މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދަން ނިންމާފައިވާ ހައުސިން މަޝްރޫއު މިއަހަރުގެ ތެރޭގައި ފަށަން ނިންމާފައިވާ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އަވަަސް އަށް ދެއްްވި އިންޓަވިއު އެއްގައި މުއިއްޒު ވިދާޅުވީ މާލެ އިން ގޯތި ދޫނުކުރާތާ އަހަރުތަކެއް ވެގެން ދިޔައިރު މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ލިބޭ ވަރުގެ ހައުސިން މަޝްރޫއުތަކެއް ވެސް މާލޭގައި ހިންގިފައި ނުވާ ކަމަށެވެ. އެހެންކަމުން މާލޭގެ ރައްޔިތުން ބޯހިޔާވަހިކަމެއް ނުލިބި ވަރަށް ދަތިހާލުގައި އުޅެންޖެހިފައިވާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.
"މީގެ ކުރީގައި މާލޭގައި ހައުސިން ބައެއް މަޝްރޫއުތައް ނުދާ ވާހަކައެއް ނޫން މި ދެންނެވީ. އެކަމަކު މާލޭގައި ބޯހިޔާވަހި ކަމެއް ނެތި އުޅޭ ނިިކަމެތި އެތައް ހާސް އާއިލާ ތަކަށް އެކަށީގެންވާ ގޮތަށް މަޝްރޫއުތަކެއް ނެތް. އެމީހުންގެ ދަތިތަކަށް ހައްލު ލިބޭ ކަހަލަ ގޮތަކަށް މަޝްރޫއެއް ކުރިއަށް ގެންދެވިފައެއް ނުވޭ،" މުއިއްޒު ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ މާލޭގެ ބޯހިޔާވަހި ކަމަށް ހައްލެއް ހޯދައި ދިނުމަކީ މިހާރު މިއޮތް މާލެ ސިޓީ ކައުންސިލުން އެންމެ އިސްކަންދޭ އެއް މަސައްކަތް ކަމަށެވެ. އެކަން ކުރާނީ ދައުލަތުގެ ބަޖެޓަށް ބަރޯސާވުމުގެ ބަދަލުގައި ކައުންސިލުން ކުންފުންޏެއް ހަދައިގެން ބޭރުގެ މާލީ އިދާރާތަކުން ފައިސާ ހޯދައިގެން ކަމަށެވެ.
ސިޓީ ކައުންސިލްގެ ހައުސިން މަޝްރޫއު ކުރިއަށް ގެންދިއުމަށް ވީހާވެސް އަވަހަށް ހުއްދަ ދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވަނީ ރައީސް އަށް ދަންނަވާފަ އެވެ. މަޝްރޫއާ ގުޅޭ ތަފްސީލް ލިޔުންތަކާއި މަޝްރޫއާ ގުޅޭ ޕްލޭން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކަށް ވަރަށް އަވަހަށް ހުށަހަޅުއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
އަޅުގަނޑުމެން ބޭނުން ވަނީ ކައުންސިލް ހައުސިން ޕްރޮޖެކްޓްތަކެއްގެ ގޮތުގައި ރައްޔިތުންނަށް އަތްފޯރާފަށުގައި ހައުސިން މަޝްރޫއުތަކެއް މާލެގައި އާއި ވިލިމާލޭގައި ކުރިއަށް ގެންދަން. އަޅުގަނޑުމެންގެ ޕްލޭންގައި މިހާރު އޮތް ގޮތުން މިއަހަރު ނިމުމުގެ ކުރީގައި އިރާދަކުރެއްވިއްޔާ އެ މަޝްރޫއު ފެށުން އެއީ އަމާޒަކީޑރ. މުހައްމަދު މުއިއްޒު | މާލޭގެ މޭޔަރު
ކައުންސިލް ހައުސިން މަޝްރޫއު ކުރިއަށް ގެންދާނެ ބިންތަކެއް މާލެ ސިޓީ ކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ. އެއީ އަމީނީ މަގުގެ ދެކުނުން ހިއްކާފައިވާ ބިމުގެ ތެރެއިން ހުސް ބިންތަކެވެ. ހައުސިން މަޝްރޫއު ހާއްސަ ކުރާ ބިންތައް ކަނޑައަޅަން ނިންމާފައިވަނީ ރައްޔިތުންނާ އެކު ބާއްވާ ބައްދަލުވުންތަކުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށްފަހު އެކުލަވާލައި ލޭންޑް ޔޫޒު ޕްލޭންގަ އެވެ.
މާލޭގެ ކޮންމެ އަވަށެއް ވަކިން ރައްޔިތުންގެ ބައްދަލުވުންތައް ބޭއްވުމަށްޓަކައި އެ ބައްދަލުވުން ބާއްވާނެ ތާރީހާއި ވަގުތާއި އަދި ތަން ސިޓީ ކައުންސިލުން މިހާރު ވަނީ އާންމުކޮށްފަ އެވެ.
މާލޭގެ ފަސްވަނަ އަވަށް ވިލިމާލޭގައި ވެސް ކައުންސިލް ހައުސިން މަޝްރޫއެއް ފެށުމަށް މާލެ ސިޓީ ކައުންސިލްގެ ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވެ އެވެ. އަދި ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދިނުމަށް ޕްލޭނިން ގަވައިދަށް އިސްލާހު ގެނައުމަށް ޕްލޭނިން މިނިސްޓްރީ އަށް ހުށަހެޅުމަށް ދަނީ ތައްޔާރުވަމުންނެވެ.
މޭޔަރު މުއިއްޒު ވިދާޅުވީ ވިލިމާލޭގައި ހައުސިން މަޝްރޫއު ފަށާނީ އެ އަވަށުގައި އިމާރާތްތައް 10 ބުރިއަށް ހެދުމާ މެދު ރައްޔިތުން ދެކޭ ގޮތެއް ބަލައި، ރައްޔިތުން އެގޮތް ބޭނުންވާނަމަ ޕްލޭނިން މިނިސްޓްރީގެ ހުއްދަ ލިބުމުން ކަމަށެވެ.
"އެފަދަ ބައްދަލުވުންތަކުގެ ތެރެއިން އަޅުގަނޑުމެން ނިންމާނީ މިސާލަކަށް ވިލިމާލޭގައި ކަމަށް ވަންޏާ ވިލިމާލޭގައި ހައުސިން މަޝްރޫއު ހިންގާނެ ބިންތަކާއި ވިލިމާލޭގެ ގެދޮރުގެ އުސްމިން ހުންނަންވީ ވަރާ މިކަންކަން. އެހެންވީމާ އެކަންކަން އަޅުގަނޑުމެންނަށް ނިމޭނެ ދުވަހެއް ނޫނިއްޔާ ކިހާ ތާކުތޯ އެކަން ހާސިލް ވާނީ އަދި ދަންނަވާލަން ދަތިވެގެން މިއުޅެނީ ރައްޔިތުންގެ ބައްދަލުވުންތަކަކަށް އަދި އަޅުގަނޑުމެންނަށް ނުދެވޭތީ،" މޭޔަރު ވިދާޅުވި އެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ހިދުމަތް ކުރަން ހޮވާފައިވާ ކައުންސިލަކުން ސަރުކާރަށް ހުށަހަޅާ ކަންކަން ކުރުމުގައި ސަރުކާރުގެ ތެރެއިން އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. މާލެ ސިޓީ ކައުންސިލުން ކުރިއަށްދާނީ ސަރުކާރާ ގުޅިގެން މާލޭގެ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް ކަމުގައިވެސް މޭޔަރު ވަނީ ވިދާޅުވެފަ އެވެ.