ތިލަމާލެ ބްރިޖް

ތިލަމާލެ ބްރިޖް އަޅަން އިންޑަސްޓްރިއަލް ވިލެޖު ހުސް ކުރަނީ

މާލެ-ތިލަފުށި ލިންކް (އެމްޓީއެލް) ނުވަތަ ތިލަމާލެ ބްރިޖް އަޅަން މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ބައެއް ހުސް ކުރާނެ ކަމަށް ހައުސިން މިނިސްޓީން އިއުލާނު ކޮށްފި އެވެ.

އެކި ކަންކަމަށް ބިން ދޫކޮށްފައިވާ މާލޭ އިންޑަސްޓްރިއަލް ވިލެޖުގެ ބައެއް ބިންތައް ބުރިޖުގެ މަސައްކަތަށް ހުސް ކުރަން ހައުސިންއިން ވަނީ ގެޒެޓްގައި އެ އިއުލާނު ޝާއިއު ވެސް ކޮށްފަ އެވެ. އޭގައި ބުނަނީ ގުޅިފަޅު ހިމެނޭ ގޮތަށް މާލެއާއި ވިލިމާލެއާއި ތިލަފުއްޓާއި ގުޅުވާލައި ތިލަމާލެ ބްރިޖް މާލެއާ ގުޅޭނީ އިންޑަސްޓްރިއަލް ވިލެޖަށެވެ. މަސައްކަތް ކުރިޔަށް ދާއިރު މާލޭގެ ވޯކްސައިޓެއްގެ ގޮތުގައި ބޭނުން ކުރާނީ ވެސް އިންޑަސްޓްރިއަލް ވިލެޖު ކަމަށެވެ.

ވަގުތީ ގޮތުން ދޫކޮށްފައިވާ ބިންތައް ހުސް ކުރަން ފަށާފައިވާ ކަމަށް ވެސް އިއުލާނުގައި ހައުސިން އިން ބުނެފައި ވެއެވެ. އަދި ބުނެފައި ވަނީ އެ ސަރަހައްދުން ވަކިފަރާތަކާއި ހަވާލު ކޮށްފައިނުވާ ބިންތަކަކީ ވެސް ބުރިޖުގެ މަސައްކަތަށް ބޭނުން ކުރާނެ ބިން ކަމަށާއި ވިލެޖުގައި ޕާކު ކޮށްފައިވާ ވެހިކަލްތައް ނަގައި އެތަންތަން ވެސް ހުސްކުރަން ބޭނުންވާ ކަމަށެވެ.

އިއުލާނު ބުނާ ގޮތުން މި މަހުގެ ނިޔަލަށް ވެހިކަލްތައް ނަގަން ފުރުސަތު ދީފައިވެ އެވެ. އެ މުއްދަތު ހަމަވާއިރު ނުނަގާ ވެހިކަލްތައް މިނިސްޓްރީން ނަގާނެ އެވެ. އަދި ލިބޭ ގެއްލުމަކަށް ޒިންމާއެއް ވެސް ނުނަގާނެ އެވެ.

ތިލަ މާލެ ބްރިޖު އަޅަނީ އިންޑިއާއިން ދޭ 400 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 6.1 ބިލިއަން ރުފިޔާ) ގެ ލޯނަކުންނެވެ. އެ ލޯނު އެއްބަސްވުމުގައި ވަނީ ސޮއި ކޮށްފަ އެވެ. އެ ފައިސާގެ ތެރެއަށް އަދި އެހީގައި 100 މިލިއަން ޑޮލަރު އިންޑިއާއިން ލައި ދެއެވެ

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވާ ގޮތުގައި ބުރިޖް އަޅާ ކުންފުނި ކަނޑައެޅުމަށް ފަހު ތާވަލާ އެއްގޮތަށް އެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. ތިލަ މާލެ ބްރިޖު 2023 ވަނަ އަހަރުގެ ތެރޭގައި ފެނުން މައްޗަށް ފެންނަން ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ.