އެކްސިޑެންޓް

ބާރު ސްޕީޑުގައި ކާރު ދުއްވި މީހާގެ ވަނަވަރު ހާމަކޮށްފި

ހުޅުމާލޭގައި ރޭ ދަންވަރު ނުރައްކާތެރިކޮށް ދުއްވި ކާރަކުން ޖެހި މީހަކު މަރުވި ހާދިސާގައި ކާރު ދުއްވި މީހާގެ ވަނަވަރު ހާމަކޮށްފި އެވެ.

އެގޮތުން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، ވައިލެޓްފެހި، މުހައްމަދު ވިސާމު ސިދުގީ (26 އ) އެވެ.

ވިސާމު ބާރު ބާރު ސްޕީޑުގައި ދުއްވި ސްޕޯޓްސް ކާރަކުން ޖެހި މަރުވީ ލ. އިސްދޫއަށް އުފަން އުމުރުން 23 އަހަރުގެ ހަސަން ސަމާހު އެވެ.

ދުވުމަށް ހާއްސަ ޝައުގެއް ހުންނަ ހަސަން ސަމާހް އަކީ ކަރެކްޝަންސްގެ ޖަލު ބަލަހައްޓާ އޮފިސަރެކެވެ. އޭނާ މަރުވީ އަންނަ މަހު ކައިވެނިކުރަން ތައްޔާރުވަމުން ދަނިކޮށް ކަމަށް އެނގިފައިވެ އެވެ.

މި އެކްސިޑެންޓް ހިނގީ ހުޅުމާލެ ސެންޓްރަލް ޕާކް ކައިރިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރެއް ހަސަން ސަމާހް ދުއްވަމުން ދިޔަ ސައިކަލްގެ ޖެހިގެން ކަމަށާއި މި އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓްކުރީ ރޭ މެންދަމު 2:48 ހާއިރު ފުލުހުން މައުލޫމާތު ދެއެވެ.

ސަމާހް މަރުވީ އެކްސިޑެންޓާ ގުޅިގެން ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަތާ އިރުކޮޅެއް ފަހުން ކަމަށްވެ އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި ހަސަން ސަމާހް ރޭ ވަރަށް ލަސްވަންދެންވެސް އުޅުނީ އާއިލާ މީހުންނާ އެކު ކެއުމެއްގައެވެ. އަދި އޭނގެ ފަހުން މެރެތަން އޮންނަ ސެންޓްރަލް ޕާކް ސަރަހައްދަށް އެކްސިޑެންޓް ހިނގުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ބައެއް މީހުން ސައިކަލްގައި ގެންގޮސްދީފައިވާ ކަމަށްވެސް އެނގިފައިވެ އެވެ.

އެކްސިޑެންޓްވީ ވަގުތުވެސް ސަމާހްގެ ސައިކަލްގެ ފަހަތުގައި އެހެން މީހަކު އިން ކަމަށްވެ އެވެ. އޭނާއަށް ލިބުނު އަނިޔާތަކުގެ މާބޮޑު ތަފްސީލެއް ނުލިބެ އެވެ.