ޑރ. މުހައްމަދު މުއިއްޒު

ސޯލާ ސިޓީ ގާއިމުކުރަނީ ބަނޑޮސް ކައިރި ފަޅެއްގައި

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ދަށުން ސޯލާ ސިޓީއެއް ގާއިމުކުރުމުގެ މަޝްރޫއު ބަނޑޮސް ކައިރި ފަޅެއްގައި ކުރިއަށްގެންދަން ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން މިކަން އިއުލާންކުރެއްވީ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

ތެލަށް ކުރާ ހަރަދު ކުޑަކުރުމަށް އެސްއީޒެޑްގެ ދަށުން ސޯލާ ސިޓީއެއް ގާއިމުކުރުމަށް ލިބިފައިވާ ޕްރޮޕޯސަލްއަކީ 100 މެގަ ވޮޓްގެ ކަރަންޓު އުފެއްދޭނެ މަޝްރޫއެއް ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަޝްރޫއު ކުރިއަށް ގެންދާނީ ބަނޑޮސް ކައިރި ފަޅެއްގައި ކަމަށް ރައީސް ވިދާޅުވި ނަމަވެސް އެއީ ކޮން ފަޅެއް ކަމެއް ވިދާޅެއްނުވެ އެވެ.

މާލެ ސަރަހައްދު -- މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅިފަޅު، ގިރާވަރުފަޅު އަދި ތިލަފުށްޓަށް އެންމެ ގިނަވެގެންވެސް ބޭނުންވަނީ ގާތްގަނޑަކަށް 150 މެގަވޮޓުކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ސޯލާ ސިޓީއާއެކު މާލެ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދޭން ބޭނުންވާ ތެލަށް ކުރަންޖެހޭ ހަރަދުގެ 50 އިންސައްތަ ކުޑަވެގެންދާނެ ކަމަށެވެ.

އެސްއީޒެޑު ގާނޫނުގެ ދަށުން ހިންގާ ފުރަތަމަ މަޝްރޫއެއްގެ ގޮތުގައި ފްލޯޓިން ސޯލާ ޕެނަލްތަކެއް ބޭނުންކޮށްގެން މާލެ ސަރަހައްދަށް ކަރަންޓް ފޯރުކޮށްދިނުމުގެ ބިޔަ މަޝްރޫއަށް ހުއްދަދީފައިވަނީ މިއަހަރުގެ އެޕްރީލް މަހު އެވެ.

މިމަޝްރޫއުގެ ފުރަތަމަ މަރުހަލާގެ މަސައްކަތްތައް ކުރުމަށް ހުއްދަ ދިނީ ކެނަޑާގެ ކުންފުންޏެއް ކަމަށްވާ އެބްރަކްސަސް ޕަަވަ ކޯޕަރޭޝަނަށެވެ.

ގާތްގަނޑަކަށް 1.6 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ މިމަޝްރޫއުގެ ޓެކްނިކަލް ޕާޓްނަރަކީ ސަންގްރޯ ޕަވަ ސަޕްލައި ކޯ އެވެ.