ތިލަމާލެ ބްރިޖް

ތިލަމާލެ ބްރިޖު: ރައީސްއާއި އަސްލަމްގެ ވާހަކަ ދިމާނުވޭ

Feb 18, 2020
4

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭ ބްރިޖްގެ އަމަލީ މަސައްކަތް ފެށުމާއި ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މީގެ ކުރިން ދެއްކެވި ވާހަކަ އާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ދެއްކެވި ވާހަކަ ދިމައެއް ނުވި އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހް ވަނީ ތިލަމާލެ ބްރިޖްގެ މަޝްރޫއު އިއުލާން ކުރައްވައިފަ އެވެ. އެ ދުވަހު އެމަނިކުފާނު ވިދާޅުވެފައި ވަނީ، އެ މަސައްކަތުގެ ޕްރޮޖެކްޓް ކޮންސަލްޓެންސީއަށް ހުޅުވާލައި އޭރު ޝޯޓް ލިސްޓް ކޮށްފައިވާ ކަމަށާއި މި އަހަރުގެ ފެބްރުއަރީ މަހަށް ބްރިޖްގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.

މި އަހަރުގެ ފެބްރުއަރީ މަސް ފެށިގެން މިހާތަނަށް އައި އިރު ބްރިޖްގެ އަމަލީ މަސައްކަތް ފެށިފައި ނުވާތީ އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މަސައްކަތް ހިނގަމުންދާ ގޮތާ ގުޅޭ ގޮތުން ސުވާލު ކުރެއްވި އެވެ.

"އަޅުގަނޑު ނުކުމެލައިފިން މިއިން ދެ ދުވަހަކު މި ތަނަށް [ވިލިމާލެއާވީ ދިމާއަށް] މަހަށް ދާން ވެގެން. ބަންދު ދެ ދުވަހެއް އެއީ، [ތިލަ މާލެ ބްރިޖްގެ] އަމަލީ މަސައްކަތް ނުފަށާ އޮވެދާނެ، ބަންދު ދުވަސްތައް ވީމަ، މި މަހު އަމަލީ މަސައްކަތް ފަށާ ވާހަކަ ބުނެފައި އޮތީ، އެ ކަން ވެސް ސާފުކޮށް ދިނިއްޔާ ވަރަށް ރަނގަޅު." މިއަދުގެ ޖަލްސާގައި ޝިޔާމް ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން އިންނެވި އަސްލަމް އެ ސުވާލަށް ޖަވާބު ދެއްވަމުން އެންމެ ފުރަތަމަ ވިދާޅުވީ، "އަޅުގަނޑު ގަބޫލު ކުރަނީ އިއްޒަތްތެރި މެންބަރު ސުވާލު ކުރެއްވީ ތިޔަ މަޖާޒީ ގޮތަކުންނޭ،" ކަމަށެވެ.

ދެން އޭނާ ވިދާޅުވީ "އެއް ގޮތަކަށް ވެސް އަޅުގަނޑުމެން މި މަހުގެ ތެރޭގައި [ތިލަ މާލެ] ބްރިޖްގެ އަމަލީ މަސައްކަތް ފަށާނެ ވާހަކައެއް އެއްވެސް ތަނެއްގައި އެއްވެސް އިރެއްގައި އަޅުގަނޑުމެންގެ ސަރުކާރުގެ އެއްވެސް ބޭފުޅަކު ވިދާޅުވެފައި ނުވާނެ" ކަމަށެވެ. -- އަމަލީ މަސައްކަތް އެހެން ގޮތަކަށް މާނަކޮށްފައި އޮވެދާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

ސަރުކާރުގެ އެއްވެސް ބޭފުޅަކު އަމަލީ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވެފައި ނުވާނެ ކަމަށް އަސްލަމް ވިދާޅުވިއިރު، މިދިޔަ އަހަރުގެ ޖުލައި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވެފައި ވަނީ، ފެބްރުއަރީ މަހުގެ ނިޔަލަށް ބްރިޖްގެ އޮނިގަނޑު ނިމި، އެ އޮނިގަނޑާ އެއް ގޮތަށް ބްރިޖް އެޅުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށެވެ.

ފެބްރުއަރީ މަހު އަމަލީ މަސައްކަތް ފަށާނެ ކަމަށް ރައީސް އިއުލާން ކުރައްވާ ޚަބަރު

މި މަހުގެ ތިންވަނަ ދުވަހު މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ރައީސްގެ ރިޔާސީ ބަޔާން އިއްވަވަމުން ވެސް ތިލަމާލެ ބްރިޖާ ގުޅޭ ގޮތުން އެމަނިކުފާނު ވާހަކަ ދެއްކެވި އެވެ. އެ ދުވަހު އެމަނިކުފާނު ވިދާޅުވީ، ބްރިޖްގެ ޑިޒައިނިން މަސައްކަތް ނިމިފައިވާ ކަމަށާއި މި އަހަރުގެ ތެރޭގައި ބްރިޖްގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ. ވަކި ތާރީހެއް އެ ދުވަހު ނުދެއްވަ އެވެ.

މި އަހަރަށް ފާސްކުރި ބަޖެޓްގައި މާލެ ސަރަހައްދު ގުޅައިލުމުގެ މަސައްކަތުގެ ތެރެއިން މާލެ-ތިލަފުށި ބްރިޖު އެޅުމަށް 411 މިލިއަން ރުފިޔާ ހަރަދު ކުރަން ވަނީ ހިމަނައިފަ އެވެ. އަދި ގުޅިފަޅު ހިއްކުމާއި ޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް 247 މިލިއަން ރުފިޔާ ހަރަދު ކުރަން ވެސް ބަޖެޓުގައި ހިމަނާފައިވެ އެވެ.

ރައީސް ސޯލިހު މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި ދެ އަހަރުގެ ތެރޭގައި އެ ބްރިޖުގެ މަސައްކަތް ނިމިގެންދާނެ އެވެ. އެ މަޝްރޫއުއަކީ މި ސަރުކާރުން އިއުލާން ކޮށްފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު ތަރައްގީގެ މަޝްރޫއު އެވެ.

މާލެ ސަރަހައްދު ހަތަރު ރަށް ގުޅާލުމުގެ ޕްލޭން ފުރަތަމަ އިއުލާން ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރިޔާސީ ކެމްޕެއިން ދުވަސްވަރުގަ އެވެ. އެ މަސައްކަތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެސް ރިޔާސީ ވައުދުފުޅެކެވެ.

ބްރިޖުގެ ސާވޭ މަސައްކަތް ފަށާފައިވީ ނަމަވެސް ބްރިޖުގެ މަސައްކަތް އަދި ބަޔަކާ ހަވާލެއް ނުކުރެ އެވެ. އަދި އެކަމާ ގުޅޭ މާ ބޮޑު ތަފްސީލެއް ވެސް ސަރުކާރުން ނުދެ އެވެ.

ހުޅުމާލެ އާއި މާލެ ގުޅުވައިދިން ސިނަމާލެ ބްރިޖު މިދިޔަ ސަރުކާރުގައި އެޅީ ޗައިނާގެ އެހީއާއެކު ޗައިނާގެ ކުންފުންޏަކުންނެވެ. ނަމަވެސް މި ސަރުކާރާއި ޗައިނާގެ ގުޅުން އެހާ ރަނގަޅު ނޫން ކަން ވެސް ފާހަގަކޮށްލެވެ އެވެ.