ތިލަމާލެ ބްރިޖުގައި ދުނިޔޭގެ އެންމެ އުސް ޕްރީކާސްޓް ސެގްމަންޓް ބަހައްޓައިފި އެވެ.
އިންޑިއާ ހައި ކޮމިޝަނުން ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މިއީ މިހާތަނަށް މުޅި ދުނިޔޭގައިވެސް ޕްރީކާސްޓު ކޮށްގެން ބަހައްޓާ އެންމެ އުސް ތަނބު ކަމަށެވެ. މި ތަނބުގެ އުސްމިނުގައި 8.2 މީޓަރު އަދި ފުޅާމިނުގައި 25.3 މީޓަރު ހުންނައިރު މި ސެގްމަންޓުގެ ބަރުދަނުގައި 216.04 މެޓްރިކް ޓަނު ހުންނާނެ ކަމަށެވެ.
ތިލަމާލެ ބްރިޖުގެ ސުޕަ ސްޓްރަކްޗާގެ ބައިތައް ހަދަމުން ދަނީ ގުޅިފަޅުގައެވެ.
ހައި ކޮމިޝަނުން ވަނީ ތިލަމާލެ ބްރިޖުގެ އެންމެ ފަހުގެ ފޮޓޯތައްވެސް އާންމުކޮށްފަ އެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ބްރިޖުގެ ސުޕަސްޓްރަކްޗާގައި "ވީ ޝޭޕް" ގޮތަށް ހުންނަ ބައިތައް ގުޅުވުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.
"މިއީ ބްރިޖްގެ މަސައްކަތުގައި ހާސިލްކުރެވުނު ވަރަށް ބޮޑު ކާމިޔާބެއް،" ހައި ކޮމިޝަނުން ބުންޏެވެ.
ސިނަމާލެ ބްރިޖު ހެދިއިރު ޕްރީކާސްޓް ކުރަން ބޭނުންވާ ބައިތައް ޗައިނާގެ ހަދައިގެން ގެނެސް ރާއްޖޭގައި ކުރި ހަމައެކަނި ކަމަކީ ގުޅުވާލުމެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް ތިލަމާލެ ބްރިޖު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ އޮގަސްޓް 2، 2022 ގައެވެ. ބްރިޖާއި ކޯޒްވޭ ހިމެނޭ ގޮތަށް ހަދަމުންދާ ތިލަމާލެ ބްރިޖަކީ ގާތްގަނޑަކަށް 6.695 ކިލޯމީޓަރު ދިގު ބްރިޖެކެވެ.
މި މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާ އިންނެވެ.
ތިލަމާލެ ބްރިޖު މަޝްރޫއުގެ 53 މަސައްކަތް ނިމިފައިވާ ކަމަށް ދިވެހި ސަރުކާރުން ބުނެ އެވެ.