ރައީސް މުހައްމަދު ނަޝީދު

ބޯހިޔާވަހިކަން ލިބެންޖެހޭ ވާހަކަ ހުއްޓާނުލާ ދައްކާނަން: ނަޝީދު

މުޅި ސިޔާސީ ހަޔާތުގައި ވެސް އެމަނިކުފާނު އެންމެ ބޮޑަށް ދެއްކެވީ ދިވެހިރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދުމުގެ ވާހަކަ ކަމަށާ އަދިވެސް އެ ވާހަކަ ހުއްޓާ ނުލައްވާ ދައްކަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި އެމްޑީޕީގެ ރަށްވެހި ފަތިސް ކެންޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ މަސައްކަތަށް ނުކުންނެވީއްސުރެ އެމަނިކުފާނު އެންމެ ބޮޑަށް ދެއްކެވީ ދިވެހިރައްޔިތުންނަށް ބޯހިޔާވަހިކަން ލިބެން ޖެހޭ ކަމަށެވެ. އެ ވާހަކަ އަދިވެސް ދައްކަވާނެ ކަަމަށާ އެ ވާހަކަ ދެއްކުން ހުއްޓާ ނުލައްވާނެ ކަމަށެވެ. އަދި ސިޔާސީ މަސައްކަތުގައި ދެމި ތިބިހާ ހިނދަކު، ވެރިކަމުގައި ތިބޭ ނަމަ އެކަން ކޮށް ދިނުމަކީ ރައްޔިތުންނަށް ދަރާފައިވާ ދަރަންޏެއް ކަމަށް ދެކޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"މާލޭ މީހާގެ ބިންކޮޅު، މުޅި ރާއްޖޭގެ އެންމެންގެ ބޯހިޔާވަހިކަން. އަޅުގަނޑުގެ މުޅި ސިޔާސީ ހަޔާތުގައި ގައިމުވެސް މި ދައްކަނީ މި ވާހަކަ. ދެންވެސް އަޅުގަނޑު ދައްކާނީ އެ ވާހަކަ. ހުއްޓާނުލާވެސް އަޅުގަނޑު ދައްކާނީ އެ ވާހަކަ. މިރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވާން ޖެހޭނެ. އަޅުގަނޑުމެން ސަރުކާރާ ދެމި ތިބޭނަމަ، އަޅުގަނޑުމެން ސިޔާސީ މަސައްކަތުގައި ދެމި ތިބޭނަމަ އެއީ އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަށް ދަރާފައިވާ ބޮޑު، ބޮޑު، ބޮޑު ދަރަންޏެއް. އެކަން ގަބޫލުކުރާން ޖެހޭނެ. ހާއްސަކޮށް މި މާލޭގައި ދިރިއުޅޭ ނިކަމެތި ރައްޔިތުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މި ސަރުކާރަށް ދެ އަހަރު ވެގެންދިޔައިރު ކެންޕެއިންގައިވެފައިވާ ބައެއް ވައުދުތައް ފުއްދިފައި ނުވާތީ ރައްޔިތުން އެމަނިކުފާނާ ސުވާލު ކުރާ ކަމަށްވެސް ވިދާޅުވިއެވެ. ރިޔާސީ އިންތިހާބުގައި މާލެ ރައްޔިތުންނަށް ގޯތި ކަނޑާފައި ދޭނެ ކަމަށް އެމްޑީޕީން ވައުދުވީ ކަމަށާ އެ ގޯއްޗާއި ފްލެޓް ކޮބައިތޯ ރައްޔިތުން އެމަނިކުފާނާ ސުވާލު ކުރާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ މަސައްކަތް އަބަދުވެސް ބިނާވެފައި އޮންނާނީ އެ މަސައްކަތް ހަގީގަތަކަށް ހެދުމަށް ކަމަށްވެސް ވިދާޅުވިއެވެ.

"އެންމެ ފަހުން ނިކުތް އިންތިހާބުގައިވެސް އަޅުގަނޑުމެން ބުނިން ގޯތި ކަނޑާފައި ދޭނަމޭ. އޭނާ އެބަ އަހާ އަޅުގަނޑު ގާތުގައި ކޮބައިހޭ ބިންކޮޅު. އޭނާ އެބަ އަހާ އަޅުގަނޑު ގާތު ކޮބައިހޭ ތިމަންނާގެ ފްލެޓް، ކޮބާހޭ ތިންމަންނާގެ ބޯހިޔާވަހިކަން. އަޅުގަނޑުމެންގެ ސިޔާސީ ހަޔާތް ބިނާވެފައި އޮންނާނީވެސް ކުރިއަށް ގެންދާނީވެސް އެ މުހިންމު މަސައްކަތް ހަގީގަތަކަށް ހެދުމަށް. އަޅުގަނޑު އިތުބާރު ކުރަން އަޅުގަނޑުގެ ރައީސުލްޖުމްހޫރިއްޔާއަށް. އަޅުގަނޑަށް އެނގޭ ރައީސުލްޖުމްހޫރިއްޔާއާއެކީގައި މިކަން އަޅުގަނޑުމެންނަށް ކުރެވޭނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.