ޑރ. މުހައްމަދު މުއިއްޒު

"ހުޅުމާލެއާ ގުޅޭ ވައުދު ރައީސް ނުފުއްދާ"

Apr 9, 2022
1

މާލެ ސިޓީ ކައުންސިލްގެ އިހުތިސޯސްގެ ތެރެއަށް ހުޅުމާލެ ގެނައުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގަތް ވައުދުފުޅެއް ކަން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހަނދާން ކޮށްދެއްވައިފި އެވެ.

މޭޔަރު މުއިއްޒުގެ އޮފިސަލް ޓްވިޓާ އެކައުންޓުން މިއަދު ވަނީ ރައީސް "ރަށްވެހި ފަތިސް" ކެމްޕޭނުގައި ދެއްކެވި ވާހަކަފުޅެއްގެ ވީޑިއޯކޮޅެއް ޓްވީޓް ކުރައްވައިފަ އެވެ.

ރައީސް އޭރު ވިދާޅުވެފައި ވަނީ ހުޅުމާލެ އެޗްޑީސީގެ ދަށުން ނެގުމަށްފަހު އެއަވަށުގެ މުނިސިޕަލް ހިދުމަތާއި އިދާރީ އެހެނިހެން ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކޮށްދެއްވާނެ ކަމަށެވެ. ލާމަރުކަޒީ ގާނޫނަށް ގެނެވުނު ބަދަލުގެ ދަށުން އެކަން ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވެ އެވެ.

މިކަމާ ގުޅިގެން މޭޔަރު މުއިއްޒު މިއަދު ވަނީ މާލެ ސިޓީ ކައުންސިލް ހޮވޭ ހިސާބުން ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތަކާއި އިދާރީކަންކަން އޭރެއްގެ ކައުންސިލަކާ ހަވާލު ކުރައްވާނެ ކަމަށް އޭރު ރައީސް ވިދާޅުވި ނަމަވެސް މިހާރު އެކަން ނުކުރައްވަން އުޅުއްވަނީ ކީއްވެތޯ ސުވާލު ކުރައްވާފަ އެވެ.

މުއިއްޒު ވަނީ އެ ވައުދު ހަނދުމަފުޅު ނެތުނީތޯ އާއި ނުވަތަ ސަރުކާރު ނުރުހޭ ބަޔަކު ކައުންސަށް ރައްޔިތުން އިންތިހާބު ކުރުމުން ގަސްދުގައި ހުރަސް އަޅަނީތޯ ވެސް ސުވާލު ކުރައްވާފަ އެވެ. އަދި ވިދާޅުވެފައި ވަނީ މި ކަމަށް ސަރުކާރުން ޖަވާދާރީވާން ޖެހޭ ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ ހުޅުމާލެ ބިމުގެ ރަޖިސްޓްރީ ބާތިލުކޮށްފަ އެވެ. އެ ބިން ރަޖިސްޓް ރީކޮށްދީފައި ވަނީ އެޗްޑީސީ އަށެވެ. އެ ރަޖިސްޓްރީ ބާތިލްކޮށް ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލެ ގެންދަން އެ ކައުންސިލްގެ އާންމު ޖަލްސާއަކުން ފާސްކުރި އެވެ.

އެކަމަކު ސިޓީ ކައުންސިލްގެ ނިންމުން ގާނޫނު އަސާސީ އާއި ލާމަރުކަޒީ ގާނޫނުގެ އިތުރުން ބިމާ ބެހޭ ގާނޫނާ ވެސް ހިލާފު ކަމަށް ބުނެ އެޗްޑީސީ އިން އެ މައްސަލަ ކޯޓަށް ވެސް ވެއްދި އެވެ.