ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މާލޭގެ އަންހެނުންގެ ކޮމިޓީއާ ރައީސް ބައްދަލުކުރައްވައިފި

Dec 2, 2021
1

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި އެ މަނިކުފާނު ވަނީ ކޮމިޓީން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައުލޫމާތު ހޯއްދަވައި، ކުރިމަގަށް ރާވާފައިވާ ކަންކަމުގެ މައުލޫމާތު އޮޅުންފިލުއްވާފަ އެވެ. ކޮމިޓީ މެންބަރުން ވަނީ މާލޭ ސިޓީގެ ކުރިމަގަށް ރާވާފައިވާ ކަންކަން ކުރުމަށްޓަކައި ދިމާވެފައިވާ ގޮންޖެހުންތައް ރައީސްއާ ހިއްސާ ކުރައްވާފަ އެވެ.

އެގޮތުން ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންވާ އޮފީސް އިމާރާތެއް ނެތުމުގެ މައްސަލަ ފާހަގަކުރެއްވި އެވެ. އަދި ކޮމިޓީގެ ވަކިވަކި މެންބަރުން ވަނީ އެކަނބަލުން ތަމްސީލުކުރާ ދާއިރާތަކުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި މާލޭ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާއި ކުނީގެ މައްސަލައިގެ އިތުރުން މާލެއާއި ވަކިން އޮންނަ ދެ އަވަށް ކަމުގައިވާ ވިލިމާލެއާއި ހުޅުމާލޭގައި ހުރި ވަކިވަކި އިޖުތިމާއީ މައްސަލަތައް ވަރަށް ތަފްސީލްކޮށް ރައީސްއާ ހިއްސާކުރައްވާފަ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މިއީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު މުހިއްމު އިސްލާހުތަކާއިއެކު ކައުންސިލްތަކާއި ކޮމިޓީތައް ބާރުވެރިވުމަށްފަހު އަލަށް އިންތިހާބުކުރެވުނު މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުވާ ފުރަތަމަ ފަހަރުކަން ފާހަގަކުރެއްވި އެވެ. ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކާއިއެކު އިދާރީ ދާއިރާތަކަށް ބޮޑެތި ބާރުތަކަކާއި އިހްތިޔާރުތައް ލިބިގެން ގޮސްފައިވާ ކަމަށްވެސް ރައީސް ފާހަގަކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ކޮމިޓީގެ މެންބަރުން ވަނީ ފާއިތުވި ހަމަސް ދުވަހު އެކޮމިޓީން ކޮށްފައިވާ މަސައްކަތްތަކުގެ މައުލޫމާތު ވެސް ރައީސްއާ ހިއްސާކޮށްފަ އެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ދޭ އެލަވަންސް ބޮޑުކުރަން ސަރުކާރުން ނިންމި ނިންމުމަށް ކޮމިޓީގެ މެންބަރުން ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް އިތުރަށް ވިދާޅުވީ ކޮމިޓީގެ މެންބަރުން ވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައި މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާތީ އެކަމާ އުފާކުރައްވާ ކަމަށެވެ. ރައީސް ވަނީ މާލޭ ސިޓީގެ ތަރައްގީއަށް ރާވަފައިވާ ކަންކަމުގެ އެންމެ ފަހުގެ މައުލޫމާތު އެ ކޮމިޓީގެ މެންބަރުންނާ ހިއްސާކުރައްވާފަ އެވެ. އަދި ކޮމިޓީގެ މެންބަރުން ފާހަގަކުރެއްވި ވަކިވަކި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވާ، ހައްލުކުރެވެންހުރި ކަންކަން ހައްލުކޮށްދެއްވާނެ ކަމުގައި ވިދާޅުވެފަ އެވެ.