އީޕީއޭ

ގުޅީފަޅު މަޝްރޫއު: ދޮގު މައުލޫމާތު ދޭން ޕްރެޝަރެއް ނުކުރޭ: އީޕީއޭ

ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއިން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު އެނަލައިޒް ކުރުމުގައި ވަކި ގޮތަކަށް އަމަލުކޮށް ދޮގު މައުލޫމާތުތަކެއް ދޭން އެންވަޔަރަމެންޓް މިނިސްޓްރީން ޕްރެޝަރު ކޮށްފައި ނުވާ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވެއްޖެ އެވެ.

މާލޭގެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލު ކުރުމުގެ މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ ކަންކަމުގައި އެންވަޔަރަމެންޓް މިނިސްޓްރީ އާއި އީޕީއޭގެ ވެރިންނާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުޅޭ ކަމުގެ އަޑުތައް ގަދަވެގެން ދިޔަ އެވެ. އޭގެ ފަހުން، އީޕީއޭގެ ޑިރެކްޓަ ޖެނެރަލް ނައީމްގެ މަގާމު ދަށް ކުރާނެ ކަމުގެ އިންޒާރު މިނިސްޓްރީން ދީފައިވެ އެވެ.

މި މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމެއް އީޕީއޭގެ ޑިރެކްޓަ ޖެނެރަލް ނައީމްގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ހާޒިރު ކުރި އެވެ.

ވެބް ކޮންފެރެންސް މެދުވެރިކޮށް ކުރިއަށް އެ ބައްދަލުވުމުގައި ކޮމިޓީގެ ބައެއް މެންބަރުން ވަނީ ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ދިއުމާ ގުޅޭ ގޮތުން ވަކި ގޮތަކަށް އަމަލު ކުރުމަށް ނުވަތަ ވަކި ގޮތަކަށް މައުލޫމާތުތައް ދިނުމަށް މިނިސްޓްރީން ޕްރެޝާ ކޮށްފައިވޭތޯ ނައީމަށާއި މިނިސްޓަރު ޑރ. ހުސައިނަށް ސުވާލު ކުރައްވާފަ އެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އީޕީއޭގެ ޑިރެކްޓަ ޖެނެރަލް ނައީމް ވިދާޅުވީ ނުރަނގަޅު މައުލޫމާތެއް ހާމަ ކުރުމަށް ނުވަތަ ވަކި ގޮތަކަށް މައުލޫމާތުތަކެއް ހާމަ ކުރުމަށް މިނިސްޓްރީން އެއްވެސް އިރެއްގައި ޕްރެޝަރުތަކެއް ކޮށްފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި މިނިސްޓްރީން އަންގަނީ ވީހާވެސް ގިނަ މައުލޫމާތުތަކެއް ހާމަކުރުމަށް ކަމަށް ވިދާޅުވި އެވެ.

"ނުރަނގަޅު މައުލޫމާތެއް ހާމަ ކުރާކަށް އެއްވެސް ފަރާތަކުން އެއްވެސް ޕްރެޝަރެއް ނުކުރޭ. ކުރިން (މިދިޔަ ސަރުކާރުގައި) އެ އޮންނަ ވަރަށް މިހާރު ޕްރޮޝަރެއް ނުވެސް އާދޭ. މިނިސްޓްރީން ވެސް އަންގަނީ ވީހާވެސް ގިނަ މައުލޫމާތުތައް ހާމަ ކުރުމަށް. އެ ގޮތަށް މިހާތަނަށް ބާރު އަޅާފައި އޮތީ ވެސް،" ނައީމް ވިދާޅުވި އެވެ.

ސަރުކާރުން ޕްރެޝަރު ނުކުރިޔަސް މަސައްކަތް ކުރުމުގައި ދަތިތަކެއް ހުންނަ ކަމަށާއި އެންވަޔަރަމެންޓް މިނިސްޓްރީގެ ދަށުން ހިންގުމުގެ ބަދަލުގައި އީޕީއޭއަކީ މުޅިން މިނިވަން ތަނަކަށް ހަދައިގެން މެނުވީ، ރައްޔިތުން އެދޭ މިންވަރަށް މަސައްކަތް ކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެންމެ ބޮޑު ދައްޗަކީ އެކަށީގެންވާ ރަނގަޅު ބަޖެޓެއް ނެތުން، އެކަށީގެންވާ ރިސޯސަސް ނެތުން، މުޅިން މިނިވަން ވަކި ތަނެއްގެ ގޮތުގައި ނެތުން، އެހެންވެ ޕަބްލިކް އެކްސްޕެކްޓް ކުރާ ވަރަށް ފަންކްޝަން ކުރަން ވެސް ދަތިތަކެއް އެބަހުރޭ،" ނައީމް ވިދާޅުވި އެވެ.

މި ކަމާ ގުޅޭ ގޮތުން މިނިސްޓަރު ޑރ. ހުސައިން ވިދާޅުވީ އޭނާ މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެއްވެސް ކަމަކާ މެދު ވަކި ގޮތަކަށް ނިންމަން އީޕީއޭއަށް އަންގާފައި ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ އީޕީއޭގެ މަސައްކަތްތައް ކުރުމަށް މިނިސްޓްރީގެ ފަރާތުން ވީހާވެސް ގިނަ ވަސީލަތްތަކާއި އެއްބާރުލުން ދެމުން ގެންދާ ކަމަށެވެ.

"އަޅުގަނޑު ވަޒީރުކަމާ ހަވާލުވި ފަހުން އެއްވެސް ކަމަކާ މެދު ވަކި ގޮތަކަށް ނިންމަން އީޕީއޭއަށް އަންގާފައެއް ނުވާނެ. މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ވެސް، ވަކި މައުލޫމާތެއް ދޭން، ވަކި މަންޒަރެއް އާންމު ޕަބްލިކަށް ހާމަކޮށްދިނުމަށް އެއްވެސް ކަހަލަ އިންސްޓްރަކްޝަނެއް ދީފައެއް ނެތް." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ނައީމަށް އެންގި އެންގުމަކީ ސިވިލް ސާވިސް ގާނޫނުގެ ތެރެއިން ޕާމަނަންޓް ސެކްރެޓަރީން އެޅި އިދާރީ ފިޔަވަޅެއް ކަމަށާއި އެއީ މިނިސްޓްރީން ސިޔާސީ މަގްސަދެއްގައި ކުރި ކަމެއް ނޫން ކަމަށެވެ. އެކަމާ ގުޅޭ ގޮތުން މިނިސްޓްރީއާ މަޝްވަރާ ނުކުރާ ކަމަށާއި ކުރަން ޖެހޭނެ ކަމަކަށް ވެސް ދެކެވަޑައިނުގަންނަވާ ކަމަށެެވެ.

"ސިވިލް ސާވިސް އެއީ، ވަކި ގާނޫނެއްގެ ތެރެއިން ހިނގާ ކަމެއް ވީމަ، އޭގެ ތެރެއިން ޕާމަނަންޓް ސެކްރެޓަރީ ކުރި ކަމެއް. ޑިރެކްޓަ ޖެނެރަލްއާ ގުޅުން ހުރި ކަމެއްގައި ޑިރެކްޓަ ޖެނެރަލްއަށް ނުކުރެވޭނެ ކަމެއް ކުރުމުން އެންގި އެންގުމެއް، އަޅުގަނޑުމެންނާ މިފަދަ ކަމެއްގައި މަޝްވަރާ ކުރާކަށް ވެސް ނުޖެހޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ފިޔަވަޅު އެޅީ، އީޕީއޭގެ ޑިރެކްޓަ ޖެނެރަލް ނައީމަށް މިނިސްޓްރީއަށް ކުރަން އެންގެން ނެތް ކަމެއް ކުރުމަށް އެންގުމުން ކަމަށް މިނިސްޓަރު ވިދާޅުވިޔަސް އޭގެ މާ ބޮޑު ތަފުސީލަކަށް މިނިސްޓަރު ވަޑައެއް ނުގަންނަވަ އެވެ.

ގުޅީފަޅު ހިއްކުމުގެ މަސައްކަތާ ގުޅިގެން ވިލިމާލެ ފަރަށް ކިސަޑު އެޅެމުންދާތީ އެ ސަރަހައްދުގެ ދިރުންތަކަށް ގެއްލުން ލިބޭތީ އާންމުންނާއި ތިމާވެށި ހިމާޔަތް ކުރާ ޖަމިއްޔާ ޖަމާއަތްތަކުގެ ކަންބޮޑުވުން ބޮޑުވެފައިވެ އެވެ. ނަމަވެސް އީޕީއޭއިން މިއަދުގެ ބައްދަލުވުމުގައި ވެސް ބުނެފައި ވަނީ އޭގެ ސަބަބުން ވިލިމާލެ ފަރަށް މާ ބޮޑެތި އަސަރުތަކެއް ނުކުރާ ކަމަށެވެ.