ރައީސް މުހައްމަދު ނަޝީދު

"އަނަސް ބޮޑުވީ ފްލެޓް ދޮންބެއާއެކު، ފްލެޓް އަޅާނެ"

މާލެ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރު އިންތިހާބު ކޮށްދެއްވައިފިނަމަ މާލޭގައި ފެލްޓް އަޅާ ބޯހިޔާވަހި ކަމުގެ މައްސަލައަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރަށްވެހި ފަތިސް ކެންޕޭން ފަށަން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މާލެއަށް ވެސް މުޅި ރާއްޖެއަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހި ކަމުގެ މައްސަލަ ކަމަށެވެ. އަނަސްއަކީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކޮށްދެއްވަން މަސައްކަތް ކުރައްވާނެ މޭޔަރަކަށް ވާނެ ކަމަށާ އަނަސްގެ މޭޔަރު ކަމުގައި ފްލެޓް އަޅާނެ ވިސްނުން ހުންނާނެ ކަމަށެވެ.

"އެއްވެސް ޝައްކެއް ނެތް މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައި މި އިންނެވި [އަނަސް] ކެންޑިޑޭޓް އުފަންވީ އައްޑިހަ ހަތަރުވަނަ އަހަރު. އޭނާ ބޮޑު ވެގެން ގޮސްފައި އެ ވަނީ ފްލެޓް އެޅުމުގެ ވާހަކަ ދައްކަމުން ދައްކަމުން. އޭނާއަށް އެނގުނު ސިޔާސީ ފިލާވަޅެއް ވެއްޖިއްޔާ އެނގިފައި އޮވެއްޖިއްޔާ އޮންނާނީ ފްލެޓް އެޅުމުގެ ވާހަކަ. އެއީ އޭނާ އޭނާ ބޮޑުވެގެން އައީ 'ފްލެޓް ދޮންބެ' އާ އެކުގައި ކަމަށްވީމަ،" ނަޝީދަށް ނިސްބަތްކޮށް އެމްޑީޕީގެ ސަޕޯޓަރުން ބޭނުން ކުރާ ނަމަކުން އަނަސްއަށް އިޝާރާތް ކުރައްވާ ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ދެކެމުން އައި ލާމަރުކަޒީ ނިޒާމުގެ ހަގީގީ މަންޒަރު އަންނަ އިންތިހާބަށް ފަހު ފެންނާނެ ކަމަށެވެ. ކައުންސިލްތަކަށް ފުރިހަމަ ބާރު އެބައޮތް ކަމަށާ ކައުންސިލަރުން މަގާމާ ހަވާލުވާނީ އެ ބާރުވެރި ކަމުގައި "ދަގަނޑު ދަހަނާ" އަޅައިގެން ކަމަށް ވެސް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ސިޔާސީ މަސައްކަތަށް ނުކުންނެވީއްސުރެ އެމަނިކުފާނު އެންމެ ބޮޑަށް ދެއްކެވީ ދިވެހިރައްޔިތުންނަށް ބޯހިޔާވަހިކަން ލިބެން ޖެހޭ ވާހަކަ ކަމަށެވެ. އެ ވާހަކަ އަދިވެސް ދައްކަވާނެ ކަަމަށާ އެ ވާހަކަ ދެއްކުން ހުއްޓާ ނުލައްވާނެ ކަމަށެވެ. އަދި ސިޔާސީ މަސައްކަތުގައި ދެމި ތިބިހާ ހިނދަކު، ވެރިކަމުގައި ތިބޭ ނަމަ އެކަން ކޮށް ދިނުމަކީ ރައްޔިތުންނަށް ދަރާފައިވާ ދަރަންޏެއް ކަމަށް ދެކޭނެ ކަމަށްވެސް ވިދާޅުވި އެވެ.

"މާލޭ މީހާގެ ބިންކޮޅު، މުޅި ރާއްޖޭގެ އެންމެންގެ ބޯހިޔާވަހިކަން. އަޅުގަނޑުގެ މުޅި ސިޔާސީ ހަޔާތުގައި ގައިމު ވެސް މި ދައްކަނީ މި ވާހަކަ. ދެންވެސް އަޅުގަނޑު ދައްކާނީ އެ ވާހަކަ. ހުއްޓާނުލާ އަޅުގަނޑު ދައްކާނީ އެ ވާހަކަ. މިރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވާން ޖެހޭނެ. އަޅުގަނޑުމެން ސަރުކާރާ ދެމި ތިބޭނަމަ، އަޅުގަނޑުމެން ސިޔާސީ މަސައްކަތުގައި ދެމި ތިބޭނަމަ އެއީ އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަށް ދަރާފައިވާ ބޮޑު، ބޮޑު، ބޮޑު ދަރަންޏެއް. އެކަން ގަބޫލުކުރާން ޖެހޭނެ. ހާއްސަކޮށް މި މާލޭގައި ދިރިއުޅޭ ނިކަމެތި ރައްޔިތުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މި ސަރުކާރަށް ދެ އަހަރު ވެގެންދިޔައިރު ކެންޕެއިންގައިވެފައިވާ ބައެއް ވައުދުތައް ފުއްދިފައި ނުވާތީ ރައްޔިތުން އެމަނިކުފާނާ ސުވާލު ކުރާ ކަމަށްވެސް ވިދާޅުވިއެވެ. ރިޔާސީ އިންތިހާބުގައި މާލެ ރައްޔިތުންނަށް ގޯތި ކަނޑާފައި ދޭނެ ކަމަށް އެމްޑީޕީން ވައުދުވީ ކަމަށާ އެ ގޯއްޗާއި ފްލެޓް ކޮބައިތޯ ރައްޔިތުން އެމަނިކުފާނާ ސުވާލު ކުރާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ މަސައްކަތް އަބަދުވެސް ބިނާވެފައި އޮންނާނީ އެ މަސައްކަތް ހަގީގަތަކަށް ހެދުމަށް ކަމަށްވެސް ވިދާޅުވިއެވެ.

"އެންމެ ފަހުން ނިކުތް އިންތިހާބުގައިވެސް އަޅުގަނޑުމެން ބުނިން ގޯތި ކަނޑާފައި ދޭނަމޭ. އޭނާ އެބަ އަހާ އަޅުގަނޑު ގާތުގައި ކޮބައިހޭ ބިންކޮޅު. އޭނާ އެބަ އަހާ އަޅުގަނޑު ގާތު ކޮބައިހޭ ތިމަންނާގެ ފްލެޓް، ކޮބާހޭ ތިންމަންނާގެ ބޯހިޔާވަހިކަން. އަޅުގަނޑުމެންގެ ސިޔާސީ ހަޔާތް ބިނާވެފައި އޮންނާނީވެސް ކުރިއަށް ގެންދާނީވެސް އެ މުހިންމު މަސައްކަތް ހަގީގަތަކަށް ހެދުމަށް. އަޅުގަނޑު އިތުބާރު ކުރަން އަޅުގަނޑުގެ ރައީސުލްޖުމްހޫރިއްޔާއަށް. އަޅުގަނޑަށް އެނގޭ ރައީސުލްޖުމްހޫރިއްޔާއާއެކީގައި މިކަން އަޅުގަނޑުމެންނަށް ކުރެވޭނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.