ޕޮލިޓިކްސް

އަސްލަމް ދެއްވި މާލެ ބޯހިޔާވަހިކަމުގެ ޖަވާބު ނަޝީދަށް ކަމަކު ނުދިޔަ

ގުޅިފަޅުން މިހާރު ހިއްކަމުންދާ ބިމުގެ ސަރަހައްދުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށްފައިވާ ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ކުރެވުނު ސުވާލަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ދެއްވި ޖަވާބާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރުހުން ފާޅުކުރައްވައިފި އެވެ.

ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު އަސްލަމް މިއަދު މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ އިންނެވީ ފުވައްމުލަކުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއު ލަސްވެގެން ދާތީ އެކަމާ ގުޅޭ ގޮތުން ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވި ސުވާލަކަށް ޖަވާބު ދެއްވުމަށެވެ.

މިނިސްޓަރަށް ސުވާލު ކުރުމުގެ އިތުރު ވަގުތުގެ ތެރޭގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ސުވާލު ކުރެއްވީ ގުޅިފަޅުން ހިއްކާ ބިމުގެ ސަރަހައްދުގެ ޕްލޭންއާ ގުޅޭ ގޮތުންނާއި އެ ސަރަހައްދުގައި މާލެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަ ކުރެވޭ ބޯހިޔާވަހިކަމުގެ މަޝްރޫއު ޕްލޭންއާ ގުޅޭ ގޮތުންނެވެ.

އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު އަސްލަމް ފުރަތަމަ ވިދާޅުވީ، ގުޅިފަޅުގެ ޕްލޭން އެކުލެވިފައިވާ ކަމަށެވެ. އެ ކަމާ ގުޅޭ ގޮތުން ސިޓީ ކައުންސިލާއި މަޖިލީހުގައި ތިއްބަވާ މާލެ ދާއިރާތަކުގެ މެންބަރުންނާ އެކު ބައްދަލުވުމެއް ބާއްވަން މަސައްކަތް ކުރެވެމުންދާ ކަމަށެވެ. ނަމަވެސް އެއީ މީގެ ކުރިން ވެސް މިނިސްޓަރު މަޖިލީހަށް ހާޒިރުވެ ދެއްކެވި ވާހަކަ އެކެވެ.

މިނިސްޓަރުގެ ވާހަކަ އެހާ ހިސާބުން މެދުކަނޑާލެއްވުމަށް ފަހު، ރައީސް ނަޝީދު ވާހަކަ ދެއްކެވި އެވެ. ރައީސް ނަޝީދު ވިދާޅުވީ، މެންބަރުގެ ސުވާލަށް ސާފު ޖަވާބެއް ދެއްވުމަށް ކަމަށެވެ. އެއީ ރާއްޖޭގެ ގިނަ ރައްޔިތުންތަކެއް ބޭނުންވާ ޖަވާބެއް ކަމަސެވެ. ގުޅިފަޅުގައި މާލެ ރައްޔިތުންނަށް ގެދޮރު ލިބޭނެތޯ އެވެ.

އަލުން މިނިސްޓަރަށް ފުރުސަތު ދެއްވުމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ގުޅިފަޅުގައި 1،200 ގޯތި މާލެ ރައްޔިތުންނަށް ހާއްސަ ކުރުމަށް ޕްލޭން ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެއީ މީގެ ކުރިން ވެސް އަސްލަމް މަޖިލީހަށް ހާޒިރުވެ ދެއްކެވި ވާހަކައެއް ކަމަށެވެ.

އަނެއްކާ ވެސް އަސްލަމްގެ ވާހަކަ ނަޝީދު މެދުކަނޑާލެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ، ގާނޫނުގައި ބުނާ ގޮތުން ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން އަކީ ގެޒެޓް ކުރެވި އާންމު ރައްޔިތުންނަށް ފެންނަ ގޮތަށް އާންމު ކުރެވިފައި އޮންނަ ކަރުދާހެއް ކަމަށެވެ. ނަމަވެސް މިނިސްޓަރު ވިދާޅުވާ ލޭންޑް ޔޫސް ޕްލޭނެއް ފެންނަން ނެތް ކަމަށެވެ.

"ގާނޫނުތަކާއި ގަވާއިދުތަކުން ވަރަށް ސާފުކޮށް ލޭންޑް ޔޫސް ޕްލޭން އަކީ ކޮބައި ކަމާއި، ލޭންޑް ޔޫސް ޕްލޭން އާންމު ކުރާ ގޮތް ވަރަށް ސާފުކޮށް ފެންނަން އޮންނާނެ، އާންމުކޮށް ފެންނަ ގޮތަށް ގެޒެޓްގައި ލޭންޑް ޔޫސް ޕްލޭން ނެތް ނަމަ، އެއީ ޑްރާފްޓްއެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މިނިސްޓަރުގެ ޖަވާބު ފުރިހަމަ ނުކުރެވެނީސް މިނިސްޓަރުގެ ވާހަކަ ރައީސް ނަޝީދު މެދުކަނޑައިލައްވާތީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ނިޒާމީ ނުކުތާއެއް ނެންގެވި އެވެ. މެންބަރު ޝަރީފް ވިދާޅުވީ މިނިސްޓަރުގެ ވާހަކަ އެ ގޮތަށް މެދުކަނޑާލައްވާތީ ސަރުކާރުގެ ސިޔާސަތު ސާފު ނުވާ ކަމަށެވެ.

އެ ހިސާބުން މެންބަރު ޝަރީފްގެ ވާހަކަ ވެސް ރައީސް ނަޝީދު ހުއްޓުވަން އުޅުއްވި އެވެ. ނަމަވެސް މެންބަރު ޝަރީފް ގެންދެވީ ކުޑައިރުކޮޅެއް ވަންދެން ތަޅުމުގައި އަޑުގަދަ ކުރައްވައި، ރައީސް ނަޝީދު މަޖިލިސް ހިންގަވަމުން ގެންދަވާ ގޮތާ މެދު ނުރުހުން ފާޅުކުރައްވަމުންނެވެ.

ދެން ރައީސް ނަޝީދު ވިދާޅުވަނީ، މެންބަރު ޝަރީފް ވެސް އޮޅިވަޑައިގަތީ ގުޅިފަޅުގެ އެ ޕްލޭންއަކީ ލޭންޑް ޔޫސްގެ ފައިނަލް ޕްލޭންތޯ ނުވަތަ ޑްރާފްޓްއެއްތޯ ކަމަށެވެ. އެހެންކަމުން މިނިސްޓަރު އެ ކަން ސާފުކޮށްދޭން ނަޝީދު އެދިވަޑައިގަތެވެ.

އޭގެ ފަހުން މިނިސްޓަރު އަސްލަމްއަށް ފުރުސަތު ދެއްވުމުން އޭނާ ވިދާޅުވީ އެއީ ޑްރާފްޓް ޕްލޭންއެއް ކަމަށެވެ. އެއާ ގުޅޭ ގޮތުން ސިޓީ ކައުންސިލާއި މާލެ ރައްޔިތުންގެ ހިޔާލުތައް ހޯދަން ޖެހޭނެ ކަމަށެވެ. އެހެންވިޔަސް 1،200 އަށް ވުރެ މަދު ނުކުރާނެ ކަމަށެވެ. ބަދަލެއް އަޔަސް އެ އަދަދު ވާނީ އިތުރު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.