މާލޭ ސިޓީ ކައުންސިލް

މާލޭ މޭޔަރުގެ ޒިންމާތައް ނަރީޝްއާ ހަވާލުުކުރަނީ

Oct 4, 2023

މާލޭގެ މޭޔަރުގެ ޒިންމާ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝްއާ ހަވާލުކުރަން ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި މިގޮތަށް ނިންމީ މޭޔަރުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވުމާ ގުޅިގެންނެވެ.

މިއަދުގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީވެސް އިންތިހާބީ ރައީސް ޑރ. މުއިއްޒު އެވެ. މާލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި މިއަދުގެ ބައްދަލުވުމަކީ މޭޔަރުގެ މަގާމުގައި ޑރ. މުއިއްޒު ރިޔާސަތު ބަލަހައްޓަވާ ފަހު ބައްދަލުވުމެވެ.

މިއަދުގެ ބައްދަލުވުމުގައި ޑރ. މުއިއްޒު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރައްވަންދެން އެމަނިކުފާނު މަގާމުގައި ދެމިހުންނަވާނެ ކަމަށެވެ. އެހެންނަމަވެސް މަގާމުގެ ޒިންމާތައް ޑެޕިއުޓީ މޭޔަރާ ހަވާލުކުރުމަކީ ގާނޫނީ ގޮތުން ކުރެވެން އޮތް ކަމަކަށްވާތީ އެގޮތަށް އެކަން ކުރުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ފެންނާތީ ޑެޕިއުޓީ މޭޔަރާ ޒިންމާތައް ހަވާލުކުރަން ނިންމަވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑަށް ޓްރާންސިޝަން ޕީރިއަޑުގައި ޓްރާންސިޝަން މަސައްކަތްތަކަށް ވަރަށް ވަގުތު ދޭން ބޭނުންވޭ. އެހެންނޫނިއްޔާ 17 ނޮވެންބަރުގައި މަސައްކަތް ފަށާއިރު [ވެރިކަމާ ހަވާލުވާއިރު] ފުލީ ޕުރިޕެއާޑް ނުވެދާނެ. އަޅުގަނޑު ބޭނުން ޓްރާންސިޝަންގެ މަސައްކަތްތައް ކޮމިޓީތައް ހިންގާގޮތްތައް ބަލައި އެހީތެރިކަންދީ އެ މަސައްކަތައް ހުރިހާ ތަނަކުން ހޯދަންވާ މައުލޫމާތުތައް އެއްކޮށް އެނަލައިޒްކޮށް ޕްލޭން ހަދައިގެން މަސައްކަތްތައް ކުރަން،" މުއިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ރިޔާސީ މެނިފެސްޓޯގައި އޮތް ގޮތަށް ކަންކަން ހާސިލްކުރުމަށްޓަކައި ތަފްސީލްކޮށް ޕްލޭނެއް ހަދައިގެން މަސައްކަތް ކުރަން ބޭނުންވާތީ އެކަމަށް ހުރިހާ ވަގުތެއް ހުސްކުރަން ބޭނުންވާ ކަމަށެވެ. އެހެންކަމުން ސިޓީ ކައުންސިލްގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ވަގުތު ދެވިދާނެ ކަމަށް ނުފެންނާތީ އެއީ މާލޭގެ ރައްޔިތުންނަން އެންމެ ހައްގު ގޮތް ނޫން ކަމަށްވާތީ މޭޔަރުގެ ޒިންމާތައް ޑެޕިއުޓީ މޭޔަރާ ހަވާލުކޮށްދެއްވުމަށްވެސް އެދިވަޑައިގެންނެވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ މިއަދާ ހަމައަށް ކައުންސިލްތަކަށް އެކިކަންކަމުގައި ދިމާވެފައި ހުރި ދަތިތަކާ ހުއްދަ ނުލިބިގެން ކުރިއަށް ނުދެވިފައި ހުރި މަސައްކަތްތަކަށް ކުރިއަށް އޮތް ދުވަސްތަކުގައި ހުއްދަ ލިބިގެން ކުރިއަށްދާނެ ކަމަށެވެ.

"ރައްޔިތުން ހޮއްވަވާފައި ތިބި ކައުންސިލަރުންނަށް އެމީހުންގެ ދައުރު ފުރިހަމައަށް އަދާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން،" މުއިއްޒު ވިދާޅުވި އެވެ.