މުހައްމަދު އަސްލަމް

ގޯއްޗަށް އެދުނު މީހުންގެ އިވެލުއޭޓު ރިޕޯޓު ޖޫން މަހު ލިބޭނެ

މާލެ ސަރަހައްދުން ދޫކުރާ ގޯއްޗަށް އެދުނު މީހުން އިވެލުއޭޓު ކުރުމަށްފަހު އެ ރިޕޯޓު ޖޫން މަހު ކުރީކޮޅު ލިބޭނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާލެ ސަރަހައްދުން ގޯތި ދިނުން ކުރިއަށް ގޮސްފައިވާ ހިސާބާއި ގުޅޭ ގޮތުން ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ގޯއްޗަށް އެދުނު މީހުން އިވެލުއޭޓު ކުރުމުގެ މަސައްކަތް ކޮމެޓީއަކުން ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑަށް ލިބިފައި އޮތް މައުލޫމާތުގައި އެ ބޭފުޅުންގެ (އިވެލުއޭޓް ކޮމެޓީ) މަސައްކަތް ނިންމާ އަޅުގަނޑާ ހަމައަށް ރިޕޯޓުކުރެވޭވަރު ވާނީ މެއިގެ ނިޔަލަށް، ޖޫން މަހުގެ ކުރީކޮޅު،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހިންގާ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ޕްރޮގްރާމަށް ފޯމު ހުށަހެޅުމުގެ ވަގުތު ހަމަވިއިރު 35،861 ފޯމު ވަނީ ހުށަހަޅާފަ އެވެ.

މާލޭގެ ރައްޔިތުންނަށް 5،000 ގޯތި އަދި 4،000 ފްލެޓް ދޫކުރުމަށް ނިންމާ ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލީ ޖޫން 26، 2022ގަ އެވެ.

މާލޭގެ ރައްޔިތުންނަށް ދޫކުރާ 5،000 ގޯއްޗަށް 15،164 ފޯމު ހުށަހަޅާފައިވާއިރު 4،000 ފްލެޓްގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓަށް 14،489 ފޯމު އަދި ދެ ކޮޓަރީގެ ފްލެޓަށް 6،208 ފޯމު ހުށަހަޅާފައިވެ އެވެ.

ދޫކުރާ ގޯތީގެ ބޮޑުމިން

ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ދޫކުރުމަށް ނިންމާފައިވަނީ ތިން ސައިޒެއްގެ ގޯތިތަކެކެވެ. އެގޮތުން ވަކި ފަރުދަކަށް ނަމަ ދޫކުރާ އެންމެ ކުޑަ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއްނަމަ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓުގެ ގޯއްޗެވެ. އަދި ހަތް މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވެގެން ހުށަހަޅާ އެޕްލިކޭޝަނެއްނަމަ ޖުމްލަ 4،000 އަކަފޫޓުގެ ގޯތި ދޫކުރާނެ އެވެ.