ޑރ. މުހައްމަދު މުއިއްޒު

ކުންފުނި ނުހެދުމުން ޕްލޭން ބަދަލު ކުރަނީ

މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް މާލޭ ސިޓީ ކައުންސިލުން އަޅަން ނިންމާފައިވާ ހައުސިން ޔުނިޓްތަކުގެ މަސައްކަތް އިންވެސްޓަރުން ހޯދައިގެން ޑިވެލޮޕާ ފައިނޭންސް މޮޑަލްގެ ދަށުން ކުރުމަށް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މާލޭގައި 2000 ހައުސިން ޔުނިޓް އަދި ވިލިމާލޭގައި 500 ހައުސިން ޔުނިޓް އެޅުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ. އަދި އެކަމާ ގުޅޭ ކުންފުނި އުފައްދަން ސަރުކާރަށް ހުށަހަޅާފައިވީ ނަމަވެސް މިހާތަނަށް ވެސް ސަރުކާރުން އެކަމާ ގުޅޭ ހުއްދައެއް ނުދެ އެވެ.

އެހެންކަމުން ބޯހިޔާވަހިކަމުގެ މައްސަލައިގައި ކައުންސިލްގެ ދެވަނަ ޕްލޭނަކީ ކޮބައިތޯ އަވަސް އިން ސުވާލުކުރުމުން މޭޔަރު ވިދާޅުވީ ސަރުކާރުން ކުންފުނި އުފައްދަށް ހުއްދަ ނުދޭތީ އިންވެސްޓަރުން ހޯދައިގެން ޑިވެލޮޕާ ފައިނޭންސް މޮޑަލްގެ ދަށުން ހައުސިން ޔުނިޓްތަކުގެ މަސައްކަތް ކުރިއަށް ގެއްދިއުމަށް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މިހާރު ވަނީ ބައެއް ބިންތަކަށް އިންވެސްޓުކުރަން ބޭނުންވާ ފަރާތްތައް ހޯދަން ހުޅުވާލާފައި ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ސޯލިހްގެ މި އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވީ 7،000 ހައުސިން ޔުނިޓް މާލެ ރައްޔިތުންނަށް އެޅުމުގެ މަސައްކަތްތައް ހިނގަމުންދާ ކަމަށާއި މާލެ ރައްޔިތުންނަށް 5،000 ގޯތި ވެސް ވެރިކަމުގެ މިދައުރުގައި ދެއްވާނެ ކަމަށެވެ.

ހައުސިން ޔުނިޓްތައް ސަރުކާރުން އެބުނާ އަދަދަށް ހަދަމުންދާ ކަމަށް ގަބޫލުކުރައްވަންތޯ އެހުމުން މޭޔަރު ވިދާޅުވީ ސަރުކާރުން އަޅާނެ ކަމަށް ބުނާ ހައުސިން ޔުނިޓްތަކުގެ އަދަދު ބުނަނީ އެކި ދުވަހު އެކި އަދަދަށް ކަމަށެވެ. އެހެންވެ އެ އަދަދުތަކުން އެއްވެސް އެއްޗެއް އެނގިވަޑައިނުގަންނަވާ ކަމުގައިވެސް ވިދާޅުވި އެވެ.

"އެކި އަދަދު ވިދާޅުވާތީ އަޅުގަނޑަށް ސާފެއް ނުވޭ މަޝްރޫއު އަސްލު ހިނގާ އަދަދަކީ ކޮބައިކަން. އެއީ ތިން ރިޔާސީ ބަޔާނުގައި ވެސް ތިން އަދަދެއް ވިދާޅުވި ތަން ފެނިގެން މިދިޔައީ." މޭޔަރު ވިދާޅުވި އެވެ.

މިހާރު އަޑުއިވެނީ މާލޭގެ ރައްޔިތުނަށް ހުޅުމާލެއިން 1000 ގޯތި ދޫކުރާ ވާހަކަ ކަމަށާއި މިކަމާ ގުޅޭގޮތުން މާލޭ ސިޓީ ކައުންސިލާ ރަސްމީކޮށް އަދި ނުރަސްމީކޮށް ވެސް އެއްވެސް މައުލޫމާތެއް ސަރުކާރުން ހިއްސާކޮށްފައި ނުވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން ގޯތި ދޫކުރަން ޖެހޭނީ ހިލޭ ކަމަށެވެ. ރައްޔިތުންނަށް ގޯތި ލިބި، ބޯހިޔާވަހިކަން ބޭނުންވާ އެންމެ ނިކަމެތި މީހާގެ ތަކްލީފްތަކަށް ހައްލެއް ލިބިގެން ދިއުމަކީ ކައުންސިލުން އެންމެ އުއްމީދު ކުރައްވާ ގޮތް ކަމުގައިވެސް ވިދާޅުވި އެވެ.

ސަރުކާރުގެ މަސައްކަތު ސްޕީޑް ހުރި ގޮތުން މިވެރިކަމުގެ ތެރޭގައި ރައީސް ވިދާޅުވާ އަދަދަށް ގޯތި ދޫކުރެވި ހައުސިން ޔުނިޓް އެޅޭނެ ކަމަށް ގަބޫލުކުރައްވަންތޯ އެހުމުން މޭޔަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމެއް ކުރައްވަން ވިދާޅުވާނަމަ އެކަމެއް ކުރެވޭނެ ގޮތެއް ހޯއްދަވާފައި ނޫނީ ކަމެއްގެ ވާހަކަ ވިދާޅުނުވާނެ ކަމަށް ކައުންސިލުން ދެކޭ ކަމަށެވެ.

"އަޅުގަނޑުމެން އުއްމީދު ވެސް ކުރަނީ އެ މަސައްކަތްތައް ރައީސް ސޯލިހު ވިދާޅުވި ގޮތަށް އެމަނިކުފާނުގެ ވެރިކަމުގައި ނިންމާނެ ކަމަށް،" މުއިއްޒު ވިދާޅުވި އެވެ.