މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރުމާއި ގުޅިގެން އެޗްޑީސީއަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ސިވިލް ކޯޓަށާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް މައްސަލަ ހުށަހަޅައިފި އެވެ.
ސިޓީ ކައުންސިލާއި އެޗްޑީސީގެ ކޯޅުުން ބޮޑުވެ މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރަން އިއްޔެ ވަނީ ނިންމާފަ އެވެ.
އެ ނިންމުން ކުށްވެރިކޮށް އެޗްޑީސީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކައުންސިލްގެ ނިންމުމަކީ މުދާ ހޯދުމާއި މުދާ ލިބިގަތުމުގެ އަދި ބިމާ ބެހޭ ގާނޫނާއި ލާމަރުކަޒީ ގާނޫނާވެސް ހިލާފު ނިންމުމެއް ކަމަށެވެ. އަދި އެހެން ބައެއްގެ އަތުގައި އޮތް ބިމެއްގެ ބެލެނިވެރިކަން ދެވޭނީ ޝަރުއީ ކޯޓަކަށް ކަމަަށް ވެސް ވަނީ ބުނެފަ އެވެ. އެހެންކަމުން އެ ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި، އެނިންމުން ބާތިލުކޮށް އަދި ގާނޫނީ އިމުގެ ތެރެއިން ކަންކުރުމަށް ސިޓީ ކައުންސިލަށް އެނގުމަށް އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުގެ އިތުރުން އެލްޖީއޭއަށް ހުށަހަޅާފައިވާނެ ކަމަށް އެޗްޑީސީން މިއަދު ވަނީ ބުނެފަ އެވެ.
މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ އާ ކައުންސިލް އިންތިހާބުވުމާއި އެކުގައި ލާމަރުކަޒީ ގާނޫނުގެ ދަށުން ހުޅުމާލެ ކައުންސިލްގެ ދަށަށް ގެނައުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ މަޝްވަރާކުރެއްވި ކަމަށެވެ. ހުޅުމާލެ، މާލެ ސިޓީ ކައުންސިލާ ހަވާލުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި ނަމަވެސް މިއަދު މަންޒަރު ބަދަލުވެފައިވާ ކަމަށާއި، އާ ސިޓީ ކައުންސިލަށް ހަ މަސް ފުރުނު އިރުވެސް ސަރުކާރުގެ އެއްބާރުލުން ނުލިބޭ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ އެޗްޑީސީ އަށް ދޫކޮށްފައި އޮތް ހުޅުމާލޭގެ ރަޖިސްޓްރީ ބޭނުންކޮށްގެން އެ ކުންފުނިން ނަހަމަ ކަންތައްތަކެއް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވަ އެވެ.
މާލޭ ސިޓީ ކައުންސިލުން އިއްޔެ ކުރިއަށް ގެންދިޔަ ކައުންސިލް ބައްދަލުވުމުގައި ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރަން ހުށަހެޅުއްވީ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އެވެ.
ނަރީޝްގެ ހުށަހެޅުން ކައުންސިލުން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވި ކައުންސިލަރުންގެ އަގުލަބިއްޔަތުންނެވެ. ރަޖިސްޓްރީ ބާތިލްކުރަން ވޯޓު ދެއްވި މެމްބަރުންގެ ތެރޭގައި އެމްޑީޕީގެ ދެ ކައުންސިލަރަކު ވެސް ހިމެނެ އެވެ. އެއީ ހެންވޭރު އުތުރު ދާއިރާގެ ކައުންސިލަރު އައިޝަތު ނިޒްލީ ރަޝީދާއި މައްޗަށް ގޯޅި މެދު ދާއިރާގެ ކައުންސިލަރު އަހްމަދު ޒަމީރު އެވެ.