ހަބަރު

އަހަރުގެ ނިޔަލަށް 5،000 ފްލެޓުގެ އަމަލީ މަސައްކަތް ފަށަނީ

ބޯހިޔާވަހިކަމުގެ ދަތިކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ހާއްސަ ސަމާލުކަމެއް ދީގެން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 5000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަހަރަށް މަޖިލީސް ހުޅުވައިދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް މިއަދު ވަނީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން މާލޭގެ އިތުރުން އަތޮޅު ތެރޭގައި މި އަހަރު ތެރޭގައި ކުރިއަށްދާނެ މަޝްރޫއުތަކުގެ ތަފްސީލުތައް ހާމަކުރައްވައިފަ އެވެ.

ރައީސް ސޯލިހުގެ ސަރުކާރުގެ ތިން ވަނަ އަހަރު ގުނަމުންދާއިރު، ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ކުރިއަށް ނުގެންދެވޭ ކަމުގެ ފާޑުކިއުން އަމާޒުވެފައިވާއިރު، އެމަނިކުފާނު ވިދާޅުވީ މާލޭގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދުމަށް ރޭވި މަޝްރޫއުތައް، ދިމާވި ބައެއް ސަބަބުތަކާ ހެދި މަޑުޖެހުނު ކަމަށާއި، ނަމަވެސް އެމަޝްރޫއުތަކުގެ މަސައްކަތް މިހާރު ކުރިއަށް އެބަދާ ކަމަށެވެ.

މިގޮތުން، މިކްސްޑް މޮޑަލްގެ 1000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފެށިފައިވާއިރު، ހުޅުމާލޭގައި ހަދާ އެފޯޑަބަލް ރޭންޖްގެ 2000 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިހަފުތާގައި ސޮއި ކުރެވި، މިޔުނިޓްތަކުގެ އަމަލީ މަސައްކަތް މެއި މަހުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް މިއަދު ހާމަކުރެއްވި އެވެ.

"މި ހައުސިން ޔުނިޓުތަކަކީ ކުރިން ތަރައްގީކޮށްފައިވާ މިގިންތީގެ ހައުސިން ޔުނިޓުތަކާ އަޅައި ބަލާއިރު، ސައިޒުގެ ގޮތުން ތަނަވަސް އަދި، ނިސްބަތުން އަގުވެސް ހެޔޮ ޔުނިޓުތަކަކަށްވާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރޭވިފައިވާ މަޝްރޫއުތައް

  • ނައިފަރާއި ތުޅާދޫ އަދި ތިމަރަފުށީގެ ހައުސިން ޔުނިޓްތައް ކުރިޔަށް
  • ކޮޅުފުށީގެ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ފަށާނީ
  • އެއިން ކޮންމެ ރަށެއްގައި 100 ހައުސިން ޔުނިޓް
  • މިކްސްޑް މޮޑަލްގެ 1000 ހައުސިންގ ޔުނިޓް ފަށާފައި
  • އެފޯޑަބަލް ރޭންޖްގެ 2000 ހައުސިން ޔުނިޓް
  • މާލޭގެ ރަށްވެހިންނަށް އިތުރު މަޝްރޫއެއް

އޭގެ އިތުރުން، އަދި އިތުރު 2000 ހައުސިން ޔުނިޓާއެކު، މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 5000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށް ރައީސް އިއުލާނުކުރެއްވި އެވެ.

"އޭގެ އިތުރުން މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް، އިތުރު މަޝްރޫއެއް ފެށުމަށް މިއަންނަނީ ޕްލޭންކުރަމުން،" އިތުރު ތަފްސީލެއް ނުދެއްވައި ރައީސް ވިދާޅުވި އެވެ.

ހުރިހާ ރަށަކަށް ފެނާއި ނަރުދަމާ

ރައީސް ސޯލިހުގެ ތިން ވަނަ ރިޔާސީ ބަޔާނުގައި އިތުރަށް ވިދާޅުވީ ފެނާއި ނަރުދަމާ ނިޒާމަކީ، ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހައްގަކަށް ވީނަމަވެސް، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ރާއްޖޭގެ 70 ޕަސަންޓަށް ވުރެ ގިނަ ރަށުގައި ފެނާއި ނަރުދަމާ ނިޒާމެއް ނެތް ކަމަށެވެ.

ނަމަވެސް، މިދިޔަ ދެ އަހަރުގެ ތެރޭގައި ވަރަށް ގިނަ ރަށްރަށުގައި އެމަޝްރޫއުތައް ފެށިފައިވާއިރު، މިހާތަނަށް ނުފެށި ހުރި ރަށްރަށުގެ ތެރެއިން 20 ރަށެއް ފިޔަވައި، އެހެން ހުރިހާ ރަށެއްގެ މަސައްކަތް، މިމަސް ނިމުމުގެ ކުރިން ހަވާލުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

"އޭރުން، މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި، މާތް ﷲގެ ވާގިފުޅާއެކު ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު މިއަދު އިއްވެވި، 3211 ލަފުޒު ހިމެނޭ ރިޔާސީ ބަޔާނުގައި 2020 ވަނަ އަހަރު ސަރުކާރުން ކުރި މުހިންމު މަސައްކަތްތަކާއި 2021 އަށް ސަރުކާރުން ކަނޑައަޅާ އަމާޒުތަކުގެ ތަފްސީލުވެސް ދެއްވި އެވެ.

އަދި ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވި އިގްތިސާދީ މައްސަލަތަކާއި އެ މައްސަލަތަކުން އަރައިގަތުމަށް ކުރެވުނު މަސައްކަތްތަކުގެ ތަފްސީލުވެސް އެމަނިކުފާނު މިއަދު ވަނީ ދެއްވައިފަ އެވެ.