ރައީސް މުހައްމަދު ނަޝީދު

ބަރުލަމާނީ ގަރާރު ގެންދެވި ކަމަށް ނަޝީދު އިއުލާންކުރައްވައިފި

Aug 21, 2022
1

ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅުއްވި ގަރާރު އަނބުރާ ގެންދެވި ކަމަށް ރައީސް ނަޝީދު އިއުލާންކުރައްވައިފި އެވެ.

އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްގައި ގަރާރު ގެންދެވިކަން އިއުލާން ކުރެއްވީވެސް ރައީސް ނަޝީދު އެވެ.

ރައީސް ނަޝީދު ގަރާރު ގެންދެވިކަން އިއުލާން ކުރެއްވީ ބަރުލަމާނީ ގަރާރު ހުށަހެޅުއްވުމަށް އެމްޑީޕީގެ ކޮންގްރެސް ރިޔާސަތުގައި އިންނެވި އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެ ގަރާރު ހުށަހެޅުއްވުމަށް ރައީސް ނަޝީދަށް ފުރުސަތު ދެއްވުމުންނެވެ.

ކޮންގްރެސްގެ ބައިވެރިންނާ މުހާތަބް ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ބަރުލަމާނީ ގަރާރު މިވަގުތަށް މަޑުޖައްސާލީ ކަމަށެވެ. ނަމަވެސް ފަހުން އަދި އެކަމުގައި އުޅުއްވާނެ ކަމުގެ އިޝާރާތެއް ދެއްވެވި އެވެ.

"އެހެންވީމާ އަޅުގަނޑު ދެކޭ ގޮތުގައި މި ގަރާރު މިތަނުގައި މިއޮތް ގޮތަށް އިހަށް ބާއްވާ އަޅުގަނޑުމެން މިއާ ދޭތެރޭގައި ބަހުސްނުކޮށް ރައީސުލްޖުމްހޫރިއްޔާ އާއި ތިހުރިހާ ބޭފުޅުންނާ މަޝްވަރާކޮށްގެން އަޅުގަނޑުމެންނަށް ރަނގަޅު ގޮތެއް އެންމެންނަށް ގަބޫލުކުރެވޭ ގޮތަށް މިކަމުގައި ފެނިދާނެ،" ނަޝީދު ވިދާޅުވި އެވެ.

ބަރުލަމާނީ ގަރާރު އަނބުރާ ގެންދަވާފައި މިވަނީ އެމްޑީޕީގެ ކޮންގްރެސްގެ އެންމެ ފަހު އައިޓަމެއްގެ ގޮތުގައި ބަރުލަމާނީ ގަރާރު އެޖެންޑާކޮށްފައި ވަނިކޮށެވެ.

ގަރާރު ގެންދިއުމަށް ރައީސް ނަޝީދު ނިންމެވީ އެ ގަރާރު ފާސްކުރުމާ ދެކޮޅު ކަމަށް އެމްޑީޕީގެ ކޮންގްރެސްގެ ބައެއް ބައިވެރިންނާއި އެމްޑީޕީގެ ލީޑަޝިޕްގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުން ހާމަކުރެއްވުމުންނެވެ. ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހް ވެސް ވަނީ ބަރުލަމާނީ ގަރާރު ފާސްކުރުމަށް ދެކޮޅު ހައްދަވާ، އެ ގަރާރު އަނބުރާ ގެންދިއުމަށް ރައީސް ނަޝީދަށް މީގެކުރިން ގޮވާލައްވާފަ އެވެ.

އެމްޑީޕީގެ ކޮންގްރެސްގެ ބައިވެރިންގެ ފަރާތުން ގަރާރަށް ލިބުނީ ވަރަށް ފިނި ތަރުހީބެކެވެ. އެކަމާ ގުޅިގެން އެ ގަރާރަށް ތާއީދު ހޯއްދެވުމަށް، ފަހު ވަގުތާ ޖެހެންދެން ވެސް ރައީސް ނަޝީދު މަސައްކަތް ކުރެއްވި އެވެ. އެގޮތުން ކޮންގްރެސްގައި ވާހަކަދައްކަވަން ލިބިވަޑައިގެންނެވި ކޮންމެ ފުރުސަތެއްގައި ބަރުލަމާނީ ގަރާރު ޕްރޮމޯޓް ކުރައްވާ އެ ގަރާރު ފާސްކޮށްދެއްވުމަށް ކޮންގްރެސްގެ ބައިވެރިންގެ ކިބައިން އެދިވަޑައިގަންނަވަމުން ގެންދެވި އެވެ. ކޮންގްރެސްގެ ބައިވެރިން އިއްޔެ ފަރިއްކުޅުއްވަން ތިއްބަވަނިކޮށް އެތަނަށް ވަޑައިގެންވެސް އެ ގަރާރު ފާސްކޮށްދެއްވުމަށް ރައީސް ނަޝީދު އާދޭސް ދެންނެވި އެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް އާންމު ވޯޓަކަށް ދާން ނަޝީދު ބާރު އަޅުއްވާއިރު އެ މަސައްކަތް 2007 ވަނަ އަހަރު ވަނީ ކޮށްފަ އެވެ. ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ރައްޔިތުންގެ ނިންމީ ރިޔާސީ ނިޒާމަށް ގައުމު ހިންގުމަށެވެ.