ޑރ. މުހައްމަދު މުއިއްޒު

ގޯތި ލިބުނު އެންމެންނަށް ރަޖިސްޓްރީ ދޭނަން: ރައީސް މުއިއްޒު

ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު އެންމެންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފަށަައިގެން ކުރިއަށް ގެންދާ ސިލްސިލާ "ރައީސްގެ ޖަވާބު" ގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

ކުރީ ސަރުކާރުން ދިން ގޯތި ހަވާލުކުރުމުގެ ކަންކަން ކުރިއަށްދާ ގޮތާމެދު އާންމުންގެ މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވަނީ ގޯތި ލިބުނު އެންމެންގެ ގޯތިތަކަށް ދޭންޖެހޭ ލިޔެކިޔުމުގެ ކަންތައްތައް ކުރިއަށްދާ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

"އަޅުގަނޑު ދޭން ބޭނުންވާ ޔަގީންކަމަކީ ގުޅީފަޅުންވެސް ގިރާވަރުފަޅުންވެސް ގޯތި ލިބުނު ހުރިހާ އެންމެންގެ ގޯތިތަކަށް ދޭންޖެހޭ ލިޔެކިޔުމުގެ ކަންތައްތައް އެބަ ކުރިއަށްދޭ ވަރަށް ބާރަށް،" ރައީސްއަށް ސުވާލު ފޮނުއްވި މާލެ ސިޓީ، ހ. މެލްބާން، އިބްރާހީމް ސަމާހަށް ޖަވާބު ދެއްވަމުން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރަޖިސްޓްރިީ ހެދުމުގެ މަސައްކަތާޢި ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.

ގާނޫނީ ގޮތުން ރަޖިސްޓްރީއެއް ދޫކުރެވެނީ ބިން ހިއްކުމުންކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ގޯތި ލިބުނުކަން ކަށަވަރު ވާވަރުގެ ލިޔުމެއް ދޫކުރުމުގެ މަަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.

"ގުޅީފަޅުން ވިޔަސް ގިރާވަރުފަޅުން ވިޔަސް އަދި ހުޅުމާލޭގެ ފަޅު ތެރެއިން ހިއްކަމުންދާ ބައިން ދޫކޮށްފަހުރި ގޯތިތައްވިޔަސް ހުރިހާ އެންމެންނަށް، އެއްވެސް މީހަކު ބާކީ ނުވެ ހުރިހާ އެންމެންނަށް ލިޔުމާއި ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދޭ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކުރަން ނިންމަފައިވަނީ ހުޅުމާލެ 2 އާއި އަލަށް ހިއްކާ ހުޅުމާލެ 3 އިންނެވެ. މީގެ އިތުރުން ގުޅިފަޅާއި ގިރާވަރުފަޅު ހިއްކައިގެން ގޯތި ދޫކުރަން ވަނީ ނިންމާފަ އެވެ.

ނިމިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގެ ދަށުން ހުށަހެޅި ފޯމުތަކުގެ ތެރޭގައި ސިންގަލް އެޕްލިކަންޓް އަދި ޖޮއިންޓް އެޕްލިކަންޓުގެ ގޮތުގައި ޖުމްލަ 23،088 މީހުން ހިމެނިފައިވެ އެވެ. މީގެ ތެރެއިން 18،955 މީހުން ޝަރުތު ހަމަވިއިރު 9،003 ގޯތި ދޫކުރުމަށް ހަމަޖެހިފައިވެ އެވެ.

މި ޕްރޮގްރާމުގެ ދަށުން ދޫކުރަނީ ތިން ސައިޒެއްގެ ގޯއްޗެވެ. އެގޮތުން ވަކި ފަރުދަކަށްނަމަ ދޫކުރާ އެންމެ ކުޑަ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއްނަމަ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓުގެ ގޯއްޗެވެ. އަދި ހަތް މީހުންނަށް ވުރެ ގިނަ މީހުން ބައިވެރިވެގެން ހުށަހެޅި އެޕްލިކޭޝަނެއްނަމަ ޖުމްލަ 4،000 އަކަފޫޓުގެ ގޯތި ދޫކުރެ އެވެ.