ޑރ. މުހައްމަދު މުއިއްޒު

ބިންކޮޅު ދޫކޮށްލަން ނުޖެހޭ ގޮތަށް ގޯތި ދޭނަން: މުއިއްޒު

މިސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ތެރެއިން ގޯތި ލިބުނު މީހުންނަށް މާލެއިން ކުރިން ލިބިފައިވާ އޮންނަ ބިންކޮޅު ދޫކޮށްލަން ނުޖެހޭ ގޮތަށް އޭނާގެ ވެރިކަމުގައި ހަމަޖައްސާނެ ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން މާލެ ރައްޔިތުންނަށް ގޯތި ދޫކުރަނީ ގޯތި ލިބޭ މީހާގެ ނަމުގައި 600 އަކަފޫޓުގެ ބިމެއް ނުވަތަ އެއަށް ވުރެ ކުޑަ ބިމެއް ނަމަވެސް އޮތް ނަމަ އެ ބިމެއް ދޫކޮށްލަން އެއްބަސްވުމުންނެވެ.

މާލޭގެ މާފަންނު އަވަށުގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އޭނާގެ ކެމްޕޭންގައި މާލޭގެ ގޭގެއަށް ޒިޔާރަތްކުރުމުންނާއި އަތޮޅު ތެރޭގެ ރަށްތަކަށް ޒިޔާރަތް ކުރުމުންވެސް އެނގިގެންދަނީ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކަމަށެވެ.

އޭނާގެ މެނިފެސްޓޯގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު އިސްކަމެއްދީ ގައުމީ ފެންވަރުގައި އެ މަސައްކަތް ކުރަން ނިންމީވެސް މައްސަލައަށް އަވަސް ހައްލެއް ހޯދަން ބޭނުންވާތީ ކަމުގައި މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ނުލިބި ދިރިއުޅެމުން ދަނީ ވަރަށް ނިކަމެތި ހާލުގައި ކަމަށެވެ. އެހެންކަމުން މާލޭގެ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޭއިރު އެކަން ކުރަންވާނީ އިންސާފުވެ ގޮތަކަށް ކަމުގައިވެސް ވިދާޅުވި އެވެ.

މާލޭގެ ރައްޔިތުންނަށް މިސަރުކާރުން ދޫކުރާ ގޯތިތަކާ ހަވާލުވާއިރު ކުރިން ލިބިފައި އޮންނަ ބިންކޮޅު ދޫކޮށްލަން ޖެހުމަކީ އެތައް ބައެއްގެ ކަންބޮޑުވުމެއް ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ. އެހެންކަމުން އޭނާގެ ވެރިކަމެއްގައި ކަމާ ގުޅޭ ގާނޫނުތައް އިސްލާހުކޮށްގެން ވިޔަސް ކުރިން ލިބިފައި އޮންނަ ބިންކޮޅު ދޫކޮށްނުލައި ގޯއްޗެއް ލިބޭނެ ގޮތް ހަމަޖައްސާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މިސަރުކާރުގެ ޝަރުތުތައް އެއްބަސްވެ އެމީހުންނަށް ކުރިން ލިބިފައި އޮތް ބިންކޮޅު ދޫކޮށްލާފައިވާ މީހުންނަށްވެސް އޭނާގެ ވެރިކަމުގައި ގާނޫނީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަންވެސް މުއިއްޒު ވަނީ ދެއްވާފަ އެވެ.

"މިދެންނެވި ފަދަ ކުދި ބިންކޮޅު ދޫކޮށްލަން ނުޖެހޭ ގޮތަށް އަޅުގަނޑުމެންގެ ސަރުކާރެއްގައި ގޯތި ޔަގީންކޮށްދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިޔާ ފްލެޓް ލިބުނު މީހުންނަށް ފްލެޓް ދިން އިރުވެސް އެމީހުންނަށް ކުރިން ލިބިފައި އޮންނަ ބިންކޮޅު ދޫކޮށްލަން ޝަރުތު ނުކުރީ އެގޮތަށް ޝަރުތުކުރުމަކީ މީހުންނަށް ދެވޭ އިތުރު ނިކަމެތި ކަމަކަށްވާތީ ކަމަށެވެ.