ރައީސް މުހައްމަދު ނަޝީދު

މަޖިލީހުން ލަފާ ދެނީ ފަރުތައް ހަލާކުނުވާ ގޮތަށް ފަޅު ހިއްކަން: ނަޝީދު

ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށްދާއިރު އޭގެ ސަބަބަން ތިމާވެއްޓަށް ކުރަމުންދާ އަސަރުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ލަފާ ދީފައި ވަނީ އެ ސަރަހައްދުގައިވާ ފަރުތައް ހިމާޔަތްވާނެ ގޮތަށް އާ ވަރުގަދަ ފިޔަވަޅުތައް އަޅައިގެން މަޝްރޫއު ކުރިއަށް ގެންދިއުމަށް ކަމަށް އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ގުޅީފަޅު ހިއްކަން ފަށާފައި ވަނީ މާލޭގެ ވިޔަފާރި ބަނދަރު އެ ސަރަހައްދަށް ބަދަލު ކުރުމަށެވެ. ނެދަލެންޑްގެ ބޮސްކާލިއަސް ކުންފުންޏާ ހަވާލުކޮށްގެން އެ ފަޅުން ހަ މިލިއަން ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއްކަ އެވެ. އެ މަސައްކަތް ފެށި ފަހުން ވިލިމާލެ ފަރަށް ކިސަޑު އެޅި ފަރުތައް މަރުވާ ކަމުގެ ކަންބޮޑުވުންތައް ބޮޑުވެފައިވެ އެވެ.

މަޖިލީހުގެ އެންވަޔަރަމެންޓް ކޮމިޓީން މައްސަލަ ބަލަން ފަށާފައިވަނިކޮށް، އެ މަޖިލީހުގެ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަޖިލީހާއި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ލަފައަކީ ވެސް އެ މަޝްރޫއު ކުރިއަށް ދާއިރު އެ ސަރަހައްދުގައިވާ ފަރުތައް ހިމާޔަތް ކުރަން އިތުރު އާ ވަރުގަދަ ފިޔަވަޅުތަކެއް އެޅުން ކަމަށެވެ.

"އަޅުގަނޑު ދެކެނީ މަޖިލީހާއި އީޕީއޭގެ މި ރެކޮމެންޑޭޝަންތައް ސަރުކާރުން ބަލައިގަންނާނެ ކަމަށް، ގުޅިފަޅު މަޝްރޫއަކީ މުހިއްމު އަދި ގިނަ ފައިދާތަކެއް ލިބޭނެ މަޝްރޫއެއް، އެކަމަކު އެ ކަން ކުރަން ފަރުތައް ހަލާކު ކޮށްލައިގެން ނުވާނެ،" އިނގިރޭސި ބަހުން ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައިވެ އެވެ.

މި ކަމާ ގުޅިގެން މިއަދު ދިވެހި ބަހުން ވެސް ރައީސް ނަޝީދު ޓްވީޓެއް ކުރެއްވި އެވެ. އެ ޓްވީޓްގައި ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން ވެއްޓަށް ނުރަނގަޅު އަސަރުތަކެއް ކުރާ ކަމަށެވެ. ނަމަވެސް މާލެ ސަރަހައްދު ހިއްކަން ޖެހެނީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށާއި މި ސަރަހައްދުގެ ތޮއްޖެހުން ކުޑަ ކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި މައްސަލާގައި މަޖިލީހުގެ އެންވަޔަރަމެންޓް ކޮމިޓީއަށް އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނާއި، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްގެ އިތުރުން އީޕީއޭގެ ވެރިން އިއްޔެ ހާޒިރު ކުރި އެވެ.

އެ ކޮމިޓީގައި އީޕީއޭއިން ބުނެފައިވަނީ ގުޅިފަޅު ހިއްކުން ހުއްޓަން ޖެހޭ ވަރަށް ގެއްލުން ނުވާ ކަމަށެވެ. އަދި މިނިސްޓަރު އަސްލަމް ވިދާޅުވެފައިވަނީ ގުޅިފަޅު ހިއްކުމުގެ ވެއްޓަށް އަސަރުތަކެއް ކުރިއަށް އެއީ ކޮންމެހެން ކުރިއަށް ގެންދަން ޖެހޭ މަޝްރޫއެއް ކަމަށާއި އޭގެ އިގްތިސާދީ ނަފާ މާ ބޮޑު ކަމަށެވެ.