މާލޭ ސިޓީ

ރައީސްގެ މެސެޖަކާއެކު ބިންވެރިންގެ ސައްލާ މިރޭ

މާލޭ ރައްޔިތުންގެ ގޯތިތަކާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ހާއްސަ މެސެޖަކާއެކު މާލޭ ބިންވެރިންގެ ސައްލާ މިރޭ ބާއްވަން ނިންމައިފި އެވެ.

މާލޭ ބިންވެރިންގެ ސައްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 8:00 ގައި ސަލްޓަން ޕާކުގަ އެވެ.

މި ސައްލާއަކީ މާލެ ރަށްވެހިންގެ ޖަމިއްޔާ އާއި ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ އާއި ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަން އަދި ގިރާވަރު މާލެ ސިޓީޒަން އެސޯސިއޭޝަން ގުޅިގެން ބާއްވާ ސައްލާ އެކެވެ.

މި ޖަމިއްޔާތަކުން ކަނޑައެޅި މަންދޫބު ސުނާދު ލަތީފު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވާފަ އެވެ.

އެ ބައްދަލުކުރެއްވުމަށްފަހު ސުނާދު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދޫކޮށްފައިވާ ބިންތަކާ ގުޅޭ ގޮތުން އޮޅުން އަރާ ގިނަ ކަންކަމުގެ ހަގީގަތް ރައީސްގެ ފަރާތްޕުޅުން އެނގިވަޑައިގެންނެވި ކަމަށެވެ.

ސުނާދު އިތުރަށް ވިދާޅުވީ ރައީސް ދެއްވި މެސެޖު މިރޭ އޮންނަ ސައްލާހައި ހާމަކުރައްވާނެ ކަމަށެވެ.

ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކުރަން ނިންމަފައިވަނީ ހުޅުމާލެ 2 އާއި އަލަށް ހިއްކާ ހުޅުމާލެ 3 އިންނެވެ. މީގެ އިތުރުން ގުޅިފަޅާއި ގިރާވަރުފަޅުންވެސް ގޯތި ދޫކުރަން ވަނީ ނިންމާފަ އެވެ.