ސަރުކާރަށް އެއްބާރުލުން ދިނުމުގައި ދެމިހުންނަވާނީ މާލޭ ރައްޔިތުންނާ މެދު ސަރުކާރުގެ އަމަލުތައް ހުންނަ ގޮތެއްގެ މައްޗަށް ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މޭޔަރު މުއިއްޒު މިހެން ވިދާޅުވީ މިފަހަކަށް އައިސް މުއިއްޒުގެ ފަރާތްޕުޅުން ސަރުކާރާ ޖައްސާލައިގެން މަސައްކަތް ކުރައްވާ މަންޒަރު ފެންނާތީ ހިތާމަކުރާ ކަމަށް ބުނެ މުއިއްޒު ގެންގުޅުއްވާ ކޮމިއުނިޓީ ވައިބާ ގުރޫޕެއްގައި އާންމުންގެ މީހަކު ފާޅުކުރި ހިޔާލަކަށް ޖަވާބު ދެއްވަމުންނެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އޭނާ އަކީ އެއްވެސް ހާލެއްގައި ސަރުކާރަށް ޖެއްސުން ކުރާނެ މީހެއް ނޫނެވެ. މާލެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ހާސިލްކުރުމަށްޓަކައި ޖަހަން ޖެހުނު ކޮންމެ ދޮރެއްގައި ޓަކި ޖެހުމަށް ކެމްޕޭންގައި ވައުދުވީ ގޮތަށް ފެށުނީއްސުރެއް މަސައްކަތް ކުރަމުން ދަނީ އެގޮތުގަ އެވެ.
"އެ މަސައްކަތުގައި އެއްބާރުލުން ނުލިބޭނަމަ ރައްޔިތުންނާ އެކަންކަން ހިއްސާކުރާނެ ކަމަށް ވައުދުވިން. އަދި އެކަން ކުރަމުން މިދަނީ،" މުއިއްޒު ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވި ގޮތުގައި މާލޭ ރައްޔިތުން އެދޭ ގޮތަށް ސަރުކާރުން ކަންކުރާހާ ހިނދަކު ހުންނަވާނީ މާލެ ރައްޔިތުންނަށްޓަކައި ސަރުކާރުގެ އެންމެ ގާތް އެކުވެރިއެއްގެ ގޮތުގަ އެވެ. ސަރުކާރުގެ އަމަލުތައް އެގޮތަށް ބަހައްޓާނަމަ އޭނާގެ ކިބައިންވެސް ފެންނާނީ ގާތް ކަމެވެ. ނަމަވެސް މާލެ ރައްޔިތުން ބޭނުންވާ ގޮތާ ހިލާފަށް ސަރުކާރުން ކުރާ ކަންކަން ހަމަ މަގަށް އެޅުވުމަށް މަސައްކަތް ކުރާނެ ކަމަށް ކެމްޕޭންގައި ވައުދުވެފައިވާތީ މަސައްކަތް ކުރަނީ އެ މަގަށް ކަންވެސް ފާހަގަކުރައްވާފައިވެ އެވެ.
"މާލެ ރައްޔިތުންގެ ހައްގުތައް ގެއްލިގެންދާއިރު ވެސް އަދި މާލެ ރައްޔިތުން އެދޭ ކަންކަމާ ސަރުކާރުގެ ސިޔާސަތާއި ދިމާނުވާ ހިނދުވެސް 'އެޅިހާ ބަތަކަށް ރިހަ' ކިޔާ މީހަކު ހޮވަން މާލެ ރައްޔިތުން ބޭނުންވިނަމަ މޭޔަރު ކަމަށް ހޮވާނީ އެހެން މީހެއް ނޫންތޯ؟" މުއިއްޒު ސުވާލު ކުރައްވާފައިވެ އެވެެ.
ދައްކަވާ ވާހަކައާއި އަމަލާ ދިމާވާނެ ކަމަށާއި ތެދުވެރިކަމާއި އިހްލާސްތެރިކަމާއި ހިތްވަރާއި އެކު މާލެ ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރުމުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަންވެސް މުއިއްޒު ވަނީ ދެއްވާފަ އެވެ. މާލެ ރައްޔިތުން އޭނާ އަށް މޭޔަރު ކަމަށް ފުރުސަތު ދިނީ ރައްޔިތުންގެ ފަޅީގައި ހުންނަވާނެ ކަމަށްވީ ވައުދު ފުއްދަވާނެ ކަމުގެ ޔަގީންކަމާއި އެކު ކަމަށްވެސް މުއިއްޒު ގަބޫލުކުރައްވަ އެވެ.