ތިލަމާލެ ބްރިޖްގެ ކަނޑު އަޑިއަށް ޖަހާ ތަނބުތައް ޖެހުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ފަށާނެކަމަށް ތިލަމާލެ ބްރިޖް މަޝްރޫއުގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން ވިދާޅުވެއްޖެ އެވެ.
އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ޖިނާން ވިދާޅުވީ ތިލަމާލެ ބްރިޖުގެ މާލޭ ކޮޅުގައި އެއްގަމުގައި ޖަހާ ތަނބުތަކުގެ ޕައިލިންގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި މި މަހުގެ ތެރޭގައި ކަނޑު އަޑީގައި ޖަހާ ތަނބުތަކުގެ ޕައިލިންގެ މަސައްކަތް ފަށާނެ ކަމަށެވެ.
"އަމާޒަކީ މަސް ނިމެންވާއިރަށް މޫދުގައި ޖަހާ އެއް ތަނބު ފެނުން މައްޗަށް ފެނިގެން ދިއުން،" ޖިނާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތަނބުތަކުގެ މަސައްކަތް ކުރިއަށްދާއިރު އެ ސަރަހައްދުގެ ފައިނަލް ޖިއޯ ޓެކްނިކަލް ސާވޭގެ މަސައްކަތްތައްވެސް ކުރިއަށްދާ ކަމަށެވެ.
ބްރިޖްގެ މަސައްކަތް ކުރަމުން ދަނިކޮށް ޖިއޯ ޓެކްނިކަލް މަސައްކަތަށް ބޭނުން ކުރާ ޕްލެޓްފޯމް ވިލިމާލޭ ފަރަށް އެރުމާ ގުޅިގެން ދެ ހަފްތާގެ މެދުކެނޑުމެއް އައިސްފައިވެ އެވެ. އެކަމަކު އެ ޕްލެޓްފޯމް ނަގައި ތިލަމާލެ ބްރިޖްގެ މަސައްކަތްތައް މިހާރު ވަނީ އަލުން ފަށާފަ އެވެ.
ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން ބައެއް މަސައްކަތްތައް މަޑުޖެހުނު ނަމަވެސް ބްރިޖްގެ މަސައްކަތް ލަސް ނުވާނެ ކަމުގެ ޔަގީންކަން ޖިނާން ދެއްވި އެވެ.
ބްރިޖާއި ކޯޒްވޭ ހިމެނޭ ގޮތަށް ހަދަން ނިންމާފައިވާ ގާތްގަނޑަކަށް 6.695 ކިލޯ މީޓަރުގެ ބްރިޖު މަޝްރޫއަށް ފަންޑު ކުރަނީ އިންޑިއާ ސަރުކާރުންނެވެ. ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި އެ ގައުމުގެ އެގްޒިމް ބޭންކުން ދޫކުރާ 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ. ދިވެހި ރުފިޔާ އިން ނަމަ މުޅި މަޝްރޫއަށް 7.7 ބިލިއަން ރުފިޔާ ވަރު ހަރަދުކުރާނެ އެވެ.
އިންޑިއާގެ އެފްކޯންސް އިންފްރާސްޓަރަކްޗާސް ކުންފުންޏާ ހަވާލުކޮށްފައިވާ މި މަޝްރޫގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އޮގަސްޓު މަހު އެވެ.
މި މަޝްރޫއުގެ ދަށުން މާލެ އަދި ވިލިމާލެ އާއި ބްރިޖް ގުޅޭ ހިސާބުގައި ޓްރެފިކްލައިޓު ހަރުކޮށް ކޮންމެ ރަށެއްގައި ވެސް ރަށުތެރެ އަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަނެއް ހަދާނެ އެވެ. އަދި ޕާކިން ސަރަހައްދެއްގެ އިތުރުން ސޯލާ ޕެނަލްސް ހަރުކޮށް ބޮކިތައް ސޯލާ ޕަވާއިން ދިއްލޭ ނިޒާމު ގާއިމުކުރާނެ އެވެ.
"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް"ގެ ދަށުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމުން ރާއްޖޭގެ އިގުތިސޯދަށް އޭގެ ގިނަ ފައިދާތަކެއް ލިބި، ވިޔަފާރިތަކަށާއި އާއްމު ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.