ރައީސް މުހައްމަދު ނަޝީދު

ހިޔާ ފްލެޓް އެންމެ ހައްގު މީހުން ސަރުކާރަށް ސާފު: ނަޝީދު

ހިޔާ މަޝްރޫއުގެ ދަށުން ކުރީ ސަރުކާރުން އިމާރާތްކުރި 7،000 ފްލެޓް ލިބެން އެންމެ ހައްގު މީހުން ސަރުކާރަށް އެނގޭ ކަމަށާ އެ މީހުން ކަނޑައަޅަން ފްލެޓް ކޮމެޓީން ކޮށްފައި ވަނީ ވަރަށް ފުރިހަމަ މަސައްކަތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ފްލެޓް ލިބޭނެ ފަރާތްތައް ފްލެޓް ކޮމެޓީއަށް ކަނޑަ ނޭޅޭނެ ކަމަށް މީގެ ކުރިން ވިދާޅުވި ރައީސް ނަޝީދު ފްލެޓް ކޮމެޓީގެ މަސައްކަތްތަކަށް ތައުރީފު ކުރައްވާފައި ވަނީ މާލޭގައި އެމްޑީޕީގެ ޖަގަހައެއް ހުޅުވުމަށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މާފަންނު ޖަގަހަ ހުޅުވައި ރައީސް ނަޝީދު ވިދާޅުވީ ކުރީ ސަރުކާރުން އިމާރާތްކުރި 7،000 ފްލެޓް ދޭނެ މީހުން ކަނޑައެޅިއިރު ކުރީ ސަރުކާރުން ގަސްތުގައި އޮޅުވާލީ ކަމަށެވެ.

އެެހެން ކަމުން އެކަން ރަނގަޅު ކުރުމަށް ފްލެޓް ކޮމެޓީއެއް އުފައްދަން ޖެހުނު ކަމަށާ އެ ކޮމެޓީގެ މަސައްކަތް ވަރަށް އާދަޔާ ހިލާފުވެފައި ފުރިހަމަ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ފްލެޓް ކޮމެޓީގެ މަސައްކަތް ވަރަށް ފުރިހަމަ. ވަރަށް ރަނގަޅު. އާދަޔާ ހިލާފު. މިވަގުތު ސަރުކާރުން 7،000 ފްލެޓާ ގުޅޭގޮތުން ނޭނގޭ ހަމަ އެކައްޗެއް ވެސް ނެތް. ހައްގު ވަނީ ކާކަށްކަން މާ ސާފުކޮށް އިނގޭ. އެންމެ ބޮޑަށް ސަރުކާރަށް އެނގޭ އެއް ހަގީގަތަކީ ހުރިހާ އެންމެނަށް ވެސް ހައްގުކަން. އެންމެނަށްވެސް ބޯ ހިޔާވަހިކަން ބޭނުން ވާކަން. ބަހާލަން އޮތް ބޯކިބާ ކުޑަކަމުން މި ކޮންމެވެސް ބަޔަކަށް އެންމެ ފުރަތަމަ ދޭން މި ޖެހެނީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ހިޔާގެ ކެޓަގަރީތަކުން ފްލެޓް ލިބޭނެ މީހުން ކަނޑައެޅިއިރު ސިވިލްސާވިސް މުވައްޒިފުންނަށް ހާއްސަކުރި 1000 ފްލެޓް ދޭނެ މީހުން ކަނޑައެޅީ އެ މީހުންގެ ހާލަތު ވެސް ނުބަލާ ކަމަށެވެ. އެއީ ވަރަށް ދެރަކޮށް ކޮށްފައިވާ ކަމެއް ކަމަށެވެ.

ފްލެޓް ކޮމެޓީގެ މަސައްކަތަށް ތައުރީފު ކުރައްވާ ރައީސް ނަޝީދު މިފަހަރު ވާހަކަދެއްކެވި ނަމަވެސް ހިޔާ މަޝްރޫއުގެ ދަށުން ކުރީ ސަރުކާރުން އިމާރާތްކުރި 7،000 ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓް އާންމު ކޮށްފައިވާއިރު އެ ލިސްޓްގައި ކުށް ހުންނާނެ ކަމަށް އެމަނިކުފާނު ކުރިން ވަނީ ވިދާޅުވެފަ އެވެ. އަދި ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓް އާންމު ކޮށްފައިވާއިރު އެ ލިސްޓުން މިހާރު ވެސް ގިނަ މައްސަލަތަކެއް ފާހަގަ ކުރެވިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ.

ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓް ލިބޭ މީހުންގެ ދާއީމީ ލިސްޓް އާންމު މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުގެ ރެއެވެ. އާންމު ކުރި ލިސްޓްގައި 6،720 މީހެއްގެ ނަން ހިމަނާފައި ވެއެވެ. ހިޔާ މަޝްރޫއުގެ ދަށުން އަޅާފައި ވަނީ 7،000 ފްލެޓެވެ. އެ ފްލެޓްތަކަށް 25،000 ވުރެ ގިނަ މީހުން ފޯމް ހުށައެޅި އެވެ.

ހިޔާ ފްލެޓްތައް ދޭނެ ބަޔަކު ނިންމާ ކުރީ ސަރުކާރުން ވެސް ލިޔުން ދޫކުރި އެވެ. މި ސަރުކާރުން އުފެއްދި ފްލެޓް ކޮމެޓީން އެ ލިސްޓަށް ބަދަލު ގެނެސް އެތައް ބަޔަކު ވަނީ ލިސްޓުން އުނި ކޮށްފަ އެވެ. އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުމާއި ޝަކުވާ ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

މި މަހުގެ އަށް ވަނަ ދުވަހު އޮތް ބައްދަލުވުމެއްގައި ރައީސް ސޯލިހް ވިދާޅުވީ ކުރީ ސަރުކާރުން އެޅި ފްލެޓް ބެހުމުގައި އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި މި ސަރުކާރުން ފައިނަލް ލިސްޓެއް ނެރުނަސް އަދިވެސް ބަލަން ޖެހޭ ކަންކަން ބަލާނެ ކަމަށެވެ. ރައީސް އެ އިޝާރާތް ކުރައްވަނީ ފްލެޓްތައް ދޫކުރުމުގެ ކުރިން ޕްލޭނިން މިނިސްޓްރީން އިތުރަށް ބަލަންޖެހޭ ކަންކަން ބަލާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވާ ބުނުމަށެވެ.

ރައީސް ވަނީ ދާއިމީ ލިސްޓާމެދު އެއްވެސް ޝަކުވާ އޮތް ނަމަ މައްސަލަ ހުށައެޅުމަށާއި އެކަންކަން ބެލުމަށް ފަހު އެންމެ ހައްގު މީހާއަށް ފްލެޓް ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

"ހިޔާ ފްލެޓްތައް ބެހުމުގައި އެބަހުރި އުނދަގޫތަކެއް. ދެން މިހާރު ލިބޭނެ ކަމަށް ދެވިފައި އެހުރި ލިޔުންތަކާއެކުވެސް އަދިވެސް މައްސަލަތަކެއް ހުރި ކަމަށް ވަންޏާ ފައިނަލްކޮށް އެވޯޑް ކުރުމުގެ ކުރިން ބަލަމުން ޕްލޭނިން މިނިސްޓްރީން ގެންދާނެ. އެހެންވީމަ ތިބޭފުޅުންގެ އެއްވެސް ޝަކުވާއެއް އޮވެއްޖިއްޔާ އަޅުގަނޑުމެންނާ ހަމައަށް ފޯރުކޮށްދީމާ އެކަން ހިނގާފައި އޮތް ގޮތެއް އަޅުގަނޑުމެން ބަލާނަން، ބަލާފައި އެންމެ ހައްގު ފަރާތަށް އެ [ފްލެޓް] ދެވޭތޯ ބަލާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް އެރޭ ވަނީ ފައިނަލް ލިސްޓުން މިހާރު ވެސް ގިނަ މައްސަލަތަކެއް ފާހަގަ ކުރެވިފައިވާ ކަމަށް ފުރަތަމަ ފަހަރަށް ވިދާޅުވެފަ އެވެ. ވިދާޅުވީ މިހާރު ވެސް ސާޅީހަކަށް ފްލެޓްގެ ކަަންކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ އެ ފްލެޓްތައް ދޭނީ ނުކުޅެދުންތެރިކަން ހުންނަ މީހުން ނިސްބަތްވާ އާއިލާތަކަށް ކަމަށެވެ. ދެން ރައީސް ވިދާޅުވީ ފްލެޓް ލިސްޓުން ސަތޭކައެއްހާ ފްލެޓް ބަދަލު ކުރެވިއްޖެނަމަ މިހާރު އޮތް މައްސަލަތަކަށް ހައްލެއް ލިބިދާނެ ކަމަށެވެ.

ނަމަވެސް ރައީސް އެ އިޝާރާތް ކުރައްވަނީ ސީދާ ކޮން މައްސަލައަކަށް ކަމެއް ވިދާޅެއް ނުވެއެވެ. ފްލެޓްތައް ދިނުމުގައި ކަނޑައަޅާފައިވާ އުސޫލަށް ބަދަލު ގެނައުމުން 280 ފްލެޓް ގެއްލިގެން ދިޔައިރު ކުރީ ސަރުކާރުން ލިޔުންދިން އެތަށް ސަތޭކަ ބަޔަކު ލިސްޓުން އުނިވިއެވެ. އޭގެ ތެރޭގައި ވަރަށް ދަތި ހާލުގައި މާލޭގައި ދިރިއުޅޭ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ނިސްބަތްވާ އާއިލާތައް ހިމެނެއެވެ.

"މިހާރުވެސް އޭގެ ތެރެއިން ސާޅީހަކަށް ފްލެޓް އަޅުގަނޑުމެންނަށް ފާހަގަ އެބަ ކުރެވޭ. އެހެންވީމަ އަޅުގަނޑުމެން މި ގަސްތު ކުރަނީ ނުކުޅެދުންތެރިކަން ހުންނަ އާއިލާތަކަށް އެބައި ބަދަލުކުރަން. އެހެންވީމަ މީގެ ތެރެއިން ސަތޭކައެއްހާ ފްލެޓް އަޅުގަނޑު ހިތުން ބަދަލު ކުރެވިއްޖެއްޔާ މިވަގުތަށް މި އޮތް ބޮޑު މައްސަލައަކަށް ހައްލެއް އަތުވެދާނެ ކަމަށް ގަބޫލުކުރެވޭތީ އެ ވިސްނުމުގައި އަޅުގަނޑުމެން މަސައްކަތްތަކެއް އެބަ ކުރަން،" އެމްޑީޕީގެ ރަށްވެހި ފަތިސް ބައްދަލްވުމުގައި ރައީސް ވިދާޅުވިއެވެ.