ކައުންސިލަށް އެއް އަހަރު ފުރިގެން ދިޔައިރު ގިނަ މަސައްކަތްތަކެއް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދުވުނު ނަމަވެސް ބޮޑެތި މުހިންމު މަސައްކަތްތަކެއް ނުކުރެވި ހުރީ ސަރުކާރުން އެއްބާރުލުން ނުދޭތީ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކައުންސިލު މެންބަރުން ހުވާ ކުރިތާ އަހަރެއް ފުރުމާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވެފައި ވަނީ ގިނަ ކަންކަމުގައި އެކި މުއައްސަސާތަކުން ސިޓީ ކައުންސިލަށް އެއްބާރުލުން ދޭ ކަމަށެވެ. އެކަމަކު މަގު ހެދުން ފަދަ މުހިންމު ކަންކަމަށް ހުރަސް އަޅާ ކަމަށް ވިދާޅުވި އެވެ.
މާލޭގެ މަގު ހެދުމަށް ބަޖެޓު ކަނޑައަޅާފައިވީ ނަމަވެސް އެ ފައިސާ ކައުންސިލަށް ދޫކޮށްފައި ނުވާ ކަމަށް ކުރިން ވެސް މުއިއްޒު ވިދާޅުވެފައި ވެއެވެ. އެކަން ތަކުރާރު ކުރައްވަމުން ވިދާޅުވީ މިހާރުގެ ކައުންސިލު އައި އިރުވެސް މަގުތައް ދިޔައީ ހަދަމުން ކަމަށާއި އެ މަޝްރޫއުގެ ސްކޯޕަށް ވެސް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ. އެކަމަކު އާ ކައުންސިލް އައުމާއެކު ބަޖެޓު ހިފަހައްޓައި އެ މަޝްރޫއަށް ސަރުކާރުން ހުރަސް އަޅާފައިވާ ކަމަށެވެ.
އަމީނީމަގު ފަދަ މަގުތަކަކީ ވިއްސާރު ވެއްޖެނަމަ ފެން ބޮޑުވެ އަދި ދުއްވަން ވެސް އެހާ އުނދަގޫ މަގުތަކެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ. ސަރުކާރުން ފައިސާ ދޫކުރި ނަމަ އަހަރެއް ވެގެންދިޔައިރު އަމީނީ މަގުގައި އޮންނާނީ ތާރު އެޅިފައި ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ދެން ފާހަގަކުރެއްވީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް އެ ކައުންސިލްގެ ދަށަށް ބަދަލު ނުކޮށްދޭން އުޅޭ އުޅުމެވެ.
"މިސާލަކަށް ހުޅުމާލެ މުނިސިޕަލް ހިދުމަތް ހަވާލު ކުރުން. އެއީ ގާނޫނުގެ ދަށުން ކުރަން ޖެހޭ ކަމެއް އެހެން ނަމަވެސް ހަވާލު ނުކޮށް އެއޮތީ. އެހެންވީމާ މިކަހަލަ ބައެއް ކަންކަން ހަވާލުކޮށް އަދި ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ދާން ފުރުސަތު ދެއްވާނެ ކަމުގެ އުންމީދާއެކު މިއަދު މިކަން މި ފާހަގަ ކުރަނީ،" މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން، ކުންފުނި ހަދަން ވެސް ސަރުކާރުން އެއްބާރުލުން ދީފައި ނުވާ ކަން ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި މުހިންމު ކަންކަމުގައި ސިޓީ ކައުންސިލްގެ މަޝްވަރާ ނުހޯދާ ކަމަށް ވެސް ވިދާޅުވި އެވެ. ކުރިއަށް އޮތްތަނުގައި އެކަންކަން ބަދަލުވެގެން އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކައުންސިލްގެ ހުރިހާ މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.