މިނިސްޓަރު އަލީ އިހުސާން

މަގުތައް ރައްކާތެރިކުރުމުގެ އެންގުންތައް ފުލުހުން ފުރިޔަމަޔަށް ތަންފީޒުކުރާނެ: އިހްސާން

މަގުތަކަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށްޓަކައި ކަމާއިގުޅޭ މުއައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އަންގަވާފައިވާ އެންގެވުންތައް ފުލުހުން ފުރިހަމަޔަށް ތަންފީޒު ކުރައްވާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މަގުތަކަކީ އެންމެންނަށްވެސް އަމާން ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށް ރައީސް އެންގެވީ ހުޅުމާލޭގައި ހުކުރު ދުވަހުގެ ރޭ ދަންވަރު ބާރަށް ދުއްވި ސްޕޯޓްސް ކާރަކުން ޖެހި މީހަކު މަރުވި ހާދިސާއަށްފަހު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއް ގައެވެ.

އެ ގޮތުން ކަނޑައެޅިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވާ، އުޅަނދު ދުއްވާ މީހާގެ ލައިސަންސް އާއި އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ރައީސް ވަނީ އަންގަވާފަ އެވެ. އަދި މަގުމަތީގެ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް ފުލުހުން ކުރާ މަސައްކަތް މިހާރަށްވުރެ އިތުރަށް ހަރުދަނާކުރުމަށްވެސް އަންގަވާފައިވެ އެވެ.

ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ މީހުންނާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނުތަކާއި ގަވާއިދުތައް އިސްލާހުކުރުމަށް ރައީސް ވަނީ އަންގަވާފަ އެވެ.

ރޭސިން އަދި ޑްރިފްޓިންގް އަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރުމަށް އޮކްޓޫބަރު 19، 2023 ގައި އެޗްޑީސީ އިން ދީފައިވާ ހުއްދަ ވަގުތުން ބާތިލުކުރުމަށްވެސް ރައީސް އަންގަވާފައިވެ އެވެ.

މީގެ އިތުރުން ވަކި ސީސީ (ހޯސްޕަވާ) އަކުން ފެށިގެން މަތީގެ އެއްގަމުގައި ދުއްވާ އުޅަނދުތައް އާންމު މަގުތަކުގައި ބޭނުން ނުކުރެވޭ ގޮތަށް ގާނޫނުތަކާއި ގަވާއިދުތައް އިސްލާހު ކުރުމަށާއި އެއްގަމު އުޅަނދުތަކުގެ ސައިލެންސަރު ބަދަލުކޮށްގެން އަޑުގަދަކޮށްގެން ދުއްވުން ހުއްޓުވުމަށް އެފަދަ އާލާތްތައް އެތެރެ ކުރުމާއި މަނާކުރުމަށް ގާނޫނާއި ގަވާއިދުތައް އިސްލާހުކުރުމަށްވެސް އަންގަވާފައިވެ އެވެ.