މާލެ ސިޓީ ކައުންސިލުން ރޯދަ މަހަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާ ވަގުތީ މާރުކޭޓުގެ ގޮޅިތައް ލިބޭ މީހުންގެ މެދުގައި ގުރުއަތު ނެގުން މިއަދު ކުރިއަށް ގެންގޮސްފި އެވެ.
ގުރު ނެގުމުގައި މާލޭ ސިޓީ ކައުންސިލްގެ މެންބަރުންނާއި ވަގުތީ މާރުކޭޓުގެ ގޮޅިތަކަށް އެދުނު މީހުން ބައިވެރިވި އެވެ.
ރޯދަ މަހަށް ހާއްސަކޮށް ވަގުތީ ބާޒާރެއް ހަދަން މާލޭ ސިޓީ ކައުންސިލްގެ 90 ވަނަ ރަސްމީ އާންމު ޖަލްސާއަށް ހުށަހެޅުއްވީ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގިނަ އާއިލާތަކެއް ދިރިއުޅެމުންދާކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހުން ރޯދަ މަހު މާލެއަށް ނުވަތަ ހުޅުމާލޭ ފުރަތަމަ ފިޔަވައްސަށް ގޮސް ތަރުކާރީ ފަދަ ތަކެތި ހޯދުމަކީ ދަތިކަމަކަށްވާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ދުރާލާ މަސައްކަތްކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވަގުތީ ލޯކަލް މާރުކޭޓެއް ހުޅުވާނީ މާލެ ސިޓީ ކައުންސިލަށްވެސް އެކަމުން އާމްދަނީއެއް ލިބޭ ގޮތަށެވެ.
ރޯދަ މަހަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހަދަން މާލޭ ސިޓީ ކައުންސިލަށް ބިން ހަމަޖައްސައިދީފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ބުނެފަ އެވެ.
ރޯދަ މަހަށް ހުޅުމާލެ ދެވަނަ ފިޔަވަހި ހިޔާ ސަރަހައްދުގައި ވަގުތީ މާރުކޭޓެއް ހަދަން އެޗްޑީސީ އިން ވެސް ވަނީ ނިންމާފަ އެވެ.