މި ސަރުކާރުގައި ގުޅިފަޅުން އަލަށް ހިއްކާ ސަރަހައްދުގައި މަދުވެގެން 6،000 ހައުސިން ޔުނިޓް އިމާރާތް ކުރެވޭ ވާރުގެ ބިމެއް ކަނޑައަޅަން ސަރުކާރަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ގުޅިފަޅުން ހިއްކާ ބިމުގައި ފްލެޓް އަޅަން ހުށަހެޅުން ދީފައިވާ އެންވަޔަރަމެންޓް ކޮމިޓީގެ ރިޕޯޓް ފާސްކުރީ 65 މެންބަރުންނެވެ. އެ ރިޕޯޓް ފާސް ކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
ކޮމިޓީގެ ރިޕޯޓަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އިސްލާހެއް ހުށަހެޅުއްވި އެވެ. އެއީ ގުޅިފަޅުގައި އަޅަން ހުށަހަޅާ ހައުސިން ޔުނިޓްގެ އަދަދު 8،000 އިތުރު ކުރުމަށެވެ. ނަމަވެސް 58 މެންބަރުންގެ ވޯޓާއެކު އެ އިސްލާހު ހިމަނަން ފާހެއް ނުވި އެވެ. އިސްލާހު ހިމަނަން ފެންނަ ކަމަށް ވޯޓު ދެއްވީ ހަ މެންބަރެކެވެ.
ގުޅިފަޅުގައި މިހާރު ހިއްކަމުން ދަނީ މާލެ ވިޔަފާރި ބަނދަރު އެ ތަނަށް ބަދަލު ކުރުމުގެ މަޝްރޫއުގެ ދަށުން ބޭނުންވާ ބިމުގެ ސަރަހައްދަށެވެ. ނަމަވެސް އެ ކަމަށް ބޮޑު ބައެއް ހިއްކާތީ، ވިލިމާލެ ފަރަށް ކިސަޑު އެޅި ގެއްލުން ވަމުންދެ އެވެ. އެންވަޔަރަމެންޓް ކޮމިޓީން އެކުލަވާލި ރިޕޯޓަކީ އެ މައްސަލަ ދިރާސާކޮށް އެކުލަވާލި ރިޕޯޓެވެ.
ކޮމިޓީ ރިޕޯޓްގައި ވަނީ ތިމާވެއްޓަށް އަސަރު ކުރާ މަޝްރޫއަކަށް ވާތީ ހަމައެކަނި އެންމެ މަޝްރޫއަކަށް ހާއްސަ ކުރުމުގެ ބަދަލުގައި އިތުރު އިޖުތިމާއީ އަދި އިގްތިސާދީ ފައިދާތައް އަންނާނެ ކަންކަން ހިމަނަން ޖެހޭ ކަމަށެވެ.
އެ ގޮތުން މާލެއަކީ ތޮއްޖެހިފައިވާ ސަރަހައްދަކަށް ވާތީ، ގުޅިފަޅު ހިއްކާ ބިމުގެ ސަރަހައްދުގެ 15 ޕަސެންޓްގެ ބިން ބޯހިޔާވަހިކަމަށް ހާއްސަ ކުރުމަށް ކޮމިޓީން ހުށަހަޅާ ކަމަށް ރިޕޯޓުގައި ބުނެ އެވެ. އަދި އެ ބިމަކީ މަދުވެގެން 6،000 ހައުސިން ޔުނިޓް އިމާރާތް ކުރެވޭ ވަރުގެ ބިމަކަށް ވެސް ވާން ވާނެ ކަމަށް ކޮމިޓީ ރިޕޯޓްގައި ބުނެ އެވެ.
ތިމާވެއްޓަށް ކުރާ އަސަރުތައް ކުޑަކުރަން ފިޔަވަޅުތަކުގެ ހުށަހެޅުންތައް
ގުޅިފަޅު ހިއްކުމުގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރުތައް ކުޑަކުރުމަށް ޓަކައި މިހާރު ވެސް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގާފައިވާ ފިޔަވަޅުތައް ކުރިއަށް ގެންދިއުމަށް މަޝްރޫއު ހިންގާ ފަރާތަށް އެންގުމަށް ކޮމިޓީ ރިޕޯޓްގައިވެ އެވެ.
ތިމާވެއްޓަށް ކުރާ އަސަރުތައް ކުޑަ ކުރުމަށް އަޅާ ފިޔަވަޅުތައް ބެލުމަށް ޓަކައި ކަމާ ބެހޭ ފަރާތްތައް ހިމެނޭ ވަގުތީ ކޮމިޓީއެއް އެކުލަވާލައި ހަފުތާއަކު އެއް ފަހަރު ބައްދަލުވުންތައް ބާއްވަން ވެސް ހުށަހަޅާފައިވެ އެވެ. އަދި ކޮންމެ ދުވަހަކު އޭގެ ފަހުގެ މައުލޫމާތުތައް އާންމު ކުރަމުން ދިއުމަށް ވެސް ކޮމިޓީގެ ހުށަހެޅުންތަކުގައިވެ އެވެ.
ކުރިއަށް އޮތް ތަނުގައި އެފަދަ މަޝްރޫއުތައް ހިންގުމުގައި ބައެއް ކަންކަން ބަލަން ވެސް ކޮމިޓީ ރިޕޯޓުގައިވެ އެވެ. އެއީ އެންމެ ފުންކޮށް ހިއްކޭނެ މިންވަރެއް ސަރުކާރުން ކަނޑައެޅުމަށާއި މަޝްރޫއުތަކުގެ ބަޖެޓުގައި ތިމާވެށި ރައްކާތެރިކަމަށް ބަޖެޓް ހަމަނުޖެހޭނަމަ އެ މަޝްރޫއު ކުރިއަށް ގެންދަން ހުއްދަ ދިނުމަށެވެ.