ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓްރީން އެޗްޑީސީއަށް ރަޖިސްޓްރީ ކޮށްދީފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމި ނިންމުމަކީ އެ ކައުންސިލަށް ނިންމޭނެ ނިންމުމެއް ނޫން ކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމި ނިންމުމަކީ ކުންފުންޏެއްގެ ދިފާގައި މާލޭގެ ރައްޔިތުންނާ ދެކޮޅަށް ނިންމި ނިންމުމެއް ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ސިފަ ކުރައްވައިފި އެވެ.
އެލްޖީއޭއިން ވަނީ ހައުސިން މިނިސްޓްރީން އެޗްޑީސީއަށް ރަޖިސްޓްރީ ކޮށްދީފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމި ނިންމުމަކީ އެ ކައުންސިލަށް ނިންމޭނެ ނިންމުމެއް ނޫން ކަމަށް ކަނޑައަޅާފައެވެ. އަދި އެކަމާއި ގުޅިގެން ތަހުގީގެއް ހިންގަން ވަނީ ނިންމާފައެވެ.
އެ ނިންމުމާއި ގުޅިގެން މުއިއްޒު މިއަދު ވިދާޅުވީ ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމި ނިންމުމަކީ ކުންފުންޏެއްގެ ދިފާގައި މާލޭގެ ރައްޔިތުންނާ ދެކޮޅަށް ނިންމި ނިންމުމެއް ކަމަށެވެ.
މާލެ ސިޓީ ކައުންސިލާއި އެޗްޑީސީއާ ދެމެދު ބޮޑު ކޯޅުމެއް އުފެދުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު ކޯލިޝަނުން ބާއްވަން އުޅުނު ޖަލްސާއަށް އެޗްޑީސީން ހުރަސް އެޅުމުންނެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން މާލެ ސިޓީ ކައުންސިލްގެ އިހްތިސާސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކަނޑައެޅުއްވިއިރު ހުޅުމާލެ ވަނީ މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގައި ހިމަނާފަ އެވެ. އެހެންވެ ހުޅުމާލޭގެ ޕަބްލިކް އޭރިއާތަކުގައި ޖަލްސާ ބާއްވަން އެދޭ ފަރާތްތަކަށް ހުއްދަ ދިނުމަކީ ކައުންސިލަށް ކުރެވޭނެ ކަމެއް ކަމަށް ބުނެ ސިޓީ ކައުންސިލުން އޮތީ އިދިކޮޅު ޖަލްސާ ބާއްވަން ހުއްދަ ދީފަ އެވެ. ނަމަވެސް ހުޅުމާލޭގެ ބިމުގެ ވެރިފަރާތަކީ އެޗްޑީސީ ކަމަށް ބުނެ އެ ކުންފުނިން ވަނީ ފުލުހުން މެދުވެރިކޮށް އިދިކޮޅު ޖަލްސާ ހުއްޓުވާފަ އެވެ.
އެޗްޑީސީގެ އެ އަމަލާ ގުޅިގެން ސިޓީ ކައުންސިލުން ވަނީ އެޗްޑީސީއަށް ހަދައިދީފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކުރުމަށް ނިންމާފަ އެވެ. އަދި އެޗްޑީސީން މިހާރު ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ.