ރައީސް މުހައްމަދު ނަޝީދު

އިންތިގާލީ ބަރުލަމާނީ ނިޒާމު ފެބްރުއަރީގައި ފެށޭނެ: ނަޝީދު

Aug 15, 2022

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރެވޭނެ ކަމަށާއި އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ބަރުލަމާނީ ނިޒާމުގެ އިންތިގާލީ މަރުހަލާ ފަށާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ކޮންގްރެސް އަށް އެމަނިކުފާނު ހުށަހަޅުއްވާ ބަރުލަމާނީ ނިޒާމުގެ ގަރާރުގައިވާ ބައެއް ކަންކަން ހިއްސާކުރައްވާ، އެ އިސްލާހު އާންމުކުރައްވާފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ހަޔާތުގައި އެމަނިކުފާނު ކަންކަމާ ކުރިމަތިލައްވަނީ އެކަމެއް ކާމިޔާބު ކުރައްވަން ކަމަށާއި އެހެންކަމުން ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަށް އެމަނިކުފާނު ގާނޫނުއަސާސީއަށް ހުށަހަޅުއްވަން ބޭނުންވާ އިސްލާހުތައް އެމްޑީޕީގެ ކޮންގްރެސްގައި ފާސްވެ އަދި ދިވެހި ރައްޔިތުންގެ ތާއީދު ވެސް އެކަމަށް ލިބޭނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ ބަރުލަމާނީ ގަރާރު އެމްޑީޕީގެ ކޮންގްރެސްގައި ފާސްވުމާ އެކު ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް މިއަހަރުގެ ތެރޭގައި ފެންނަ ނުފެންނަ ވޯޓެއް ނެގޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ބަރުލަމާނީ ނިޒާމުގެ އިންތިގާލީ މަރުހަލާ ފެށިގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ގެނެވި އެ އިސްލާހުތަކުގެ ދަށުން އަންނަ އަހަރު ބާއްވަންޖެހޭ އިންތިހާބު ބޭއްވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ނަޝީދު ހުށަހަޅުއްވާ ބަރުލަމާނީ ނިޒާމު ބައްޓަންކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ބޮޑުވަޒީރެއް ހުންނަވާ ގޮތަށެވެ. ގަރާރުގައިވާ ގޮތުން ބޮޑުވަޒީރަކީ ސަރުކާރުގެ އެންމެ އިސްފަރާތެވެ. ރައީސުލްޖުމްހޫރިއްޔާ އަކީ ދައުލަތުގެ އެންމެ އިސް ފަރާތެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރު ސަރުކާރު ހިންގައި ރައީސުލްޖުމްހޫރިއްޔާ ދައުލަތުގެ އެންމެ އިސް ފަރާތުގެ ގޮތުގައި ހުންނަވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންނަވަން އުޅޭ އިސްލާހް އެ މަނިކުފާނު މިއަދު އާއްމުކުރައްވައިފި އެވެ.

އަންނަ ހުކުރު ދުވަހު ފަށާ އެމްޑީޕީގެ ކޮންގްރެސް އަށް ބަރުލަމާނީ ނިޒާމާ ގުޅޭ ގަރާރު ހުށަހަޅުއްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ކޮންގްރެސްގައި އެ ގަރާރާ މެދު ކޮންމެ ގޮތަކަށް ނިންމި ނަމަވެސް ކޮންގްރެސްގެ ނިންމުންތައް ގަބޫލުކުރައްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ.

ރައީސް ނަޝީދުގެ ގަރާރުގައިވާ ގޮތުން ބޮޑުވަޒީރު ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ގޮނޑި ކާމިޔާބު ކުރާ ޕާޓީ އަކުންނެވެ. އެއްވެސް ޕާޓީއަކަށް އަގުލަބިއްޔަތު ނުލިބިއްޖެނަމަ މަޖިލީހުން ގޮނޑި ކާމިޔާބު ކުރާ ޕާޓީތަކާ ގުޅިގެން ސަރުކާރު އެކުލަވާލެވިދާނެ ކަމަށްވެސް ގަރާރުގައިވެ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ހޮވާނީ ރައްޔިތުންގެ އާންމު ވޯޓަކުންނެވެ.

ގަރާރުގައިވާ ގޮތުން ބޮޑުވަޒީރަށް ވަޒީރުންގެ މަޖިލިސް އެކުލަވާލުމަށް ބާރު ލިބިވަޑައިގެންނެވި ނަމަވެސް ޑިފެންސް މިނިސްޓަރާއި ފޮރިން މިނިސްޓަރު އައްޔަންކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ ލަފާ ބޮޑުވަޒީރު ހޯއްދަވާ ޖެހިވަޑައިގަންނަވަ އެވެ.

ރައީސްއަށް ލިބިވަޑައިގަންނަވާ ބާރުތައް

  • މިނިވަން ކޮމިޝަންތަކާއި މަގާމުތަކަށް މީހުން އައްޔަންކުރުން
  • ރައްޔިތުންގެ މަޖިލިސް އުވާލުމުގެ ބާރު
  • ސިފައިންގެ އެންމެ މަތީވެރިޔާ
  • ތަހުގީގީ ކޮމިޝަންތައް އުފެއްދުން
  • ހަނގުރާމަ ނުވަތަ ސުލްހަ އިއުލާންކުރުން
  • ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުން
  • ކުށްވެރިންނަށް މައާފްކޮށްދިނުމާއި އަދަބު ލުއިކޮށްދިނުން
  • ގައުމީ މައްސަލަތަކުގައި ރައްޔިތުންގެ ވޯޓު ނެގުން
  • ސަފީރުން އައްޔަންކޮށް ސަފީރުންގެ ފަތްކޮޅު ބަލައިގަތުން
  • ގައުމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ކަނޑައެޅުން
  • އިނާމާއި ޝަރަފާއި ލަގަބާއި މެޑަލް ދިނުން

ރައީސް މުހައްމަދު ނަޝީދުގެ ގަރާރުގައި ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތާއި ޖުޑިޝަލް ސާވިސް އެކުލެވިގެންވާ ގޮތް ބަދަލުކުރަންވެސް ހުށަހަޅުއްވާފައިވެ އެވެ. އަދި ސުޕްރީމް ކޯޓުގައި ތިއްބަވަންޖެހޭ ފަނޑިޔާރުންގެ އަދަދު ގާނޫނުއަސާސީގައި ހިމެނުމަށްވެސް ހުށަހަޅުއްވާފައިވެ އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ބަރުލަމާނީ ނިޒާމަކަށް ގައުމުގެ ހިންގުން ބަދަލުކުރުމަށްޓަކައި ވާހަކަދައްކަވަންޖެހިވަޑައިގަންނަވާ ކޮންމެ ބޭފުޅަކާ ވާހަކަދައްކަވާނެ ކަމަށެވެ. ވަކިން ހާއްސަކޮށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ތާއީދު ބޭނުންވާ ކަމުގައިވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.