މާލޭ ސިޓީ ކައުންސިލް

ހުޅުމާލެ ބިމުގެ މައްސަލަ އިސްތިއުނާފު ކުރަނީ

މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރުމާ ގުޅިގެން އެޗްޑީސީން ސިވިލް ކޯޓަށް ހުށައެޅި މައްސަލާގައި ނެރުނު ވަގުތީ އަމުރު ސިޓީ ކައުންސިލުން އިސްތިއުނާފް ކުރަން ނިންމައިފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ ސްޕޯކްސްޕާސަން މަރިމަޔް ޝިއުނާ ވިދާޅުވީ ހުޅުމާލޭ ބިމުގެ މައްސަލައިގައި ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު އިސްތިއުނާފް ކުރަން މި ހަފްތާ ތެރޭގައި ހައި ކޯޓަށް ފޮނުވާނެ ކަމަށެވެ.

"ކައުންސިލްގެ ލީގަލް ޓީމުން މިހާރު ތައްޔާރުވަމުންދަނީ އެ މައްސަލަ އިސްތިއުނާފަށް ހައި ކޯޓަށް ހުށަހަޅަން،" ޝިއުނާ ވިދާޅުވި އެވެ.

އެޗްޑީސީން ކޯޓަށް ވެއްދި މައްސަލާގައި ހުށަހަޅާފައިވަނީ މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރުމާ ގުޅިގެން އެޗްޑީސީއަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދާށެވެ. އަދި އޭގެ ކުރީން އެ ނިންމުމަށް އަމަލުކުރުން ފަސްކޮށް ދިނުމުގެ އަމުރަކަށްވެސް އެދިފައިވެ އެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން މިމަހުގެ 16 ވަނަ ދުވަހު ނެރެނު އަމުރުގައި ބުނެފައިވަނީ ސިޓީ ކައުންސިލްގެ ނިންމުމުގެ ސަބަބުން އެޗްޑީސީއަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބިގެން ހިނގައިދާނެތީ އެ ނިންމުމަށް އަމަލުކުރުން ފަސް ކުރަން އަމުރުކުރާ ކަމަށެވެ. އެ އަމުރާ ގުޅޭ މައްސަލަ ނިމެންދެން އަމުރު ދެމި އޮންނާނެ އެވެ.

އެ އަމުރު ނެރުނީ ހުޅުމާލެ ތަރައްގީ ކުރުމަށް ކުރި ހަރަދާއި އެކަމަށްޓަކައި ނެގި ލޯނުތަކަކީ އެޗްޑީސީގެ ޒިންމާގައި އޮތް އެއްޗަކަށްވާތީ އެކަމަށްވެސް ބަލާފަ އެވެ.

އަމުރުގައި ބުނެފައިވަނީ އެޗްޑީސީން ހުޅުމާލޭގެ ތަރައްގީއަށް މިހާރު ކުރަމުންދާ މަސައްކަތްތަކަށް ހުރަހެއް އެޅޭނެ އެއްވެސް ކަމެއް ނުކުރުމަށާއި ސިޓީ ކައުންސިލްގެ ނިންމުން ތަންފީޒު ކުރުމުގެ ގޮތުންވެސް އެއްވެސް ކަމެއް ނުކުރުމަށެވެ.