ހަބަރު

ތިލަފުށީގެ ބަދަލުގައި ގުޅީފަޅުގައި ޕޯޓް އެޅުމަކީ ބޮޑު ގެއްލުމެއް: ސައީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މާލެ ސަރަހައްދުގެ އިންޓަނޭޝަނަލް ޕޯޓް ތިލަފުށީގައި ގާއިމު ކުރުމަށް ނިންމާފައިވާ ނިންމުން ބަދަލުކޮށް ގުޅީފަޅުގައި ޕޯޓް އެޅުމަކީ ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް ކޮމިޓީއަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ހާޒިރުކޮށް ގުޅީފަޅުގައި ޕޯޓް އަޅަން ސަރުކާރުން ނިންމި ސަބަބާ ގުޅޭ ގޮތުން ސުވާލު ކުރެވުނެވެ. މިނިސްޓަރު ކޮމިޓީއަށް ހާޒިރުކުރީ، ގުޅީފަޅުގެ ފަޅު ހިއްކާތީ ވިލިމާލެ ފަރަށް ކިސަޑު އެޅި އެ ފަރުގެ ދިރުން ގެއްލޭތީ ފާޅު ކުރަމުންދާ ކަންބޮޑުވުންތަކާ ގުޅިގެނެވެ.

މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، ތިލަފުށީގައި ވެސް ބަނދަރު ހެދުމުގެ ވިސްނުމެއް އޮތް ކަމަށެވެ. ނަމަވެސް އެއީ ކުނި ޖަމާ ކުރާ ރަކަށް ވެފައިވާ ޕޯޓަކީ ކާބޯތަކެތި ވެސް އެތެރެ ކުރާނެ ތަނަކަށް ވާތީ ތިލަފުށީގައި އެ ކަން ކުރުމުގެ ބަދަލުގައި ގުޅީފަޅުގައި އެ ކަން ކުރަން ސަރުކާރަށް ފެނުނީ ކަމަށެވެ.

އަސްލަމްގެ އެ ވާހަކައާ ގުޅިގެން މެންބަރު ސައީދު ހަތަރު ޓްވީޓެއް ކުރެއްވި އެވެ. ފުރަތަމަ ޓްވީޓުގައި ވިދާޅުވީ ރާއްޖޭގެ މައި ޕޯޓް ތިލަފުށީގައި ނޭޅުމަކީ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. ގުޅީފަޅުގައި ޕޯޓް ގާއިމު ކުރުމުގެ ބަދަލުގައި ތިލަފުށީގައި އެ މަޝްރޫއު ހިންގާ ގޮތަށް ބަދަލު ކުރަން އޭނާ ގޮވާލެއްވި އެވެ.

ދެން ސައީދު ޓްވީޓެއް ކުރެއްވީ ގުޅީފަޅާއި ތިލަފުށި ހިމެނޭ ސަރަހައްދުގެ ސެޓެލައިޓް މެޕްގެ ފޮޓޯއެއް އެޓޭޗްކޮށްފަ އެވެ. އެ ޓްވީޓުގައި ވިދާޅުވީ ގުޅީފަޅަކީ ކޮމާޝަލް ޕޯޓެއް އަޅަން އެންމެ ރަނގަޅު ޗޮއިސް ނޫން ކަން މެޕަށް އެކަނި ބަލާލިޔަސް އެނގޭ ކަމަށެވެ.

ދެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ތިލަފުށީގައި ވިޔަފާރި ބަނދަރު އަޅަން ނިންމީ ރާއްޖޭގެ އިގްތިސާދު ފުޅާކޮށް މެރިޓައިމް ކޮމާސްގެ ފައިސާ އެންމެ ފުޅާ މިނުގައި ނެގުމަށް ކަމަށެވެ. ގުޅީފަޅަކީ ބިން އޮތް ބިން ބޮޑު ކުރެވޭނެ ސަރަހައްދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ގުޅީފަޅު ހިއްކުމުގެ ސަބަބުން ތިމާވެއްޓަށް އަސަރުތަކެއް ކުރިޔަސް އެ މަޝްރޫއު ހުއްޓާލެވެން ނެތް ކަމަށް މިނިސްޓަރު އަސްލަމް މިއަދު ވިދާޅުވި އެވެ. އެންވަޔަރަމެންޓް ޕްރޮޖެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ކޮމިޓީގައި ބުނެފައިވަނީ މަޝްރޫއު ހުއްޓާލަން އަންގަން ޖެހޭ މިންވަރަށް ތިމާވެއްޓަށް އަސަރު ކުރަމުން ނުދާ ކަމަށެވެ.