މާލޭ ސިޓީ ކައުންސިލް

މާލެ ވައިފައި ކުރުމުގެ މަސައްކަތް ފަށަނީ

މާލެ ވައިފައި ކުރުމުގެ މަޝްރޫއެއް ފަށަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލެ ވައިފައި ކުރުމުގެ މަޝްރޫއާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް އެންމެ ފުޅާކޮށް ދެމުންގެންދާ ދެ ކުންފުނި ކަމުގައިވާ އުރީދޫ އާއި ދިރާގާއެކު ކަމާ ގުޅޭ މަޝްވަރާތައް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ފަށާ ހަފުތާގެ ތެރޭގައި ދިރާގާއި އުރީދޫގެ ޕްރޮޕޯސަލް ލިބޭނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލްގެ އަމާޒަކީ މުޅި މާލެ ވައިފައި ކުރުން ކަމަށެވެ. ނަމަވެސް އެންމެ ފުރަތަމަ މަސައްކަތް ފަށާނީ މާލެ ވައިފައި ކުރަން ކަމަށާއި އެމަސައްކަތް ނިމުމުން ވިލިމާލެ ވައިފައި ކުރުމުގެ މަސައްކަތް ވެސް ފަށާނެ ކަމަށެވެ. ހުޅުމާލެ ވައިފައި ކުރުމުގެ މަސައްކަތް ފެށޭނީ ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ކަމެއް ސިޓީ ކައުންސިލާ ހަވާލުކުރުމުން ކަމަށްވެސް ވިދާޅުވި އެވެ.

މާލޭގެ މަގުތަކާއި، އާންމު މައިދާންތަކާއި، ޕަބްލިކް ސްޕޭސްތައް ވަކި ލިމިޓަކާ ހަމައަށް ފްރީ އެކްސެސް ވައިފައިގެ ހިދުމަތް ލިބޭނެ ގޮތަށް މާލޭ ސިޓީ ބަދަލުކުރުން އެއީ އަމާޒަކީ. އެކަމާ ގުޅޭ މަސައްކަތްތައް ދަނީ ހިނގަމުން
ޑރ. މުހައްމަދު މުއިއްޒު | މާލޭގެ މޭޔަރު

މާލެ ވައިފައި ކުރާއިރު ބައެއް ހާއްސަ ސަރަަހައްދުތަކަށް އިންޓަނެޓް ސްޕީޑް ލިބޭ މިންވަރު ތަފާތު ވާނެ ކަމުގައިވެސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

މާލެ ވައިފައި ކުރުމަކީ ސިޓީ ކައުންސިލުން މިދައުރަށް ފާސްކޮށްފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ވެސް ހިމެނޭ ކަމެކެވެ.

މާލެ ވައިފައި ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން މިދަނީ ރާއްޖޭގައި ދޭ އިންޓަނެޓު ހިދުމަތުގެ އަގަށް ބަދަލު ގެނެސް، ގޭގެއަށް މިހާރު ދޭ އިންޓަނެޓުގެ އަގު އެވްރެޖްކޮށް 30 ޕަސެންޓު ހެޔޮކޮށް މާދަމާ އާ އަގުތަކާ އެއްގޮތަށް ހިދުމަތް ދޭން ތައްޔާރުވަމުންދާ ވަގުތެއްގަ އެވެ.