ހަބަރު

ގޯތި ނުދީ ގުޅިފަޅު "ވިއްކާލަން" އުޅޭ ކަމުގެ ތުހުމަތު

Sep 24, 2020
3

ގުޅިފަޅު ހިއްކުމަށްފަހު އެތަނުން ގޯތި ދޫކުރަން ނިންމާފައިވާކަމަށް ސަރުކާރުން ބުނި ނަމަވެސް، ސަރުކާރާއި ވެރިކަންކުރާ އެމްޑީޕީގެ ތެރޭގައި މިހާރު އުފެދިފައިވާ ކޯޅުމުގެ ތެރެއިން، އެތަން ވިއްކާލުމުގެ އެއްބަސްވުންތަކުގައި ސޮއި ކުރަން ތައްޔާރުވަމުން އަންނަ ކަމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރުގެ މަގާމުން ސަސްޕެންޑުކޮށްފައިވާ ޝުއައިބު އަލީ މިއަދު ތުހުމަތު ކުރައްވައިފި އެވެ.

ފިޔަވަޅު އަޅާ ކޮމެޓީން ޝުއައިބު ސަސްޕެންޑް ކުރި އިރު އޭނާ ވަނީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފިޔަވަޅު އަޅައި ދިނުމަށް އެދި ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފަށް ސިޓީއެއް ފޮނުވާފަ އެވެ. އަދި އެ ސިޓީގެ ޖަވާބުގައި ހަސަން ލަތީފު ޝުއައިބަށް ފޮނުވި ސިޓީއަށް ހިތްހަމަ ނުޖެހިގެން ހަސަން ލަތީފް މަގާމުން ދުރު ކޮށްދިނުމަށް އެދި ޝުއައިބު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވާފަ އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަޒީރު ކަމުގެ މަގާމުން އެކަހެރިވެވަޑައިގަތުމަށް ދަންނަވަން ރައީސް ނަޝީދު ހަސަން ލަތީފަށް ސިޓީއެއް ފޮނުއްވާފައި ވަނިކޮށް، އޭގެ ރައްދުގައި ޝުއައިބު ވަނީ ގިނަ ތުހުމަތުތަކެއް ކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދު އަމަލު ކުރައްވާ ގޮތުން ޕާޓީގެ އިސް ބޭފުޅުންނާއި މި ސަރުކާރަށް ރައްޔިތުންގެ އިތުބާރު ގެއްލެމުންދާ ކަމަށެވެ. އެހެންކަމުން ވަޒީރުންނަށް ނުފޫޒު ފޯރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތް އެމްޑީޕީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ހުއްޓުވަން ކުރެވެން ހުރި މަސައްކަތްތައް ކުރެއްވުމަށް ހަސަން ލަތީފުގެ ކިބައިން ޝުއައިބް ވަނީ އެދިވަޑައިގެންފައި އެވެ.

އެ ސިޓީތަކުގައިވެސް ތުހުމަތު ކުރައްވާފައިވާ ގޮތަށް ޝުއައިބު މިއަދު ވިދާޅުވީ ދެއާއިލާގެ ދެމެދުގައި ހިނގާ ވެރިކަމުގެ ބާރުތައް ވަކިކުރުމުމާއި ބޮޑުވަޒީރުގެ އަރައިރުން ހިންގަމުން ދާއިރު މާލޭ ރައްޔިތުންނަށް ގޯތިދޭން ނިންމާފައިއޮތް ގުޅިފަޅު ވިއްކާލާ އެގްރީމަންޓުތަކުގައި ސޮއިކުރަން ތައްޔާރުވަމުންދާ ކަމަށެވެ.

"ބޮޑުވަޒީރު ވިދާޅުވި ތިމަންނާއޭ މާލޭ ރައްޔިތުންނަށް ކަމެއް ކޮށްދޭނީ،" ރައީސް ނަޝީދަށް އިޝާރާތް ކުރައްވައި ޝުއައިބު ވިދާޅުވި އެވެ.

ނަމަވެސް، ޝުއައުބު ކުރެއްވި ތުހުމަތުތަކުގެ އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެ އެވެ.

ގުޅިފަޅު ހިއްކުމަށް ފަހު އެ ތަނުން މާލޭގެ ރައްޔިތުންނަށް 1،200 ބިން ނުވަތަ ގޯތި ދޫކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގައި މިދިއަ ޖުލައި މަހު ވަނީ ވިދާޅުވެފަ އެވެ.