ހަބަރު

ވެއްޓަށް އަސަރުކުރިޔަސް ޕޯޓްގެ އިކޮނޮމިކް ވެލިއު މާ ބޮޑު: އަސްލަމް

މާލެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލު ކުރަނ އެ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް ކުރަން ޖެހުމުން ތިމާވެއްޓަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށާއި ނަމަވެސް އެ ބަނދަރުގެ ސަބަބުން ލިބޭނެ އިގްތިސޯދީ މަންފާ މާ ބޮޑު ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ނެދަލެންޑްގެ ބޮސްކާލިއަސް ކުންފުންޏާ ހަވާލުކޮށް ގުޅީފަޅުގެ ފަޅުން ހަ މިލިއަން ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއްކަ އެވެ. އެ މަސައްކަތް ފެށި ފަހުން ވިލިމާލެ ފަރަށް ކިސަޑު އެޅި ފަރުތައް މަރުވާ ކަމުގެ ކަންބޮޑުވުންތައް އާންމުންގެ ގިނަ ބަޔަކުއާއި ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާ ޖަމާއަތްތަކުން ވަނީ ފާޅުކޮށްފަ އެވެ.

މި މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް މިނިސްޓަރު އަސްލަމްގެ އިތުރުން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމާއި، އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ހާޒިރު ކުރި އެވެ.

ވެބް ކޮންފެރެންސް މެދުވެރިކޮށް ކުރިއަށް ދިޔަ އެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ ގުޅީފަޅު ހިއްކުމާއި އެ ތަނުގައި ވިޔަފާރި ބަނދަރެއް ގާއިމު ކުރުމަކީ މަޝްރޫއަކީ "ހައި އިމްޕެކްޓް" މަޝްރޫއެއް ކަމަށެވެ. އޭގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި އަސަރުތަކެއް ކުރާނެ މަޝްރޫއެއް ކަމަށެވެ.

އެހެން ވިދާޅުވުމަށް ފަހު އަސްލަމް ދެން ވިދާޅުވީ ބިން ހިއްކުމުގެ އެއްވެސް މަޝްރޫއަކީ "ލޯ އިމްޕެކްޓް" މަޝްރޫއެއް ނޫން ކަމަށެވެ. ރަށްރަށުގެ ބިމުގެ ޖާގަ ކުޑަވެގެން ހިންގާ ފަޅު ހިއްކުމުގެ މަޝްރޫއާއި ބަނދަރު ހެދުމަށް ފަޅު ކޮނުމުގެ މަޝްރޫއާއި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއުތަކުން ވެސް ބޮޑެތި އަސަރުތަކެއް ކުރާ ކަމަށެވެ.

"މި ޕްރޮޖެކްޓަކީ ހައި އިމްޕެކްޓް ޕްރޮޖެކްޓްއެއް. ފަޅުތައް ހިއްކުމާއި ފަޅު ކޮނުމުގެ އެއްވެސް މަޝްރޫއަކީ ލޯ އިމްޕެކްޓް މަޝްރޫއަތެކެއް ނޫން. އޭގެ ނޭޝަނަލް އިމްޕެކްޓްއަށް ބަލާއިރު، އެހެންވިޔަސް އިކޮނޮމިކް ވެލިއު މާ ބޮޑު." މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

މާލެ ސަރަހައްދުގެ ވިޔަފާރި ބަނދަރު ބަދަލު ކުރުމަށް ޓަކައި ގުޅީފަޅުގައި އެ ކަން ކުރަން ނިންމި ސަބަބަކާ ގުޅޭ ގޮތުން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ސުވާލު ކުރެއްވި އެވެ. އޭގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ މާލެ ސަރަހައްދުގައި އެ މަސައްކަތެއް ކުރުމަށް އެކަށީގެންވާ ތަނަކަށް އޮތީ ގުޅިފަޅު ކަމަށް ސަރުކާރަށް ފެންނާތީ ކަމަށެވެ.

މާލެ ސަރަހައްދުގައި ހިމެނޭ ތިލަފުށީގައި ވެސް ބަނދަރު ހެދުމުގެ ވިސްނުމެއް އޮތް ކަމަށާއި ނަމަވެސް އެއީ ކުނި ޖަމާ ކުރާ ރަށަކަށް ވެފައި ޕޯޓަކީ ކާބޯތަކެތި ވެސް އެތެރެ ކުރާނެ ތަނަކަށް ވާތީ ތިލަފުށީގައި އެ ކަން ކުރުމަށް ސަރުކާރަށް ތާއީދު ނުކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިލަފުށީގައި އެ ކަން ނުކުރަން ނިންމި ސަބަބަކީ ތިލަފުއްޓަކީ ކުނި ޖަމާ ކުރާ ތަނަކަށް ވާތީ. ޕޯޓަށް ކާބޯތަކެތި އެތެރެ ކުރާތީ ތިލަފުށި އެއީ އެންމެ ކަމުދާ ލޮކޭޝަނަކަށް ވެގެން ނުދިޔައީ. ދެން އެންމެ ކައިރިން އެ ކަން ކުރެވެން އޮތް ތަނަކަށް ފެނުނީ ގުޅީފަޅު." އަސްލަމް ވިދާޅުވި އެވެ.

ގުޅީފަޅުގައި ވަރަށް ފުން މިން ހިމެނޭ ސަރަހައްދުތަކެއް ވެސް ވާ ކަމަށް ވިދާޅުވެ އޭގެ ސަބަބުން ހަރަދު ބޮޑު ނުވާނެތޯ ވެސް ވައްޑެ ސުވާލު ކުރެއްވި އެވެ. އޭގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ހަރަދަށް ބެލި ކަމުގައި ވިޔަސް އެންމެ ރަނގަޅު ޗޮއިސްއަކަށް އޮތީ ގުޅީފަޅު ކަމަށެވެ.

"އެންމެ އަގުބޮޑު ރޭޓަށް ބަލާއިރު އަންދާޒާ ކުރެވެނީ 120 މިލިއަން ޑޮލަރު. އެކަމަކު އެއީ ތަންކޮޅެއް ދުރުން ވެލި ނަގަން ޖެހިއްޖެނަމަ. ތަންކޮޅެއް ކައިރިން ވެލި ނަގާނަމަ މިއަށް ވުރެ ކިތަންމެ ތަނެއް އަގުހެޔޮ ވެގެން ދާނެ." އަސްލަމް ވިދާޅުވި އެވެ.

މާލެ ސަރަހައްދު ފިޔަވައި ކައިރިން އެހެން ހިސާބެއްގައި ޕޯޓް އެޅުމުގެ ވިސްނުން ނުގެންގުޅެނީ ކީއްވެގެންތޯ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ސުވާލު ކުރެއްވި އެވެ. އޭގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ މާލެ ސަރަހައްދުގައި ޕޯޓެއް އޮންނަން ޖެހޭ ކަމަށާއި އެ މަސައްކަތް ނުކޮށް ތިބެވެން ނެތް ކަމަށެވެ.

"މާލޭގެ ޕޯޓް އެހެން ސަރަހައްދަކަށް ބަދަލު ކުރުމުގެ ވިސްނުމެއް ނެތް. އެހެން ހިސާބުތަކުގަ އެބަހުރި ޕޯޓް ވެސް ހެދިފަ. ސަރުކާރުގެ ވިސްނުން ވެސް އެބަ އޮތް ރާއްޖޭގެ އެހެން ހިސާބުތަކުގެ ވެސް އިންޓަނޭޝަލް ޕޯޓް އެންމެ މަތީ ފެންވަރަށް ތަރައްގީ ކުރުން، އެކަމަކު އޭގެ ބޭނުމަކީ މާލެ ސަރަހައްދުގެ ޕޯޓް ހުއްޓާލުމެއް،" އަސްލަމް ވިދާޅުވި އެވެ.

މާލޭގެ ޕޯޓް ތަރައްގީ ކުރުމަށް ޓަކައި ރާއްޖޭގެ އެހެން ހިސާބަކުން ވެލި ނަގަމުންދޭތޯ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ސުވާލު ކުރެއްވި އެވެ. އެ ސުވާލުގެ ޖަވާބުގައި އަސްލަމް ވިދާޅުވީ ވެލި ނަގަނީ މާލެ އަތޮޅުގެ އެތެރެވަރިން ކަމަށެވެ. ފުރަތަމަ ނަގާނީ ގުޅި ފަޅު ކައރިން ކަމަށާއި ދުރުން ނަގާނީ ބޭނުންވާ ވަރަށް ކައިރިން ނުލިބެއްޖެނަމަ ކަމަށެވެ.