ހުޅުމާލެއިން ގޯތި ވިއްކީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނެވިއިރު 2017 ވަނަ އަަހަރު އެވެ.
ހުޅުމާލެއިން ގޯތި ވިއްކަން ނިންމި ނިންމުން މުރާޖާކުރަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ގޮވާލައްވައިފަ އެވެ.