ޑރ. މުހައްމަދު މުއިއްޒު

ލާމަރުކަޒީ ގާނޫނު އޮތީ ނަމަކަށް: މުއިއްޒު

Jun 5, 2022
1

ލާމަރުކަޒީ ގާނޫނަކީ ނަމަކަށް ހަދާފައި އޮތް ގާނޫނެއް ކަމަށް ވިދާޅުވެ މާލޭގެ މޭޔަރު މުހައްމަދު މުއިއްޒު ސަރުކާރަށް ފާޑު ވިދާޅުވެއްޖެ އެވެ.

މޭޔަރު މުއިއްޒުގެ ނަމުގައި ހިންގަމުންދާ ޓްވިޓާ އެކައުންޓުން މިއަދު ސަރުކާރަށް ފާޑުވިދާޅުވި ވަކި ސަބަބެއް ވިދާޅުވެފައެއް ނުވެ އެވެ.

މުއިއްޒު ވިދާޅުވީ ލާމަރުކަޒީ ގާނޫނަކީ ނަމަކަށް ހަދާފައި އޮތް ގާނޫނަކަށް މިއަދު ވެއްޖެ ކަމަށާއި ވަކި ބަޔަކު ހޮވުމުން ތަންފީޒުވާ ގާނޫނަކަށް ވެސް ލާމަރުކަޒީ ގާނޫނު ހަދާފައިވާ ކަމުގައި ވިދާޅުވި އެވެ.

"ލާމަރުކަޒީ ނިޒާމާ އެއްގޮތަށް ސަރުކާރުން އަމަލު ނުކުރެވުމީ އޭގެ ސަބަބުން އެތަކެއް ރައްޔިތުންނަށް ވެވޭ ބޮޑު އިހުމާލެއް." މުއިއްޒު ވިދާޅުވެފައިވެ އެވެ.

މާލެ ސިޓީ ކައުންސިލުން އެކުލަވާލާފައިވާ ކުރިއަށް އޮތް ފަސް އަހަރުގެ ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ މަސައްކަތްތައް ތަންފީޒުކުރަން ސަރުކާރުގެ ފަރާތުން އެއްބާރުލުން ނުލިބޭކަން މުއިއްޒު ގެންދަވަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

މާލެ ސިޓީ ކައުންސިލުން އެކުލަވާލާފައިވާ މާލޭގެ ލޭންޑް ޔޫޒް ޕްލޭން ފާސްކޮށް ދީފައި ނުވާތީ މާލެ ސިޓީ ކައުންސިލުން ގެންދަނީ އެ މައްސަލައިގައި ވެސް ސަރުކާރަށް ފާޑުކިޔަމުންނެވެ.

މީގެއިތުރުން ސިޓީ ކައުންސިލުން ކުރިއަށް ގެންދަން ބޭނުންވާ ހައުސިން މަޝްރޫއާއި މަގުތައް ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށްވެސް ސަރުކާރުން ހުއްދަތައް ނުދޭތީ މާލެ ސިޓީ ކައުންސިލުން ގެންދަނީ ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުންނެވެ.