ޑރ. މުހައްމަދު މުއިއްޒު

ސަރުކާރު ކުރިމަތީގައި ކުޑަކަކޫ ނުޖަހާނަން: މުއިއްޒު

Dec 9, 2021
6

މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތަކަށް ހުރަސް އަޅާ އެއްވެސް އިދާރާއެއްގެ ކުރިމަތީގައި ކުޑަކަކޫ ނުޖައްސަވާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ކައުންސިލުން ހިންގާ އެއްވެސް މަޝްރޫއެއްގައި ސަރުކާރުގެ އެއްބާރުލުން ނުލިބޭ ކަމަށެެވެ.

ސިޓީ ކައުންސިލުން ނިންމާ ނިންމުތައް ބަދަލުކުރަން ސަރުކާރުން މަސައްކަތް ކުރާކަން ފާހަގަކުރައްވަމުން މުއިއްޒު +ވިދާޅުވީ އެއީ މާލެ ސިޓީގެ ރައްޔިތުންނަށް ހެޔޮއެދިގެން ސަރުކާރުން ކުރާ ކަމެއް ނޫން ކަމަށެވެ. އަދި އެކަމުން ދޭހަވަނީ މާލޭ ރައްޔިތުންގެ ތަރައްގީއަށް ސަރުކާރުން އެއްބާރުލުން ދޭނޭ ބޭނުން ނުވާ މިންވަރު ކަމަށްވެސް ވިދާޅުވި އެވެ.

ހުޅުމާލެއަކީ ވެސް ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްގެ އިހްތިސޯސްގެ ތެރޭގައި ހިމެނޭ ބިމެއް ކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ހުޅުމާލެ، ކައުންސިލާ ހަވާލުކުރަން ސަރުކާރުން މިހާރު ބޭނުން ނުވާ ކަމަށެވެ. އެއީ މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އިދިކޮޅު ޕީޕީއެމަށް ލިބުމުން ސަރުކާރުން އަމަލުކުރަން ފެށި ގޮތެއް ކަމަށްވެސް ވިދާޅުވި އެވެ.

"މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ޕީޕީއެމްއަށް ލިބުމުން ލާމަރުކަޒީ ނިޒާމު އެއީ އޮތް އެއްޗެއް ނޫން. ސަރުކާރުން ބޭނުންވީމަ ލާޒަރުކަޒީ ގާނޫނަށް ކަންތައް ކުރަނީ،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރާއި އެކުގައި މަސައްކަތް ކުރަން ކައުންސިލުން ތައްޔާރު ކަމަށާއި ނަމަވެސް ސަރުކާރުން ކައުންސިލްގެ މަސައްކަތްތަކަށް އެއްބާރުލުން ނުދޭނަމަ މާލޭ ރައްޔިތުންގެ ހައްގުގައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށެވެ.

ސަރުކާރުގެ އަމަލުތައް ހުރި ގޮތުން މާލޭ ރައްޔިތުންނަށް ސަރުކާރުން ހެޔޮ ނޭދޭ މިންވަރު ހާމަވާ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ. އެކަން ސާބިތުވަނީ ކައުންސިލުން ހިންގާ މަސައްކަތް ތަކަށް ހުރަސް އަޅާތީ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ. އެގޮތުން މާލޭގެ މަގުތައް ތަރައްގީ ކުރުމަށް ކައުންސިލުން އާރްޑީސީއާ ގުޅިގެން މިހާރު ކުރަމުންދާ މަސައްކަތްތަކަށް ފިނޭންސް މިނިސްޓްރީން ބަޖެޓް ހަމަޖައްސައި ނުދިން ކަމަށެވެ. މިކަމުގެ ސަބަބުން އާރްޑީސީއަށް ވެސް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސަކީ މި ސަރުކާރުގެ " ދޮންދަރިއެއް" ކަމަށެވެ. އެ ސަރަހައްދު ތަރައްގީކުރަން ސަރުކާރުން މަސައްކަތް ނުކުރާ ކަމަށާއި ހިޔާ ފްލެޓްތައް ވެސް ރައްޔިތުންނަށް މިސަރުކާރު ވެރިކަމަށް އައިސް ދިނީ ދެ އަހަރު ދުވަސްވީ ފަހުން ކަމަށް ވިދާޅުވި އެވެ. ސަރުކާރުގެ އެފަދަ އަމަލުތައް ބަލައިނުގަންނާނެ ކަމަށާއި ރައްޔިތުންނަށް ހިދުމަތް ދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދެން އަޅަމުންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

"ކައުންސިލްގެ މަސައްކަތައް ހުރަސްއަޅާ އިދާރާތައް ޖަވާބުދާރީ ކުރާނަން. ފިޔަވަޅުވެސް އަޅާނަން. އަޅުގަނޑުމެން ސަރުކާރުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނަން،" ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން މުއިއްޒު ވިދާޅުވި އެވެ.