މާލޭ ސިޓީ ކައުންސިލުން މާލެއާއި ހުޅުމާލޭގައި ބަހުގެ ހިދުމަތް މާދަމާ ފެށުމަށް ނިންމައިފި އެވެ.
ބަހުގެ ހިދުމަތް ފެށުމަށް މާލެއަށް ބަސް ގެނެސް "މާލެ ސިޓީގައި މާލޭ ސިޓީ ކައުންސިލުން ބަހުގެ ހިދުމަތް ދިނުމާ ގުޅޭ އުސޫލު"ގެ ނަމުގައި ކަމާ ގުޅޭ އުސޫލު ވެސް މިހާރު ވަނީ ގެޒެޓްކޮށްފަ އެވެ.
މާލެ ސިޓީ ކައުންސިލުން މާލެއާއި ހުޅުމާލޭގައި ބަހުގެ ހިދުމަތް ދޭއިރު އިސްކަން ދޭން ނިންމާފައިވަނީ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށެވެ. ނަމަވެސް ވަކި އުސޫލުތަކެއްގެ ތެރެއިން އާންމުންނަށްވެސް އަދި ސަރުކާރު މުވައްޒަފުންނަށްވެސް ދަތުރުކުރެވޭނެ އެވެ. މީގެއިތުރުން ކައުންސިލްގެ ބަސް ޕްރައިވެޓް ހަޔާގެ ގޮތުގައި ކުއްޔަށް ނެގޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފަ އެވެ.
މާލެ ސިޓީ ކައުންސިލުން މިފަށާ ބަހުގެ ހިދުމަތުގެ މަގުސަދަކީ މާލެއާއި ހުޅުމާލޭގައި ދިރިއުޅޭ މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނާއި އެހެނިހެން އޮފީސްތަކުގެ މުވައްޒަފުން އުފުލުމުގެ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ދިނުން ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.
ވަކި ޝެޑިއުލެއްގެ ތެރެއިން މިހިދުމަތް ދިނުމަށް ހަމަޖައްސާފައިވަނީ 24 ގަޑިއިރު ދޭ ހިދުމަތެއްގެ ގޮތުގަ އެވެ.
ސިޓީ ކައުންސިލުން ބަހުގެ ހިދުމަތް ދޭން ނިންމާފައިވަނީ ދެ ގިންތި އަކަށް ބަހާލައިގެންނެވެ. އެއީ ފަސިންޖަރުން ދަތުރުކުރާ ބަސްތަކާއި ހާއްސަ ދަތުރުތައް ކުރާ ބަސް ތަކެވެ. ބަހުގެ ހިދުމަތަށް ދަތުރުތަކަށް އަގުނެގުންވެސް ދެ ގިންތިއަކަށް ބަހާލާފައިވެ އެވެ. އެއީ އޮފީސްތަކުން އެދިގެން ކުރާ ދަތުރުތަކަށް ނަގާ ފައިސާއާއި ހުސް ޖާގަ އޮވެގެން ޢާއްމުންގެ ފަރާތުން އަރާ ފަރާތްތަކުގެ އަތުން ނަގާ އަގެވެ.
ބަހުގެ ހިދުމަތް ބޭނުންކުރާ މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން އަތުން އެއްވެސް ފީ އެއް ނެގުމަށް ހަމަޖެހިފައެއް ނުވެ އެވެ. ނަމަވެސް ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ބަހުގައި ދަތުރުކުރެވޭނީ ބަސްކާޑު ބޭނުންކޮށްގެންނެވެ.
އުސޫލުގައިވާ ގޮތުން ކައުންސިލްގެ މުވައްޒަފުންގެ އިތުރުން އެހެން އިދާރާއެއްގެ މުވައްޒަފުން ބަހުގައި ގެންދަން ބޭނުންނަމަ ކޮންމެ ދަތުރެއްގެ ކޮޅަކަށް އެ އޮފީހަކުން ދައްކަންޖެހޭ އަދަދަށް އުސޫލުގައިވާ ފަދައިން ފައިސާ ދެއްކުމުން ދަތުރު ކުރެވޭނެ އެވެ. މި އުސޫލުގެ ދަށުން އެއްވެސް އަގަކާ ނުލާ ހިލޭ ސާބަހަށް ބަހުގައި ދަތުރު ކުރެވޭނީ އުމުރުން 65 އަހަރުން ފެށިގެން ދޮށީ އުމުރުގެ މީހުންނަށާއި އެންސްޕާގައި ރަޖިސްޓްރީވެފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި އަދި އުމުރުން ހަ އަހަރުން ދަށުގެ ކުޑަކުދިންނަށެވެ.
މާލެ ސިޓީ ކައުންސިލްގެ މިއަދު ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި ހިދުމަތް ތައާރަފް ކުރަން ނިންމީ ކައުންސިލްގެ މުވައްޒަފުން ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭކުންވެސް މާލެ އަންނަން ޖެހުމާއިއެކު މިކަމަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.
"މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތިން ސްކޫލްގެ މުވައްޒަފުންނަށްވެސް ކައުންސިލް ބަހުގައި ދަތުރު ކުރެވޭނެ. ޕްރައިވެޓް ހަޔާގެ ގޮތުގައި ވެސް ޚިދުމަތް ދެވޭ ގޮތަށް ކައުންސިލުން އުސޫލު ފާސްކޮށްފައިވާނީ،" މުއިއްޒު ވިދާޅުވި އެވެ.