މޯލްޑިވްސް ޕޮލިސް ސާވިސް

ސައިކަލަކާއި ކާރެެއް ޖެހި، މީހަކަށް ބޮޑެތި އަނިޔާތަކެއް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދުއްވި ކާރަކާއި ސައިކަލެއް ޖެހި މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓް ރިޕޯޓްކުރީ މިއަދު ހެނދުނު 6:50 ހާއިރު އެވެ.

އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް އަނިޔާގެ ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

އަނިޔާވި މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާއިރު ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރީގައި މިިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރުވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވެ އެވެ.

ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި ހިނގި މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާ ވަނީ މަރުވެފަ އެވެ.

ނުރައްކާތެރި އެކްސިޑެންޓްތައް އިތުރުވަމުންދާތީ ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ މީހުންނާމެދު ހަރުކަށި ފިޔަވަޅުތައް އެޅޭ ގޮތަށް ގާނޫނުތައް އިސްލާހުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ކަމާ ގުޅޭ އިދާރާތަކަށް އަންގަވާފަ އެވެ،