އެޗްޑީސީ

ގެއްލުމުގެ ބަދަލު ހޯދަން ކައުންސިލާ ދެކޮޅަށް ދައުވާ ކުރަން އެޗްޑީސީން ނިންމައިފި

މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރަން ނިންމި ނިންމުމަކީ ނާތަހުޒީބު ނިންމުމެއް ކަމަށާ އެ ނިންމުމާއި ގުޅިގެން އެޗްޑީސީއަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ސިޓީ ކައުންސިލުގެ މައްޗަށް ދައުވާ ކުރާނެ ކަމަަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

މާލޭ ސިޓީ ކައުންސިލާއި އެޗްޑީސީގެ ކޯޅުުން ބޮޑުވެ މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރަން މިއަދު ވަނީ ނިންމާފައެވެ. އެ ނިންމުން ކުށްވެރިކޮށް އެޗްޑީސީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކައުންސިލްގެ ނިންމުމަކީ މުދާ ހޯދުމާއި މުދާ ލިބިގަތުމުގެ އަދި ބިމާ ބެހޭ ގާނޫނާއި ލާމަރުކަޒީ ގާނޫނާވެސް ހިލާފު ނިންމުމެއް ކަމަށެވެ. އަދި އެހެން ބައެއްގެ އަތުގައި އޮތް ބިމެއްގެ ބެލެނިވެރިކަން ދެވޭނީ ޝަރުއީ ކޯޓަކަށް ކަމަަށް ވަނީ ބުނެފައެވެ.

ސިޓީ ކައުންސިލުގެ ނިންމުމާއި ގުޅިގެން އެޗްޑީސީއަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ސިޓީ ކައުންސިލުގެ މައްޗަށް ދައުވާ ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ކުރިއަށް ގެންދިޔަ ކައުންސިލް ބައްދަލުވުމުގައި ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރަން ހުށަހެޅުއްވީ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އެވެ.

ނަރީޝްގެ ހުށަހެޅުން ކައުންސިލުން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވި ކައުންސިލަރުންގެ އަގުލަބިއްޔަތުންނެވެ. ރަޖިސްޓްރީ ބާތިލްކުރަން ވޯޓު ދެއްވި މެމްބަރުންގެ ތެރޭގައި އެމްޑީޕީގެ ދެ ކައުންސިލަރަކު ވެސް ހިމެނެ އެވެ. އެއީ ހެންވޭރު އުތުރު ދާއިރާގެ ކައުންސިލަރު އައިޝަތު ނިޒްލީ ރަޝީދާއި މައްޗަށް ގޯޅި މެދު ދާއިރާގެ ކައުންސިލަރު އަހްމަދު ޒަމީރު އެވެ.

ނަރީޝް ވިދާޅުވީ ހުޅުމާލެ ރަޖިސްޓްރީ ބާތިލުކުރަން ނިންމީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ސިޓީ ކައުންސިލްގެ އިހުތިސާސްގައި ހުޅުމާލެ ކަނޑައަޅާފައި އޮތް ނަމަވެސް ހުޅުމާލޭގެ އާންމު ހިދުމަތްތަކާއި މުނިސިޕަލް ހިދުމަތްތައް އެޗްޑީސީގެ ސަބަބުން ހުޅުމާލޭގައި ސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމަށް އެއްވެސް ކުރިއެރުމެއް ނުލިބުމުން ކަމަށެވެ. އަދި އެކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިިހާ ވެސް މީގެ ކުރިން ބައްދަލުކުރެއްވުމުން އެކަން އަވަސް ކޮށްދެއްވާނެ ކަމަށް ވިދާޅުވި ނަމަވެސް އެކަން ކޮޅެއްގައި ނުޖެހި ދިގުލަމުންދާ ކަމަށެވެ.

މި މައްސަލައަށް ހައްލެއް ނުލިބިގެން އެލްޖީއޭއާވެސް ވާހަކަ ދައްކައި މަޖިލީހުގެ ތެރެއިންވެސް ހައްލެއް ހޯދަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެއްވެސް އިދާރާ އަކުން އެއްވެސް ހައްލެއް މައްސަލަ އަށް ލިބިފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިހާރުވެސް މި އަންނަނީ ހުޅުމާލޭގެ ފޭސް ދޭކުން މާލެއަށް ބަހުން ނާދެވިގެން ޝަކުވާ. އެތަނުން މުނިސިޕަލް ސާވިސް ނުލިބިގެން ޝަކުވާ. އެހެންގޮސް އާންމު ހިދުމަތްތަކާ ބެހޭ ހުރިހާ ޝަކުވާއެއް މި އަންނަނީ އަޅުގަނޑުމެންނަށް. ދެން ގާނުނު ބުނާގޮތުން އިމާރާތް ކުރުމުގެ ހުއްދަ ދޭން މި ޖެހެނީ ސިޓީ ކައުންސިލަށް. ކުންފުންޏަކުން މި ހިދުމަތް މި ދެނީ ގާނޫނާ ހިލާފަށް. އިންވަކިކުރުން ސިޓީ ކައުންސިލަށް ލާޒިމްކޮށްފައި އޮންނަ ކަމެއް." ނަރީޝް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުޅުމާލޭގެ ކޮންޓްރޯލް ނަގައިގެން އުޅޭ އެޗްޑީސީން ގަވައިދާ ހިލާފަށް ކުރަމުންދާ ކަންކަން ހުއްޓުވަން ކަމާ ގުޅޭ އިދާރާތަކަށް ހުށަހެޅުމުން އެކަމުގައިވެސް އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ހައްލެއް ނުލިބުމުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރުން ނޫން ގޮތެއް ނެތިގެން އެ ފިޔަވަޅު އަޅަންޖެހުނީ ކަމަށްވެސް ވިދާޅުވި އެވެ.

"ދެން އެޗްޑީސީން ކޯޓަށް ވަޑައިގަންނަވަންޏާ ކޯޓަން ވަޑައިގަންނަވަންވީ. އަޅުގަނޑުމެންވެސް ގާނޫނީ ގޮތުން ވާން ޖެހޭ ތައްޔާރީތައް ވެގެން މި ނިންމުން ނިންމީ" ނަރީޝް ވިދާޅުވި އެވެ.

ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރި އިރު ޕީޕީއެމްއިން ހުޅުމާލޭގައި ބާއްވަން ނިންމި ޖަލްސާއާ ގުޅިގެން މައްސަލަ ވަނީ ހޫނުވެފަ އެވެ. އެޗްޑީސީން ބުނީ އެ ޖަލްސާ ބޭއްވޭނީ އެޗްޑީސީގެ ހުއްދަ ލިބިގެން ކަމަށެވެ. މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ މިވަގުތު އޮތް ޕީޕީއެމުން އޮތީ ޖަލްސާ ބާއްވަން ހުއްދަ ދީފަ އެވެ.