މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ނިންމާ، އާންމުކޮށްފައިވާ ޝަރުތުތަކަށް ބަދަލު ގެނައުމުގެ ވިސްނުމެއް ނެތް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އަސްލަމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ސަލީމު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ދޫކުރަން ނިންމާފައިވާއިރު ރަށްރަށުން ހިޖުރަކޮށްގެން މާލެ އައިސް ދަފްތަރުގައި ރަޖިސްޓްރީވެފައި ތިބި މީހުންނަށް އެ ގޯތިތަކަށް ކުރިމަތިލުމުގައި މައްސަލަތަކެއް އެބަހުރި ކަމަށެވެ. އެހެންވެ މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ޝަރުތުތައް އިސްލާހު ކުރުމަށް ސަރުކާރުން ވިސްނަވާފައިވޭތޯ ސަލީމް ސުވާލު ކުރެއްވި އެވެ.
ސަލީމަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ މާލެ ސަރަހައްދުން ދޫކުރަން ސަރުކާރުން ނިންމާފައިވާ ގޯތިތަކަކީ މާލޭގެ ރައްޔިތުންނަށް ސަރުކާރުން ދޫކުރަން ނިންމާފައިވާ ގޯތިތަކެއް ކަމަށެވެ. އެހެންކަމުން ރަށްރަށުން މާލެއަށް ހިޖުރަ ކުރުމަށްފަހު ދަފްތަރުގައި ޖެހިފައިވާ މީހުންނަށް އެ ފުރުސަތު ނުލިބޭނެ ކަމުގައި ވިދާޅުވި އެވެ. އެކަމަކު އެފަދަ މީހުން މާލޭގައި ދިރިއުޅޭތީ އެމީހުންނަށް ލިބިފައިވާ ދަރިން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯއްޗަށް ކުރިމަތިލެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
އަސްލަމު އިތުރަށް ވިދާޅުވީ މާލޭ ބައެއް ރައްޔިތުން އެހެން ތަނެއްގައި ރަޖިސްޓްރީވެވޭނެ ގޮތެއް ނެތިގެން ދަފްތަރުގައި ޖެހިފައިވާ ކަމަށެވެ. މާލޭ މީހުންނަށް ދޫކުރާ ގޯއްޗަށް އެފަދަ މީހުންނަށް ކުރިމަތިލެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
"މިއީ ދަފްތަރު އެކްސްލޫޑް ކުރުމެއް ނޫން. އަޅުގަނޑުމެން އެކްސްލޫޑް ކުރީ މާލެއަށް ރަށްރަށުން ހިޖުރަކޮށް ދަފްތަރަށް ބަދަލުވި މީހުންނަށް،" އަސްލަމް ވިދާޅުވި އެވެ.
މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ދޫކުރާތީއާއި މާލޭގެ ބައެއް ރައްޔިތުންނަށް ލިބިފައިވާ ފްލެޓްތަކުގެ ކުލި މައާފް ނުކޮށްދޭތީ ސޯޝަލްމީޑިއާގައި އެތައް ބަޔަކު ގެންދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
މާލެ ސަރަހައްދުން ދޫކުރަން ނިންމާފައިވާ 5،000 ގޯތީގެ ތެރެއިން ފުރަތަމަ ބުރުގައި ދޫކުރާނީ 3،000 ގޯއްޗެވެ. އެއީ ހުޅުމާލެ އިން 1،000 ގޯތި އަދި ހުޅުމާލެ އިން 2،000 ގޯއްޗެވެ.