ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ ބެހޭ މައްސަލައެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު ގެންދަވަނީ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް މަސައްކަތް ކުރުމަށްޓަކައި ހާއްސަ ކެމްޕޭނެއް ހިންގަވަމުންނެވެ. ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށްޓަކައި އެކަމާ ގުޅޭ ހާއްސަ ގަރާރެއް ވެސް ރައީސް ނަޝީދު ވަނީ މާދަމާ ފަށާ އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅުއްވާފަ އެވެ.
ނަމަވެސް ރައީސް ސޯލިހް ވަނީ ބަރުލަމާނީ ނިޒާމަށް އެމަނިކުފާނު ތާއީދު ނުކުރައްވާ ކަމަށާއި ވެރިކަމުގެ ނިޒާމުގައި މައްސަލައެއް އޮތް ކަމަށްވެސް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރު އެމްޑީޕީގެ ކޮންގްރެސްގައި ފާސްނުވާނެ ކަމުގެ ޔަގީންކަން ދެއްވުމަށްފަހު ރައީސް ވަނީ ނަޝީދުގެ ގަރާރު އަނބުރާ ގެންދިއުމަށްވެސް ގޮވާލައްވާފަ އެވެ.
ރައީސް ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ވުރެ މިވަގުތު ގައުމުގައި ހުރި މައްސަލަތައް ހައްލުކުރުން މާމުހިއްމު ކަމަށެވެ. ރައީސް ނަޝީދު ބަރުލަމާނީ ގަރާރު ހުށަހެޅުއްވީ މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާ މަޝްވަރާ ނުކޮށް ކަމަށް ސިފަކޮށްދެއްވަމުން ރައީސް ވިދާޅުވީ ގަރާރު އޮތީ "ޅަފަތުގައި" ކަމަށެވެ.
ރައީސް ސޯލިހްގެ މިވާހަކަތަކަށް ރައީސް ނަޝީދު ރައްދު ދެއްވީ ބަރުލާމާނީ ނިޒާމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް އެމްޑީޕީގެ ހަރުގޭގައި ރައީސް ނަޝީދު ކުރިއަށް ގެންދަވާ މަަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން މިރޭގެ ބައްދަލުވުމުގަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ ތަންތަނުގެ ވިސްނޭ ވެރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުތަކަށް ވަދެވަޑައިގެން އެ ވޯޓުގެ ނަތީޖާގެ ކުރިން ވަކި ކޮޅެއް ނަންގަވައިގެން ނޫޅުއްވާ ކަމަށެވެ. އެގޮތަށް ވަކިކޮޅެއް ނަންގަވައިފިނަމަ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ކޮންމެވެސް ދުވަހަކުން އަދިވެސް ވޯޓު ނަގާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"މިބާވަތުގެ ނިޒާމީ ވާހަކައަކަށް ރައީސުލްޖުމްހޫރިއްޔާ ވެދެވަޑައިގަންނަވާކަށް އެއްގޮތަކަށްވެސް ޖެހިވަޑައެއް ނުގަންނަވާނެ. އެއްގޮތަކަށްވެސް ރައީސުލްޖުމްހޫރިއްޔާއާ ބެހޭވެސް ވާހަކައެއް ނޫން މިއީ ހަގީގަތުގައި." ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ބަރުލަމާނީ ނިޒާމު ގެނައުމަށް މަސައްކަތް ކުރަނީ މަދު ބައެއް ކަމަށް ބުނެ ވާހަކަދައްކަނީ މާޒީގައި ލާފައިވާ ވޯޓުތަކުގެ ނަތީޖާއަށް ނުބަލާ ކަމަށެވެ. އެމްޑީޕީން އެންމެ ފުރަތަމަ 2008 ވަނަ އަހަރު ވެރިކަމަށް އައުމަށް ކެމްޕޭން ފެށުމުން އިސްލާހަށް އޭރު މަސައްކަތް ކުރި މީހުންނަކީ މަދު ބައެއް ކަމަށް އޭރުގެ ސަރުކާރުން ބުނި ކަމުގައި ނަޝީދު ވިދާޅުވި އެވެ. ނަމަވެސް އޭރުވެސް ގިނަ ވޯޓު ހޯދައި ވެރިކަން ލިބުނީ އެމްޑީޕީއަށް ކަމަށް ފާހަގަކުރެއްވި އެވެ. ނިޒާމީ ވޯޓަކަށް ނުގޮސްފިނަމަ މިހާރުގެ ސަރުކާރަށް މުސްތަގުބަލްގައި ގެއްލޭނެ ވޯޓުތަކެއް ހުންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރާއްޖެ މިއަދު މިއޮތް އިގްތިސޯދީ ހާލަތުން އަރައިގަތުމަށްޓަކައިވެސް ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލުކުރަންޖެހޭ ކަމަށެވެ. އަވަށްޓެރި ސްރީލަންކާ ދަރާފައި އޮތް އިރުވެސް އެ ގައުމުން މިހާރު މަސައްކަތް ކުރަނީ ފުރިހަމަ ބަރުލަމާނީ ނިޒާމެއް ގެނައުމަށް ކަމުގައިވެސް ވިދާޅުވި އެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް އާންމު ވޯޓަކަށް ދާން ނަޝީދު ބާރު އަޅުއްވާއިރު އެ މަސައްކަތް 2007 ވަނަ އަހަރު ވަނީ ކޮށްފަ އެވެ. ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ރައްޔިތުންގެ ނިންމީ ރިޔާސީ ނިޒާމަށް ގައުމު ހިންގުމަށެވެ.