މާލޭގެ އާ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މަގާމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ފުރަތަމަ ފަހަރަށް ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލުވުން ކުރިއަށް ދިޔައީ މިއަދު މެންދުރު ކުރީގެ ވަގުތެއްގައި ރައީސް އޮފީހުގަ އެވެ.
ރައީސް އޮފީހުން މިބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ މާލެ ސިޓީގެ ހާލަތާއި ގުޅޭގޮތުން ކަމަށެވެ. އެގޮތުން މާލެ ސިޓީއަކީ އަމާން ތަނަކަށް ހެދުމަށް ކުރެވެން ހުރި މަސައްކަތްތަކާއި، މާލެ ސިޓީއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އެކަންކަން ހައްލު ކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާއި ގުޅޭގޮތުން ފުޅާ ދާއިރާ އެއްގައި މަޝްވަރާ ކުރެއްވި ކަމަށެވެ.
މި ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލުން މިހާރު ކުރަމުން ގެންދާ މައިގަނޑު މަސައްކަތްތަކާއި، އަދި ކުރިއަށް ރާވާފައިވާ މަސައްކަތްތައް މޭޔަރު މުއިއްޒު ވަނީ ރައީސް ސޯލިހާ ހިއްސާކުރައްވާފަ އެވެ. އެ މަސައްކަތްތައް ސަރުކާރާ ގުޅިގެން ކުރިއަށް ގެންދިއުށް ބޭނުންފުޅުވާ ކަމުގައިވެސް ވިދާޅުވި އެވެ. މާލޭގެ ތަރައްގީއަށް ސަރުކާރަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމުގެ ޔަގީންކަން ވެސް މޭޔަރު ވަނީ ދެއްވާފަ އެވެ.
މިބައްދަލުވުމުގައި ރައީސް ސޯލިހް ވަނީ މާލެ ސިޓީ ކަންސިލުން މާލޭގެ ކުރިއެރުމަށާއި، މާލޭގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކުރާ ހުރިހާ މަސައްކަތަކަށް ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފަ އެވެ. ރައީސްގެ ވާހަކަފުޅުގައި ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތު އޮޅުން ފިލުއްވައިދެއްވާ އެ ސިޔާސަތުގެ ތެރެއިން މާލެ ސިޓީގެ ކަންކަން ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންނެވި އެވެ.
މިބައްދަލުވުމަށްފަހު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހާ އެކު ބޭއްވުނީ ބިނާކުރުވަނިވި ބައްދަލުވުމެއް ކަމަށެވެ.
"ދެއްވި ވަގުތާއި އުއްމީދީ ޖަވާބުތަކަށް ޝުކުރު ދަންނަވަން،" މިމަހުގެ 17 ވަނަ ދުވަހު މާލޭގެ މޭޔަރު ކަމާ ހަވާލުވެވަޑައިގެންނެވި މުއިއްޒު ވިދާޅުވި އެވެ.
ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ ފުރިހަމަ އަގުލަބިއްޔަތު ހޯދާފައިވަނީ އިދިކޮޅު ޕީޕީއެމުންނެވެ. މުއިއްޒު މާލޭގެ މޭޔަރު ކަމާ ހަވާލުވެވަޑައިގެން މާލޭގެ މައްސަލަތައް ހައްލުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާ މަސައްކަތްތައް ވެސް ވަރަށް ބާރަށް ގެންދަވަނީ ކުރައްވަމުންނެވެ.