ސިޓީ ކައުންސިލާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކޯޅުން ބޮޑުވެ، އެޗްޑީސީ އުވާލަން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
މުއިއްޒު ވިދާޅުވީ މާލޭ ރައްޔިތުންގެ ހައްގުގައި އެޗްޑީސީ އުވައިލަން ޖެހޭ ކަމަށެވެ. އެޗްޑީސީއަކީ މާލޭގެ ރައްޔިތުންގެ ހައްގުތަކަށް އޮތް ހުރަހެއް ކަމަށް ވެސް މުއިއްޒު ގަބޫލު ކުރައްވަ އެވެ.
މިވަގުތު ރާއްޖޭން ބޭރުގައިި ހުންނެވި މުއިއްޒު ވިދާޅުވީ އެޗްޑީސީ އުވާލުމަށްފަހު މާލޭގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ސަރަހައްދަކީ ގާނޫނުގައި ބުނާ ފަދައިން ރައްޔިތުންގެ ވޯޓުން ހޮވާފައިވާ ކައުންސިލުން ބަލަހައްޓަން ޖެހޭ ތަނަކަށް ވާން ޖެހޭ ކަމަށެވެ.
ސިޓީ ކައުންސިލާއި އެޗްޑީސީގެ ކޯޅުން ބޮޑުވެ މާލެ ސިޓީ ކައުންސިލުން ވަނީ އެޗްޑީސީ އަށް ރަޖިސްޓްރީ ކޮށްދީފައި އޮތް ހުޅުމާލޭގެ ރަޖިސްޓްރީ ވެސް ބާތިލްކޮށްފަ އެވެ. އެކަމަކު ހުޅުމާލޭގެ ރަޖިސްޓްރީއާ ގުޅޭގޮތުން ކައުންސިލުން ނިންމި ނިންމުމަށް އަމަލު ކުރުން މަޑުޖައްސާލުމަށާއި އެ ނިންމުން ނިންމާފައިވާ ގޮތުގެ އިންކުއަރީއެއް ހަދަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުން ނިންމާފައިވެ އެވެ.
ރަޖިސްޓްރީ ބާތިލްކުރި މައްސަލަ އެޗްޑީސީން ސިވިލް ކޯޓަށް ހުށަހަޅައި މިހާރު އޮތީ ޝަރީއަތުގެ މަރުހަލާގަ އެވެ.
މާލެ ސިޓީ ކައުންސިލުން ދެކޮޅު ހަދަމުން ދަނިކޮށް އެޗްޑީސީން އިއްޔެ ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 60 ގޯތި ވިއްކުމަށް އިއުލާނުކޮށްފަ އެވެ. އެކަމަށް ވެސް މުއިއްޒު ވަނީ ފާޑުވިދާޅުވެފަ އެވެ.
މުއިއްޒު ވިދާޅުވެފައި ވަނީ ސިޓީ ކައުންސިލްގެ އިހްތިސޯސްގެ ތެރޭގައި ހިމެނޭ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މާލޭ ރައްޔިތުންނަށް ގޯތި ލިބޭނެ ގޮތް ފަހިކޮށްދިނުމަށްވުރެ ސަރުކާރުން އިސްކަންދެނީ ކުންފުންޏެއްގެ އާމްދަނީ އިތުރު ކުރުމަށް ކަމަށެވެ.