މޯލްޑިވްސް ޕޮލިސް ސާވިސް

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

ހުޅުމާލެ ދެވަނަ ފިޔަވައްސަށް ވަންނަ ބްރިޖު ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.

މިއެކްސިޑެންޓްގައި ނިޔާވީ އުމުރުން 65 އަހަރުގެ ދިވެހި ޓެކްސީ ޑްރައިވަރެކެވެ.

މި އެކްސިޑެންޓް ހިނގީ ހުޅުމާލޭގެ ހިތިގަސް މަގުގައި ޕްލެޓިނަމް ފްލެޓްތައް ހުންނަ ހިސާބުގައި ދެ ކާރު ޖެހި އެއް ކާރު ކޮންޓްރޯލް ނުވެ ގޮސް އެ މަގުގައި ބަހައްޓާފައި ހުރި ޑިވައިޑަރުތަކުގައި ޖެހިގެންނެވެ.

މިއެކްސިޑެންޓްގެ މައުލޫމާތު ލިބިފައިވަނީ ހަވީރު 5:47 ހާއިރު ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގައި އަނިޔާވެގެން ތިން މީހަކަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ. އެކަމަކު އެތަނުން އެކަކު ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުނެ އެވެ.

ނިޔާވެފައިވާ އަވަސް ރައިޑާ ގުޅިގެން ޓެކްސީ ކުރާ ޓެކްސީ ޑްރައިވަރެވެ. އެކްސިޑެންޓް ހިނގި ވަގުތު ޓެކްސީގައި އިނީ ޑްރައިވަރު އެކަނި ކަމަށް އެނގިފައިވެ އެވެ. އަނިޔާވި އަނެއް ދެ މީހުންނަކީ އެކްސިޑެންޓްވި އަނެއް ކާރުގައި ތިބި ދެ މީހުންނެވެ.

އެކްސިޑެންޓްގެ މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި ޑިވައިޑަރުތަކުގައި ޖެހުނު ގޮތެއް ޓެކްސީ ހުއްޓުން އެރި އެވެ. އަދި އެވަގުތު ޓެކްސީ ޑްރައިވަރު ހޭނެތުނު ކަމަށްވެސް ބައެއް މީހުން ބުނެފައިވެ އެވެ.

އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު އިތުރަށް ބަލައި ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.